ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ދިވެހިންނަށް އޭގެ ނުސީދާ ގެއްލުން ވާނެ ކަމެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް މިނިމަމް ވޭޖު ކަނޑައަޅައި މިދިޔަ ހޯމަ ދުވަހު އިއުލާނު ކޮށްފައިވާއިރު، ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނީ، އިންޓަނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުގެ ލަފާގެ މަތިން މަސައްކަތތެރިންނާއި ވަޒީފާ ދޭ ފަރާތްތަކާއި ސަރުކާރުގެ ބައިވެރިންވުމާއި އެކީ ރައީސް އެކުލަވާލެއްވި މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑު ސަރުކާރަށް އަރުވާފައިވާ ލަފަޔާއި ހިލާފަށް މިނިމަމް ވޭޖު ކަނޑައަޅާފައިވާތީ އެކަމާއި ކޮންބޮޑުވާ ކަމަށެވެ.

އެލަފަޔާއި ހިލާފަށް މިނިމަމް ވޭޖު ކަނޑައެޅުމުން ސަރުކާރުގެ ސިޔާސަތުތައް ނިންމުމުގައި ހުރީ ކޮންކަހަލަ އަދި ކޮންބައެއްގެ ނުފޫޒުތަކެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ޓްރާންސްޕޭރެންސީން ބުނީ، މިނިމަމް ވޭޖުގެ ނިޒާމުގެ ތެރޭގައި ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ އެންމެން ހިމަނަން ޖެހޭނެ ކަމަށެވެ.

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުލިބުމަކީ މިހާރު ވެސް ބިދޭސީ މަސައްކަތްތެރިންނާއި ދޭތެރޭ އޮންނަ ތަފާތު ކުރުންތައް އިތުރުވެ، އެ މަސައްކަތްތެރިންގެ ހައްގުތައް ގެއްލި، އެމީހުންނަށް ދެވޭ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

ބިދޭސީންނަށް މިނިމަމް ވޭޖު ނުދިނުމަކީ ރާއްޖޭގައި މިހާރު ވެސް އޮތް އިންސާނީ ވަގުފާރީގެ މައްސަލަ އިތުރަށް ގޯސްވެދާނެ ކަމެއް. ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމެއް. މީގެ ސަބަބުން ވަޒީފާ ދޭ ފަރާތްތަކުން މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ނުދިނުމުގެ މަގުސަދުގައި ކުޑަ މުސާރައަކަށް ބިދޭސީ މަސައްކަތްތެރިން ލައްވާ މަސައްކަތް ކުރުވުމަށް މަގުފަހި ވެގެންދާނެ" ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

މިނިމަމް ވޭޖެއްގެ މަގުސަދަކީ މަސައްކަތްތެރިން މަސައްކަތް ކުރާ ގައުމެއްގައި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ތަނަވަސް ކޮށްދިނުން ކަމަށާއި އެހެންކަމުން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނަށް މިނިމަމް ވޭޖު ނުދެވޭނެ ސަބަބެއް ކަމަށް، އެމީހުންގެ ރަށްވެހިކަން އޮންނަ ގައުމުގެ މިނިމަމް ވޭޖު ދޭ އަދަދުތައް ރާއްޖޭގެ މިނިމަމް ވޭޖު އަދަދުތަކަށް ވުރެ ކުޑަ ކަމަށް ބުނުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޓްރާންސްޕޭރެންސީއިން ބުނެއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކާއި ގުދުރަތީ ނާޒުކު ކަމުގެ ވާހަކަތައް ވަރަށް ގަދައަޑުން ދެކެވޭ ދުވަސްވަރެއްގައި މަސައްކަތްތެރިންނަށް ދިރިއުޅެވޭ ވަރުގެ އުޖުރަ ނުވަތަ ލިވަބަލް ވޭޖެއް ކަނޑައެޅުމަކީ އިންތިހާއަށް މުހިންމު ކަމެއް ކަމަށާއި ދެކޮޅު ޖެހޭ ވަރުގެ މުސާރައެއް ނުލިބޭ ފަރާތްތަކަށް ދުޅަހެޔޮ ތިމާވެއްޓާއި ރައްޓެހި ދެމެހެއްޓެނިވި ދިރިއުޅުމުގެ ވައްޓަފާޅިއެއް ބައްޓަން ކުރުމަށް ދަތިވާނެ ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

މި ސަބަބުތަކާއި ހުރެ މިހާރު އިއުލާނު ކުރެވިފައިވާ މިނިމަމް ވޭޖު އިސްލާހު ކުރުމަށާއި މިސިޔާސަތުގެ ތެރޭގައި ބިދޭސީ މަސައްކަތްތެރިން ހިމެނުމަށްފަހު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ކުރުމަށް ޓްރާންސްޕޭރެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލީ

    މިރަށުގައި އާބާދީ 1300 މީހުން ހަމަނުވާއިރު ބިދޭސީން އެބައުޅެ 150 މީހުން މީބޮޑުވަރުދޯ. މިމީހުން އެބަޖެހޭ މިގައުމުން މަދުކުރަން ، މިރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އަދަދު އެބަޖެހޭ ލިމިޓްކުރަން

  2. ދިވެހި ރައްޔިތެއް

    ޢަބަދުވެސް ބިދޭސީންނަށް ބޮޑުމުސާރަނުދެވިގެން އެމީހުންގެ ޙައްޤު ހޯދަން ބަޔަކުތެޅިމަރުވާތަން މި ފެންނަނީ. މިޤައުމަށް އުފަން ދޭސީން އަނގަޔާ އަތާ ދިމާނުވެގެން އުޅޭއިރުވެސް މިކަމާ ކަންބޮޑުނުވަނީ އަޅެފަހެ ކީއްވެތަ؟😠

    5
    1
  3. ޙާމިދު

    މިހާރުވެސް ރަނގަޅީ ބޭރު މީހުންނަށް އަހަރުމެން އުޅޭ ރިސޯޓްގަ ހަމަ އެއް ވަޒީފާގަ އުޅޭ ބިދޭސީ މީހަޔަށް 1000ޑޮލަރު މުސާރަދޭ އިރު އެމަގާމުގަ އުޅޭ ދިވެހި މީހާޔަށް ނުދޭ 400ޑޮލަރު ވެސް މުސާރަޔަށް. އޭގެ އިތުރުން ބިދޭސީ މީހާޔަށް ހަމަ ބަރާ ބަރަށް ހަފްތާގެ އޮފް ނެގޭ ދިވެހި މީހާ އޮފެއްދޭން ބުނީމަ ބިޒީ ކަމުން ނުދެވޭ. އަދިކޮބާ ވިސާ ދައްކާފަ އަހަރަކު އެއްފަރު ޗުއްޓީއަށް ރަށަށް ޓިކެޓް ނަގާފަ ފޮނުވަދޭ. މީ އަދި 100% ދިވެހި ވެރިން ހިންގާ ތަންތާގަ ދިވެހިންނަށް ކުރާތަފާތު.

  4. ޖާބެ

    ކޮންލަފަޔެއް ކޮބާ މިގަޢުމުން ބޭރައް ފޮނުވާހާ ފައިސާ ކޮބާ ކޭޝިއަރުންނައް ބަންގްލަދޭޝް މީހުން ދެންހުރި ތަނެއްގަވެސް ހޮޓާ ހޮޓަލުގަވެސް މިދެން ކޮންކަމެއްބާ ޓްރާންސްޕޭރަންސީ އަކީ ދިވެހިންނާ ދެކޮޅައް މަސައްކަތްކުރާ ޖަމާއަތަކާ ވައްތަރީ، ދިވެހިންނައް ގެއްލުންވާނެ ހުރިހާކަމެއްގަ އެކްޓިވޭޓްވާނެ.. ބޭރުގެ ނުފޫޒުން ގައުމު ހަލާކުކރާ ޖަމާއަތްތައް