ކޮންމެ އަހަރަކަށް ދައުލަތުގެ ބަޖެޓް ތައްޔާރު ކުރަން ޖެހެނީ ގައުމީ ތަރައްގީގެ ޕްލޭންގެ ތެރެއިން ކަމަށް ގާނޫނުން ލާޒިމުކޮށްފައި އޮތް ނަމަވެސް މި އަހަރާ ހަމައަށް ވެސް އެ ލާޒިމު ކުރާ ޕްލޭން އެކުލަވާލާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ބަޖެޓްގެ ބަހުސްގައި، އަލީ ހުސައިން އެންމެ ފުރަތަމަ ވެސް ފާހަގަ ކުރެއްވީ 2014 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނުގެ ދަށުން ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ލާޒިމުކޮށް ކޮންމެ އަހަރެއްގެ ބަޖެޓް ވެސް ތައްޔާރު ކުރަން ޖެހެނީ އޭގެ ތެރެއިން ކަމުގައެވެ.

އެހެން ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމިގެން ދިޔައީ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލުމުގެ އެއްވެސް މަސައްކަތެއް ނުކޮށް ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

މިހާރު ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަލީ ހުސައިން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އަކީ މަޖިލީހުގައި 25 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅަކަށް ވާތީ "ސްޓޭޓްމަންއެއް" ގެ ސިފަ ފެންނާނެ ކަމަށް އުއްމީދު ކުރެވުނު ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ވެރިކަމުގެ މިހާ ހަމައަށް އައި އިރު ވެސް އެ ކަން ކުރާ މަންޒަރު ނުފެންނަ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ވެރިކަމުގައި ހުންނެވީ 25 އަހަރު މި ރައްޔިތުންގެ މަޖިލީހުގައި ހޭދަކުރައްވާފައި ހުންނެވި ބޭފުޅެއް، އެހެންވެ އަޅުގަނޑު ހީކުރީ ސްޓޭޓްސްމަންއެއްގެ ސިފަ ފެންނާނެ ކަމެއް، އެކަމަކު ގާނޫނުގައި ބަޔާން ކުރާ ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލާފައެއް ނެތް،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ގާނޫނުގައި ގައުމީ ތަރައްގީގެ ޕްލޭން އެކުލަވާލަން ބަޔާން ކޮށްފައި އޮތީ ހުރިހާ ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކާއި ޖަމިއްޔާ ޖަމާއަތްތައް ހިމެނޭ ގޮތަށް މަޝްވަރާ ކުރެވި ޚިޔާލުތައް ހޯދައިގެން ތައްޔާރު ކުރުމަށެވެ.

އެކަމަކު އެ ޕްލޭން ތައްޔާރު ކޮށްފައި ނުވާއިރު ކޮންމެ އަހަރަކު ފޮނުވާ ބަޖެޓްގައި އޮންނަނީ ރަށްރަށުގެ ކައުންސިލަރުންގެ ތެރެއިން ނުފޫޒުގަދަ ބޭފުޅަކު ނޫނީ ނުފޫޒުގަދަ މަޖިލިސް މެންބަރުންތަކެއް ބޭނުންވާ ކަންކަން ހިމަނައިގެން ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

"ހަމަ ކޮންމެ އަހަރަކު ކޮންމެ ވެސް މެންބަރަކު ބުނާ ބައެއް ލައިގެން އެ އުސޫލުން ކަންކަން ހިމަނާ ގޮތް އަދި ވެސް އަމަލު މި ކުރަނީ، ބަޖެޓެއް ބަހާލުމަކީ ވަރަށް ފަސޭހަ ކަމެއް، އެކަމަކު ބަޖެޓް ވާން ޖެހޭނީ ވަށައިގެންވާ ކޮންމެ މައްސަލައަކަށް އެޓެންޑް ކުރަން ޖެހޭ ކަމެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ ދުނިޔެ ހޫނުވުމާއި މޫސުމީ ބަދަލުތަކާއި ރަށްރަށް ގިރާ ވާހަކަ މި ސަރުކާރުގެ އިސް ބޭފުޅުން ވެސް "ހަރު އަޑުން" ދެއްކި ނަމަވެސް އެއަށް އަމަލު ނުކުރެވޭ ކަމަށެވެ. އެ ކަމަށް ބަޖެޓުން ވެސް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކައިރީ އޮންނަ ކޮންމެ ފަޅެއް ހިއްކާނަމަ ދެން ތިމާވެށީގެ ދައްކާނަމަ ލަދު ގަނޭ، ތިމާވެށީގެ ވާހަކަ ދައްކާތީ ދުނިޔެ ވެސް އަޅުގަނޑުމެންނަށް މަލާމާތް އެބަ ކުރޭ، 2030 އަށް ކާބަން ނިއުޓްރަލް ގައުމަކަށް ވާން ކިޔާއިރު މި 30 އަހަރު ދާން އޮތް މިސްރާބެއް ނޭނގިގެން މި އުޅެނީ،" އަލީ ހުސައިން ވިދާޅުވިއެވެ.

އަލީ ހުސައިން ވިދާޅުވީ އަހަރަކަށް ފަހު އަހަރެއް ދިވެހި ދައުލަތުގެ ބަޖެޓް ބޮޑުވަމުން ދާއިރު އައި އަހަރަކަށް ފަހު އަހަރެއް އޭގެ ދަރަނި ބޮޑުވާއިރު، އާމްދަނީ ހޯދަން އާ ކަމެއް ތައާރަފް ކުރެވޭ މަންޒަރެއް ވެސް ކުޑަމިނުން ނުފެންނަ ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސސ

    ޤައުމީ ތަރައްޤީގެ މާސްޓާރ ޕުލޭނެއް ނެތި ހަދާބަޖެޓް ތިޔައީ ހަމައެކަނި އަހަރު ދުވަހުގެ ދައުލަތުގެ ރިކަރެންޓް ހަރަދު ހިމަނާފައި އޮންނަ ބަޖެޓެއް ! ބަޖެޓުން ޤައުމީ ތަރައްޤީ ހާސިލްވާނެ މިންވަރު ބަޖެޓުން ފެނިގެންދާނެބާ !

  2. އިސްޢާފް ސަލީމް

    އެއްވެސް ޕްލޭނެއް ނެތް! ދެންހަމަ ހިތަށްއެރި އެއްޗެއް ލިޔެފަ ހިތަށްއެރި އަދަދެއް ޖަހާފަ އެހުރީ! 2019 ، 2020 ، 2021 ވެސް ބަޖެޓްގެ ލިޔުންގަނޑު މޮޅު! ވީކަމެއް ޙަރާމުން ހަރާން

  3. ކަބުރުބޭ

    ތިހުރީ ކެންދޫ ދާއިރާއިން ޤާނޫނު ލާޒިމުކުރާ ޕްލޭން ހޯދަން

  4. ނަރުދޫ ހަސަނު

    ލައްބަ. ޤާނޫނު ލާޒިމުކުރާ ޕްލޭން ހޯދަން ހޮވާފަ ހުރި ބޭފުޅެއް ތީ. ހޯދަ ހޯދާ ހުންނަވާ