ކ. ތިލަފުށި ބިންތައް ގަވާއިދާ ހިލާފަށް ބޭނުންކުރަމުންދާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދީފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިސަރަހައްދުގައި، އެންމެ ފުޅާ ދާއިރާއެއްގައި ސިނާއީ މަސައްކަތް ކުރަމުންގެންދާ، އަދި ގްރޭޓާ މާލޭ އޭރިއާގެ ވިޔަފާރީގެ ހަބެއްގެ ގޮތުގައި ބޭނުންކުރަމުންގެންދާ ތިލަފުއްޓަކީ ތަފާތު ރަށެއް ކަމުން، މުޅި ރަށުގެ ބިން ވަނީ އެކި އެކި ވިޔަފާރިތަކަށް ކުލީ ބިމުގެ ގޮތުގައި ދޫކުރެވިފައިކަމަށެވެ.

އެ ބިންތަކަކީ އެތަން ތަނުގައި ވިޔަފާރިކޮށް އަދި އެވިޔަފާރިތައް ފުޅާކޮށް އެންމެހާއި ފަރާތްތަކަށްވެސް އާމްދަނީ ހޯދުމަށް މަގުފަހިކޮށްދީ، ރާއްޖޭގެ އިގްތިސާދަށް އަދި ވިޔަފާރިތަކަށްވެސް ކުރިއެރުން ގެނެސްދިނުމަށްޓަކައި، ހާއްސަ ކުރެވިފައިވާ ރަށެއް ކަމަށް ބަޔާނުގައިވެއެވެ.

އެޗްޑީސީން ބުނީ ތިލަފުށީގައި ހިނގަމުންދާ އެކި އެކި ސިނާއި މަސައްކަތްތަކަށް އެންމެ ފަހި ފުރުސަތުތައް މަގުފަހި ކުރުމުގެ ގޮތުން ވަގުތާއި، ހާލަތަށް ރިއާޔަތްކޮށް އެންމެންގެ މަސްލަޙަތަށްޓަކައި ހިފަހައްޓަންޖެހޭ ބައެއް ކަންކަން ހިފަހައްޓަމުން ގެންދާ ކަމަށެވެ.

އެގޮތަށް އަމަލުކުރަން ޖެހެނީ، ތިލަފުށިން އެކި ބޭނުންތަކަށް (ވަގުތީ،އަދި ދާއިމީ ނަމަވެސް) ބިން ދޫކުރެވެނީ ދެފަރާތުގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ތެރެއިން ކަމާއި، މި އެއްބަސްވުމުގައި ދެފަރާތުންވެސް އަމަލުކުރަންޖެހޭ އަދި ހުރުމަތްތެރިކޮށް ހިތަންޖެހޭ ކަންތައްތަކެއް ހިމަނާފައިވާނެ ކަމަށް ބަޔާނުގައިވެއެވެ. އަދި އެއްބަސްވުމާ ޚިލާފުވާ ފަރާތްތަކުގެ އެއްބަސްވުންތައް ބާތިލުކުރެވޭނެކަމަށްވެސް އެ އެއްބަސްވުންތަކުގައި ބަޔާންކޮށްފައިވާނެެ ކަން ފާހަގަކުރިއެވެ.

ނަމަވެސް ބައެއް ފަރާތްތަކުން އެކޯޕަރޭޝަނުގެ އެންގުންތަކާ ހިލާފަށް އަމަލުކުރަމުން ދާތީވެ، އާއްމު މަސްލަހަތު ގެއްލި، އެއްފަރާތުން ހިންގާ އަމަލެއްގެ ސަބަބުން އަނެއްފަރާތުގެ މަސައްކަތަށް ގެއްލުންވެ ނުވަތަ ދަތިވެދާފަދަ އަމަލުތައްވެސް އޭގެ ތެރޭގައި ހިމެނޭތީ އެފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް އެޗްޑީސީން އިލްތިމާސްކުރެއެވެ.

މީގެ ފަހުން މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާ މެދު ހެދިފައިވާ އެއްބަސްވުމުގެ ތެރެއިން އެޅެންހުރި ގާނޫނީ ފިޔަވަޅުތައް އަޅަމުންގެންދާނެ ވާހަކަ ތިލަފުށީގައި ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް އެޗްޑީސީން ވަނީ އަންގާފައެވެ.