ޢިލްމު އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒްއިން ކުރިއަށް ގެންދަން ޢިއުލާންކޮށްފައިވާ، ކީރިތި ޤުރުއާން ހިތު ދަސް 100 ޙާފިޒުންގެ އުފެއްދުމުގެ ޕްރޮގްރާމަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެ އިންސްޓިޓިއުޓްއިން ބުނެފިއެވެ.

މި ޕްރޮގްރާމްގެ ޕްރޮޖެކްޓް ހެޑަކީ، މަޝްހޫރު ދީނި އިލްމުވެރިޔާ އަލްހާފިޒް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އެވެ. އަދި ޢިލްމް އިންސްޓިޓިއުޓް ފޯރ އިސްލާމިކް ސްޓަޑީޒް އަކީ ޑރ.ޝަހީމްގެ ބެލުމުގެ ދަށުން ހިންގަމުންދާ އިންސްޓިޓިއުޓެކެވެ.

ޢިލްމު އިންސްޓިޓިއުޓް އިން ބުނީ، "ކީރިތި ޤުރުއާން ހިތުދަސް 100 ޙާފިޒުންގެ އުފެއްދުމުގެ މަޝްރޫޢު"ގެ ނަމުގައި އެ އިންސްޓިޓިއުޓުންފަށާ މި ޕްރޮގްރާމަށް ފޯރމް ހުށަހެޅުމަށް 6 ނޮވެމްބަރުގައި ހުޅުވާލުމުން ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. މިގޮތުން 10 ނޮވެމްބަރުގެ ނިޔަލަށް 350 އަށް ވުރެ ގިނަ އެޕްލިކޭޝަން ލިބިފައިވާ ކަމަށް އެ އިންސްޓިޓިއުޓް އިން ބުނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމް

މި ޕްރޮގްރާމްގެ ދަށުން ހިންގާ ފިޒިކަލް ކުލާސް އޮންނާނީ މާލެގައެވެ. އަދި އޮންލައިންކޮށްވެސް ހިފްޒު ކްލާސް ބޭއްވުމަށް ވަނީ ހަމަޖެހިފައިއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެޕްލިކޭޝަންގެ ހުށަހެޅުމުގެ ފަހު ތާރީހަކީ 15 ނޮވެމްބަރ 2021 އެވެ. ކްލާސްތަ ފަށަން ނިންމާފައި ވަނީ މިމަހުގެ 20 ގައެެވެ.

މި ޕްރޮގްރާމްގެ ދަށުން ފިޒިކަލް ކުލާސްތަކުަގއި ބައިވެރި ވެވޭނީ 6 އަހަރާއި 25 އަހަރާއި ދެމެދު ކުދިންނަށެވެ. އަދި އޮންލައިން ކުލާތަކުގައި ބައިވެރިވެވޭ އުމުރު ފުރާއަކީ 12 އާއި 45 އަހަރާ ދެމެދު އެވެ.

މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ ތަޖުރިބާކާރު ޤުރުއާން ހިތުދަސް އުސްތާޒުންނާއި އުސްތާޒާއިން ކަމަށް ޢިލްމު އިންސްޓިޓިއުޓް ވިދާޅުވެއެވެ.

މަޝްރޫޢުގެ ޚާއްޞަ ކަންކަން:

  • އިޖާޒާ ދިނުން: އިޖާޒާއަކީ، ޙިފުޒު ކޮށް ނިމުމުން ޙިފުޒުގެ ސަނަދުން ސިލްސިލާ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ހަމައަށް ގުޅުވައިދިނުމެވެ. މިކަން ކުރާ ގޮތައް ހަމަޖެހިފައިވަނީ އެފަދަ އިޖާޒާ ސަނަދު ލިބިވަޑައިގެންފައިވާ ދަންނަބޭކަލުން ނުވަތަ ޙާފިޒުން ރާއްޖެއިން ބޭރުން ގެނެސްގެން އެކުއްޖަކު ލައްވައި އެބޭފުޅަކަށް ޤުރުއާން އެއްކޮށް ހިތުން ކިޔައިދީގެންނެވެ. ނުވަތަ ޢިލްމު އިންސްޓިޓިއުޓްގެ ޚަރަދުގައި އެދަރިވަރަކު އެފަދަ ތަނަކަށް ފޮނުވައިގެންނެވެ. ޙިފްޒުގެ ސަނަދުގެ ސިލްސިލާއިން ކީރިތި ރަސޫލާއާ ހަމަ އަށް ގުޅުވައިލުމަކީ ޙާފިޒަކަށް ލިބޭނެ ޙިފްޒުގެ އެންމެ މަތިވެރި ޝަރަފެވެ.
  • ޙިފުޒު ކުރުމާއެކު ރީތި ރާގަށް ޤުރުއާން ކިޔަވަން ދަސްކުރުން.
  • ބޭރުގެ އުސްތާޛެއް މެދުވެރިކޮށް ކޮންމެ މަހަކު އެއް ފަހަރު ޢަރަބި ބަހުގެ ކުލާހެއް.
  • ތަޖްވީދުގެ ހަމަތަކުން ކިޔަވަން ދަސްކުރުން.
  • އަންހެން ދަރިވަރުންނަށް ތިއްބަވާނީ އަންހެން އުސްތާޛުން.
  • ތަރުބަވީ ފިލާވަޅުތަކާއި ޤުރުއާނުގެ އަޚުލާޤު ދަސްކޮށްދިނުން.
  • ބޭރުގެ ތަޖުރިބާކާރު އުސްތާޛުން ދަރިވަރުންނާ ބައްދަލުކުރުން.

ޝަރުތު:

  • ޤުރުއާން ބަލައިގެން ރަނގަޅަށް ކިޔަވަން އެނގުން
  • އެކި ވަރަށް ދަސްކޮށްފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ

ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރުގައި ކޮންމެ ދުވަހަކު ދޮޅުގަޑިއިރު ކިޔައިދޭނެ ގޮތަށް ހަމަޖައްސާފައިވާއިރު، މި ކްލާސްތަކުގެ ފީއަކީ މަހަކު 500 ރުފިޔާ އެވެ. މިއީ ހާޟިރުވެގެން ކިޔަވާ ކްލާސް ތަކެކެވެ. އަދި ހަފްތާ ބަންދުގެ ހުކުރު، ހޮނިހިރު އޮންލައިންކޮށް ކުރިއަށް ގެންދާ ކްލާސްތަކުގައި ދޮޅުގަޑިއިރު ކިޔައިދޭނެ އެވެ. މި ކްލާސްތަކުގެ ފީއަކީ މަހަކު 700 ރުފިޔާ އެވެ.