ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ދަށުން ހުށަހަޅަން ނިންމާފައިވާ ބިލުތަކުގެ ތެރެއިން ހަތަރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެޓާނީ ޖެނެރަލް އޮފީހުން ރައީސް އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެ ހަތަރު ބިލަކީ ކޯޓުތަކުގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލާއި، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭތަކެތީގެ ބައިނަލްއަގުވާމީ ވިޔަފާރިކުރުމުގެ ބިލާއި، ފެނާއި ނަރުދަމާގެ ގާނޫނަށް އިިސްލާހު ގެނައުމުގެ ބިލެވެ.

މި ހަތަރު ބިލުގައި ހިމެނޭ ކަންކަން އޭޖީ އޮފީހުން މިއަދު ވަނީ ހާމަކޮށްފައެވެ. ކޯޓުތަކާއި ބެހޭ ގާނޫނަށް ގެންނަ އެއްބަދަލީ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ވަކިވަކި ގޮފިތައް އުވާލުމަށާއި، ކޯޓުތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ކޯޓުތަކުގެ ގާނޫނަށް އިސްލާހުތައް ގެނައުމަށް ބިލުގައި ވަނީ ހިމަނައިފަ އެވެ.

ހައިކޯޓުގެ ދެކުނު ގޮފި ހުންނަނީ ސ. ހުޅުމީދޫ ގައެވެ. އުތުރުގޮފި ހުންނަނީ ހދ. ކުޅުދުއްފުށީގަ އެވެ. ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރު 16، 2015 ވަނަ ދުހުން ފެށިގެންނެވެ. ހައިކޯޓުގެ ދެކުނު ގޮފިން ބަލާނީ ގއ. ގދ. ޏ އަދި ސ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތަކުގެ ތެރެއިން އިސްތިއުނާފުކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ހައިކޯޓުގެ އުތުރުގޮފި ހުޅުވުނީ އޮކްޓޯބަރު 22، 2018 ގައެވެ. ކުޅުއްދުއްފުށީގައި ހުންނަ ހައިކޯޓުގެ ގޮފިން ބަލަނީ ހއ، ހދ، ށ، ނ، ރ، އަދި ބ ގެ މެޖިސްޓްރޭޓު ކޯޓުތަކުން ނިންމާ މައްސަލަތުކުގެ ތެރެއިން އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލަތަކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހައިކޯޓުގެ ދެގޮފި އުފެއްދި އެއްސަބަބަކީ ހައިކޯޓުގައި ތިބި ފަނޑިޔާރުންތަކެއް އެގޮފިތަކަށް ބަދަލުކުރުން ކަމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. މިހާރު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އިންނެވި ޑރ.އަޒްމިރަލްދާ ޒާހިރަކީ ވެސް ހައިކޯޓުގެ އުތުރު ގޮތްޕަށް ބަދަލު ކުރެއްވުމުން އަމިއްލައަށް އިސްތިއުފާ ދެއްވި ފަނޑިޔާރެކެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުން ރާއްޖޭގައި ގާއިމުވެފައިވާ އަދުލުއިންސާފުގެ ނިޒާމުގައި ހިމެނޭ ޝަރުއީ ކޯޓުތަކާއި އެ ކޯޓުތަކުން ހިންގާ ޝަރީއަތްތައް ހިނގަމުންދަނީ އެ ނިޒާމުގައި ކަންކަން ތަރުތީބުކުރެވިފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި އެ ކޯޓުތަކަށް ކަނޑައެޅިފައިވާ އަހުތިސޯސްއާއި ބާރުގެ ދާއިރާގެ ތެރޭގައިކަން ކަށަވަރުކުރުމަށްޓަކައި ގާނޫނަށް ބަދަލު ގެންނަން ވަނީ ހުށަހަޅައިފަ އެވެ.

ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފުކުރުމަށް މައްސަލައާ ގުޅުންހުރި މީހުންނަށް ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 56 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްޓަކައި، ކަމާގުޅޭ އުސޫލުތައް ކުރިއެކޭވެސް އެއްފަދައިން ގާނޫނުގައި ކަނޑައެޅުމަށްޓަކައި ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ބިލުގައި ހިމަނާފައި ވާނެ ކަމަށް އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެންނަ އިސްލާހުގައި ވިހެއުމާ ގުޅިގެން ނުވަތަ ދަރިއަކު ލިބުމާ ގުޅިގެން ފަނޑިޔާރުންނަށް ލިބިދެވޭ ޗުއްޓީއަކީ އެކަށީގެންވާ މުއްދަތަކަށް ލިބިދެވޭ ޗުއްޓީއެއް ކަމުގައި ކަނޑައެޅުމަށްޓަކައި ވެސް އިސްލާހް ހުށަހަޅާފަިއ ވެއެވެ.

ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަގްވާމީ ވިޔަފާރިކުރުމުގެ ބިލުގައި އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ކަންތައްތަކުގެ ތެރޭގައި ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޒުކުރުމަށްޓަކައި ހުށަހަޅާފައިވެ އެވެ. އެގޮތުން ދެމެހެއްޓެނިވި ގޮތެއްގައި ނޫން ގޮތަކަށް ކުރާ ބައިނަލްއަގްވާމީ ވިޔަފާރީގެ ސަބަބުން ނެތިދިޔުމުގެ ބިރު ހީވެފައިވާ އަދި ނެތިދިޔުމުގެ ނުރައްކާ ކުރިމަތިވެފައިވާ އަދި އެކްސްޕްލޮއިޓްކުރެވޭ ޖަނަވާރާއި ގަސްގަހާގެއްސާއި، އެ އެއްޗެހީގެ ބައިތަކާއި އުފެއްދުންތައް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެ ތަކެތީގެ ވިޔަފާރިކުރުމާއި، އެތަކެތި އެއް ތަނުން އަނެއް ތަނަށް ގެންދިޔުމާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން ފެނާއި ނަރުދަމާގެ ގާނޫނު ތަންފީޒުކުރުމުގައި އެންވަރަންމަންޓް މިނިސްޓްރީ އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ދިމާވާ ބައެއް އިދާރީ ދަތިތައް ހައްލުކުރުމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތް ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި ފެނާއި ނަރުދަމާގެ ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

މި ދައުރުގައި ސަރުކާރުން ހުށަހެޅި ބިލުތަކުގެ ތެރޭގައި ހެއްކާ ބެހޭ ބިލާއި، މަދަނީ އިޖުރާތުގެ ބިލު، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލު އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގާނޫނަަށް އިސްލާހު ގެންނަން ހުށަހެޅި ބިލު ހިމެނެ އެވެ.

ނަވާރަ ވަނަ މަޖިލީހަށް ޖުމްލަ މިހާތަނަށް 102 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހެޅި އެވެ. އޭގެ ތެރެއިން 75 ބިލެއް ފާސްކޮށް މިހާރު ވަނީ ތަސްދީގުކޮށްފަ އެވެ.