ހުޅުމާލޭގައި ބިދޭސީންގެ ގުރޫޕަކުން ބިދޭސީއަކަށް އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ހުޅުމާލޭގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަތް ބިދޭސީއެއްގެ ގައިގައި ތަޅައި، މާރާމާރީއެއް ހިންގާފައިވާ ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން ނުދެއެވެ.

މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ފޮޓޯ އިން ފެންނަނީ ގްރޫޕަކުން ބިދޭސީ މީހާގެ ގައިގައި ތަޅައި އަނިޔާ ކުރަމުންދާ މަންޒަރެވެ. އަދި އެމީހާގެ ގަމީސް އިރާލައި ބިން މައްޗަށް ވައްޓާލައި ކޮޅުފައިން ބަޔަކު ތަޅާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

މިކަމުގައި ހަ މީހަކު އުޅޭ ތަން ވީޑިއޯ އިން ފެނެއެވެ.އަދި އެމީހުން ހުއްޓުވަން އެތާ ތިބި ބައެއް ބިދޭސީން މަސައްކަތް ކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެ ބިދޭސީން ބުނެފައިވާ ގޮތުގައި އެމީހާ ގައިގައި ތަޅައިގަތީ ވައްކަމުގެ މައްސަލައެއްގައެވެ.