މިނިމަމް ވޭޖްގެ ގޮތުގައި އެންމެ މަދުން ދެވޭނެ ކަމަށް މިނިމަމް ވޭޖް ބޯޑުން ކަނޑައެޅި އަދަދު އިކޮނޮމިކް މިނިސްޓަރު ކުޑަކޮށްފައިވަނީ މަދު މަހުޖަނުން ކޮޅެއް ރުއްސަަން ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަނުން ކޮންގްރެސް އިން ބުނެފިއެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި މިނިމަމް ވޭޖް އެއް ކަނޑައެޅިގެން ދިއުމަކީ އެކަމުގެ ހެޔޮ އަސަރު މަސައްކަތްތެރިންނަށް ކުރާނެ ކަމެއް ކަމާއި މެދަކު ޝައްކެތް ނެތް ކަމަށެވެ.

މިނިމަމް ވޭޖް ކަނޑައެޅުމުގައި ބޭނުންކުރި ފޯމިއުލާއަކީ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ބެލެންސްޑް އެޕްރޯޗެއްކަން ފާހަގަކޮށް އެ ޖަމިއްޔާއިން ބުނީ ސަރުކާރު އަދި މަސައްކަތްތެރިންގެ އިއްތިފާގުން ފާސްކުރެވުނު އަދަދުތަކަށް، އިކޮނޮމިކް މިނިސްޓަރު، ބަދަލު ގެނައުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"ތިން ފަރާތް އެކުލެވޭ ބޯޑަކުން ނިންމާ ނިންމުމަކަށް އެއް ފަރާތުން ބަދަލު ގެނައުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކަންކުރަމުންދާ ގެ ގޮތެއް ނޫން. މިގޮތަށް ކަންކުރުމަކީ އައިއެމްއޯ އަދި ބައިނަލް އަގްވާމީ އުސޫލުތަކާއި މުޅިން ހިލާފުކަމެއް" ބަޔާނުގައި ބުނެފައިވއެވެ.

މިނިމަމް ވޭޖް އިއުލާން ކުރިއިރު ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް މިނިމަމް ވޭޖު ގޮތުގައި ކަނޑައަޅާފައި ވަނީ މަހަކު 4،500ރ. އެވެ. އެއީ ގަޑިއިރަކަށް 21.63ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން ބަލައިގެންނެވެ. މިއީ ބޯޑުން ލަފާދިން ވަރަށް ވުރެ މަހަކު 500ރ. ކުޑަ އަދަދެކެވެ.

ޕްރައިވެޓް ސެކްޓަރުގައި ކުދި ފަންތީގެ ވިޔަފާރިތަކަށް ގަޑިއިރަކަށް 24.04ރ. ގެ މަގުން، ވަޒީފާއާ ބެހޭ ގާނޫނުގައި އެންމެ ގިނަވެގެން ހަފްތާއަކަށް މަސައްކަތް ކުރެވޭނެ 48 ގަޑިއިރުގެ ނިސްބަތުން މަހަކު 5،000ރ. ކަނޑައަޅަން ބޯޑުން ލަފާދީފައި ވެއެވެ.

މެދު ފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅަން ބޯޑުން ލަފާދީފައިވަނީ ގަޑި އިރަކަށް 33.65ރ. ގެ މަގުންނެވެ. އެއީ މަހެއްގެ މައްޗަށް ބަލާއިރު 7،000ރ. އެވެ. ޕްރައިވެޓް ސެކްޓަރުގައި މެދު ފަންތީގެ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 21.63ރ. އެވެ.

ޓްރޭޑް ޔޫނިއަނުން ބުނީ 4500 ރުފިޔާއަށް ކުޑަކުރުމަކީ، ފުލްޓައިމް މަސައްކަތްކުރާ ފަރާތްތަކަށް އެކަށިގެންވާ މުސާރައެއް ނޫން ކަމަށެވެ. ދޮށީ އުމުރުގެ އަސާސީ އެލަވަންސްގެ ގޮތުގައި އަދި އިންކަމް ސަޕޯޓްގެ ގޮތުގައި 5000 ރުފިޔާ ދޭން ނިންމުނުއިރު، އަށްގަޑިއިރު މަސައްކަތްކުރާ ފަރާތަކަށް 5000 ރުފިޔާ ދޭން ސަރުކާރަށް ނުފެނުމަކީ ކަންބޮޑުވުމެއް ކަމަށްވެސް ބުންޏެވެ. ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖުން މަހްރޫމު ކުރުމަކީވެސް ހަގީގީ މަގްސަދު ގެއްލި ކަންބޮޑުވުން ހިމެނޭ ކަމެއްކަމުގައި ޓްރޭޑް ޔޫނިއަނުން ބުންޏެވެ.

އަލަށް މިނިމަމް ވޭޖް ކަނޑައެޅިގެން ދާއިރު މިހާރުވެސް ވަޒީފާ އަދާކުރާ ފަރާތްތަކުގެ އެންމެބޮޑު ކަންބޮޑުވުމަކީ ވަޒީފާއާ ބެހޭ ގާނޫނު ތަންފީޒު ކުރެވެމުން ނުދިއުމެވެ.

"މިނިމަމް ވޭޖް ފަދަ މުހިއްމު ސިޔާސަތެއް ކަނޑައެޅިގެން އަންނައިރު ރަނގަޅަށް ތަންފީޒު ނުކުރެވިއްޖެނަމަ ނޭދެވޭ އަސަރު ބޮޑުވާނެ ކަމުގައި ދަންނަވަން" ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނި ގޮތުގައި ސަރުކާރުގެ ނިންމުމުގެ ސަބަބުން ގިނަ ދިވެހީންނަށް ވަޒީފާ ނުލިބި ފަގީރުކަމާއި ކުރިމަތިލާން ޖެހުމުގެ ކަންބޮޑުވުން އެބައޮތެވެ. އަދި ވޭޖްގެ ސިޔާސަތަކީ އިހުލާސްތެރިކަމާއި އެކު ކުރެވޭ ކަމަކަށް ހަދައި، އެ ނިންމުން ފުރިހަމައަށް ތަންފީޒު ކުރެވޭނެ ނިޒާމެއް އެކުލަވާލަން އެ ޖަމިއްޔާއިން ގޮވައިލިއެވެ. އަދި މިނިމަމް ވޭޖްގެ ހަގީގީ ފައިދާ މަސައްކަތްތެރިންނަށް ކުރާނެހެން، ރެގިއުލޭޓްކުރުމަށްވެސް ގޮވާލިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަމަ

    މަަހުޖަނުން ނުރުހޭވަރު ކުރާނެއެއްނު އޭރުން މުއައްޒަފުން

  2. މުޙައްމަދު

    ޔުނިވާރސެލާ ، ޝަމްޕާޔާ، ޤާސިމު މެންއެދޭގޮތަށް ނިމިފަ އޮތްކަމެއް ތިކަމަކީ.

  3. އަބްދޫ

    އެންމެ ކުޑަމުސާރަ ކަނޑައެޅުން ސަރުކާރަށް ލާޒިމް ކުރާގޮތަށް ވާހަކަ ދައްކަމުންއައީ ވެރިކަމަށް މަގުފަހި ކުރަންދެއްކި ވާހަކައެއްގެ ގޮތުގަ . އެއީ އެމްޑީޕީން ކިޔާ 3 އަރަތުގެ ތެރޭންއަރަތެއް.ކުޑަކުޑަ ގައުމަކަށް ވެފަ ގައުމާއި އެކަށީގެން ނުވާ މިންވަރަށް ސަރުކާރުން ލޯނު ދީގެން ވިޔަފާރި ހިންގާ ބަޔަކަށް އެންމެ ކުޑަ މުސާރަޔަށް 10000 ކަނޑައަޅަނީ ކިހިނެތް. ވަރިކަމުގެ ކެމްޕޭނުގަ 10000 ކަނޑައަޅާނެކަމަށް ބުނި. ދެންބުނީ ބަނާމަހަށް ހަމައަގު ހޯދާދޭ އަރަތް މިވެސް އަގުހެދުނު އިރު މިހާރު ލިބޭވަރަށް ވުރެވެސް މަދުވީ ދެންއޮތީ ހައްގު މިންވަރު ހޯދާދޭވާހަކަ މިހާރު މިގައުމު ދާގޮތަށް ވިސްނާއިރު ހައްގު މިނަވަރު ލިބޭނީ ކާނެއެއްޗެއްނުލިބި ބަނޑަށް މަރުވެގެން ކައްވަޅަށް ދާހިސާބުން. މިހެނމިބުނީ ދަރަނި ނަގަމުންގޮސް ދައުލަތަށް ލިބޭއާމްދަނީ އިން ދަރަނު ދައްކާފަ އެދަރަނީގެ އިންޓަރެސް ދައްކާފަ އެއްޗެއްބާކީ ނުވެގެން ރައްޔިތުން ބަނޑަށް ޖެހިގެން މަރުވަން ނުފެށޭނެ ބާއޭ ހިތަށް އެބައަރާ.

  4. މިތުރާ

    ރައްޔިތުން އިތުރަށް ފަގީރުކުރަން ކުރިކ ކަމެއް އެއީ، ޔޫނިޔަން އިން މަސައްކަތުމީހުންގެ ހައްގުތައްހޯދަން ކުރާ ކަމެއްނުފެނޭ، ފުރަތަމަ ޖެހެނީ ފިޔަފާރިވެރިންގެ ޖީބުން ނި ކުންނަން،،