އައްޑޫސިޓީ ހިތަދޫގައި ސަރުކާރުން ހަދާ ބަނދަރުގެ މައުލޫމާތު ހިތަދޫގެ ބައެއް މަސްވެރިންނާއި ހިއްސާނުކުރާތީ މަސްވެރިން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަން ނުކުމެއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހަވީރުން ފެށިގެން މަސްވެރިން ގެންދަނީ މިކަމާއި އިހުތިޖާޖް ކުރަމުންނެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ހިތަދޫގެ މަސްވެރިއަކު ބުނީ، ކައުންސިލުން ބަނދަރު ހެދުމަށް މައުލޫމާތު ދިނުމަށް ބައްދަލުވުމެއް ބޭއްވި ކަމަށާއި ބައެއް މަސްވެރިންނަށް އެ ބައްދަލުވުން ބާއްވަން އުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށެވެ.

ކުރިޔާލާ އެއްވެސް އެންގުމެއް ނެތި ކައުންސިލުން ވަކި ބަޔަކު ޝާމިލުކޮށް ބަނދަރުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު މިއީ ހިތަދޫގެ ގިނަ މަސްވެރިން ބާކީކޮށްލުމުގެ ގޮތުން ކައުންސިލުން ކުރި ކަމެއް ކަމަށް މަސްވެރިން ބުނެއެވެ. އަދި ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެންމެ ދެ މަސްވެރިން ކަމަށް ކަންބޮޑުވުން ފާޅުކުރަމުންދާ މަސްވެރިން ބުނެފައިވެއެވެ،

ހިޔާލު ހޯދުމެއް ނެތި ހިތަދޫ ބަނދަރު ހަދާތީ މަސްވެރިން އިހްތިޖާޖަށް - ވަގުތު އިމޭޖްސް

ހިތަދޫގައި މަސްވެރިކަން ކުރަމުންދާތާ އެތައް އަހަރެއް ވެފައިވާ މަސްވެރިންވެސް ނުހިމަނާ ކައުންސިލުން މިފަދަ ބައްދަލުވުމެއް ބާއްވާފައިވާއިރު މީގެ ސަބަބުން މަސްވެރިކަމަށްވެސް މިކަމުގެ އަސަރު ކުރާނެ ކަމަށް އެ މަސްވެރިން ބުނެފައި ވެއެވެ.

”އައްޑޫސިޓީ ހިތަދޫގައި އަލަށް ހަދާ ބަނދަރު ޑިޒައިން ކުރުމުގައި އަހަރުމެންގެ ބައިވެރިވުން އޮންނާނެ ކަމަށް ކުރިން ހީކުރެވުނީ. ނަމަވެސް ފޭސްބުކް އިން ދެތިންދުވަސް ކުރިން މި ފެންނަނީ ބަނދަރު ޑިޒައިން ކުރުމާ ބެހޭ ބައްދަލުވުމެއް ބޭއްވިގެން ދިޔަތަން. މިކަމާ ގުޅިގެން ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރަށް ގުޅުމުން ބުނީ އެ ދާއިރާގެ މަސްވެރިންގެ ބައިވެރިވުން ނެތި އެ ބައްދަލުވުން ނުބޭއްވުމަށް އެންގި ކަމަށް“ ގިނަ އަހަރު ވަންދެން މަސްވެރިކަމުގައި އުޅުނު ވަސީމް ބުނެފައި ވެއެވެ.

ވަސީމް ބުނީ މި މައްސަލަ އާއި ގުޅިގެން އައްޑޫސިޓީ މޭޔަރު އަލީ ނިޒާރަށް ވެސް ގުޅި ކަމަށާއި މޭޔަރު ދެއްވި ޖަވާބަކީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީ އާއި މަޝްވަރާ ކުރުމަށްފަހު އޭނާ އާއި ބައްދަލުކުރައްވާނެ ކަމަށެވެ.

ހިޔާލު ހޯދުމެއް ނެތި ހިތަދޫ ބަނދަރު ހަދާތީ މަސްވެރިން އިހްތިޖާޖަށް - ވަގުތު އިމޭޖްސް

ދާއިރާގެ އެންމެ ފުންނާބު އުސް ކައްޕިއަކަށް ވެސް ހުންނަ ވަސީމް ބުނެފައި ވަނީ އެފަދަ ޖަވާބެއް މޭޔަރު ދެއްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ.

މިއަދުގެ ކުރިން ކައުންސިލާއި ބައްދަލުކުރުމަށް އެތައް ފަހަރަކު އެދުނު ނަމަވެސް ކައުންސިލް އެކަމަށް އެއްވެސް އެދެވޭ ޖަވާބެއް ދީފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ވަސީމް ބުނީ މިއަދު ކައުންސިލަރުން ފުރާއިރު ބަނދަރު ހެދުމުގައި ހިތަދޫގެ މެޖޯރިޓީ މަސްވެރިންގެ ލަފާ ކައުންސިލުން ހޯދާފައި ނުވާތީ ކަންބޮޑުވާ ކަމަށެވެ.

ސަރުކާރުން އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް ހަދާ ބަނދަރު ހަދަން ޖެހޭނީ ހިތަދޫގައި މަސްވެރިކަން ކުރާ ފަރާތްތަކުގެ ގިނަ މީހުންގެ މަޝްވަރާތަކާއި އެކުގައި ކަމަށް ކަންބޮޑުވުން ފާޅުކުރަމުންދިޔަ މަސްވެރިން ބުނެފައިވެއެވެ.

މިފަދަ ބޮޑު ޕްރޮޖެކްޓެއް ސަރުކާރުން ރައްޔިތުންނަށް ޓަކައި ކުރިޔަށް ގެންދަވާއިރު މިކަމުގެ މަޝްވަރާ ރައްޔިތުންނާއި ހިއްސާކުރަން ޖެހޭނެ ކަމަށް މަސްވެރިން ބުނެފައިވެއެވެ.

”ދެކުނުގެ ނިސްބަތުން ބަލާއިރު އައްޑޫސިޓީގައި މަސްވެރިން ގިނަ. ހިތަދޫ ބަނދަރުގައިވެސް މިހާރުވެސް އެކި ސައިޒުގެ މަސްވެރި ދޯނިފަހަރު. އަޅުގަނޑުމެން ހީކުރީ މި ޕްރޮޖެކްޓު އައްޑޫސިޓީގައި ކުރިޔަށް ގެންދާއިރު އޭގެ މައުލޫމާތު ކައުންސިން ދޭނެ ކަމަށް. ނަމަވެސް ކައުންސިލުން އެއްވެސް ގޮތަކަށް އެންގުމަކާއި ނުލައި މި ޕްރޮޖެކްޓުގެ މައުލޫމާތު ދިނުމަށް ވަކި ބަޔަކު ގެންދިޔައީ“ "ވަގުތު"އަށް މައުލޫމާތު ދިން ހިތަދޫ މަސްވެރިއަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ

    ވަރަށް ދެރަކަމެކެވެ ބަނދަރެއް ހަދަންފަށާއިރު އައްޑުއަކަސް
    މައްޑުއަކަސް އެބަނދަރެްް ބޭނުންކުރާ ފަރާތްތަކު ގެ ލަފާ
    ހޯދުމުން ނެރެވޭނަތީޖާ ރަނ ގަޅުވާނެއެވެ
    ބެލެވެނީ މޑޕ ގެ ނަންބޯޑް ބޭނުންކޮށް ގެން އައްޑޫ ރައްޔިތުން ގެ ވޯޓް ފޮއްޓަށް ކުރާކަމެއްކަމު ގައެވެ.