18 އަހަރު ނުފުރޭ ކުޑަކުދިންނަށް ގެވެށި އަނިޔާކޮށްގެން، މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 200 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފްޕީއޭ) ގެ ތާފަސްހިސާބުތަކުން ދައްކައިފިއެވެ.

މި އަހަރުގެ ފުރަތަމަ ތިން ކުއާޓާގައި އެފްޕީއޭ އަށް ހުށަހެޅި ގެވެށި އަނިޔާގެ މައްސަލަތަކުގެ ރިޕޯޓުގައި ބުނެފައިވަނީ 18 އަހަރުން ދަށުގެ ކުދިންނަށް އަނިޔާކޮށްގެން 223 މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެންމެ ގިނައިން މައްސަލަ ހުށަހަޅާފައި ވަނީ ފުރަތަމަ ކުއާޓާގައެވެ.

އަހަރުގެ ފުރަތަމަ ކުއާޓާގައި 111 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ދެވަނަ ކުއާޓާގައި 18 އަހަރުން ދަށުގެ 53 ކުއްޖަކަށް އަނިޔާ ލިބިގެން ރިޕޯޓު ކޮށްފައިވާއިރު، ތިންވަނަ ކުއާޓާގައި 59 ކުއްޖަކަށް އަނިޔާލިބިފައިވާ ކަމަށް އެފްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

މި އަހަރުގެ މިހާތަނަށް އެ އިދާރާ އަށް ހުށަހަޅާފައި ވަނީ ގެވެށި އަނިޔާގެ 475 މައްސަލައެކެވެ. މިދިޔަ އަހަރު އެ އިދާރާ އަށް މުޅި ޖުމްލަ 615 މައްސަލައެއް ހުށަހަޅާފައިވެއެވެ.

ގެވެށިގެ އަނިޔާގެ ގޮތުގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ޖިސްމާނީ އަނިޔާ އާއި ޖިންސީ އަނިޔާ އާއި ބިރުދެއްކުމާއި މާލީ ގޮތުން ދަތިކުރުމާއި އަދި އެކި ގޮތްގޮތުން ގޯނާކުރުމުގެ މައްސަލަތައް ކަމަށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އެ އޮތޯރިޓީގެ ތަފާސްހިސާބުތަކުގެ ރިޕޯޓުގައިވެއެވެ.

މިއަދު އެފްޕީއޭއިން އާންމު ކޮށްފައިވާ މި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ދެން އެންމެ ގިނައީ މައިންބަފައިން، ބެލެނިވެރިން ނުވަތަ ބަލަދުވެރިންގެ ގޮތުގައި ކުއްޖަކު ބަލާބޮޑުކުރުމުގެ ޒިންމާއާ ހަވާލުވެފައިވާ މީހުންގެ ފަރާތުން ގެވެށި އަނިޔާ ލިބިފައިވާ މައްސަލަތަކެވެ. އެފަދަ މައްސަލަތަކުގައި 457 ފަހަރު ކުދިންނަށް އަނިޔާކޮށްގެން ރިޕޯޓްކޮށްފައިވެއެވެ.

މި އަހަރުގެ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ އަންހެނުންނެވެ. އެއީ 454 މީހުންނެވެ. ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން 142 މީހެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ.