ދިވެހި އަދަބިއްޔާތަށާއި ދިވެހި ފިލްމީ ދާއިރާއަށް ވެސް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައިވާ ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވެއްޖެއެވެ.

ކޮޕީ މުހައްމަދު ރަޝީދަށް ވަނީ ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން، މިދިޔަ އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާފައެވެ. މުޙައްމަދު ރަޝީދަކީ، ދިވެހިބަހާއި އަދަބިއްޔާތަށް، ޚާއްޞަކޮށް ޅެންވެރިކަމުގެ ރޮނގުން ވަރަށްގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. ދިވެހި ޅެން ހެދުމުގެ ރޮނގުން 2005 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މުހައްމަދު ރަޝީދު އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިރޭގެ ވަގުތެއްގައެވެ.

ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއަށް މުޙައްމަދު ރަޝީދު ވެދެވަޑައިގަތީ، އުމުރުން 18 އަހަރުގައެވެ. އޭރުއްސުރެން ފެށިގެން އަދަބީ ރޮނގުރޮނގުން ގެންދެވީ ޚިދުމަތް ކުރައްވަމުންނެވެ. ރާއްޖޭގައި ކުރިން ނެރުނު ބައެއް ނޫސް މަޖައްލާތަކުގައިވެސް މުޙައްމަދު ރަޝީދުގެ ޅެންތައް ޝާއިޢުކުރައްވަމުން ގެންދެވިއެވެ. މީގެތެރެއިން ދުވަހު ނޫސް "މޫންލައިޓް" އާއި، "އެކުވެރިންގެ ރޫޙު" އާއި، "ފަތްތޫރަ"އިގައި ޝާއިޢު ކުރައްވައިފައިވާ ޅެންތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވެއެވެ. އޭގެތެރޭގައި، ދީނީ، ޤައުމީ، ޢިލްމީ، އިޖުތިމާޢީ، ތިމާވެށިފަދަ ރޮނގުތަކުން ހައްދަވައިފައިވާ ލަވަތަކާއި ޅެންތައް ހިމެނެއެވެ. މީގެއިތުރުން، ބޮޑުބެރު ގްރޫޕްތަކަށާއި، ބަނޑިޔާ ގްރޫޕްތަކަށްވެސް ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ.

މުޙައްމަދު ރަޝީދަކީ ޤައުމީ މުނާސަބަތުތަކަށާއި، އެކިއެކި ޚާއްޞަ ޙަފްލާތަކަށާއި، މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށާއި، ރާއްޖޭގައި ނެރެފައިވާ އެކިއެކި ލަވަ އަލްބަމްތަކަށް ގިނަ އަދަދަކަށް ލަވަ ހައްދަވައިދެއްވައިފައިވާ ބޭފުޅެކެވެ. މަދަރުސާ ކުދިންގެ ލަވަ މުބާރާތްތަކަށް ހައްދަވައިދެއްވި ލަވަތަކަކީ، އެ މުބާރާތްތަކުގައި މަތީ ވަނަތައް ހާސިލުކޮށްފައިވާ ލަވަތަކެކެވެ. މީގެއިތުރުން، ދީނީ ޅެންހެދުމުގެ މުބާރާތްތަކުންވެސް މުޙައްމަދު ރަޝީދު ވަނީ މަތީ ވަނަތައް ހާސިލު ކުރައްވައިފައެވެ. އަދި ރާއްޖޭގައި ނެރުނު ވަރަށްގިނަ އޯޑިއޯ އަލްބަމްތަކަށްވެސް މުޙައްމަދު ރަޝީދު ވަނީ ލަވަ ހައްދަވައިދެއްވައިފައެވެ. މިގޮތުން، 10 އޯޑިއޯ އަލްބަމަކަށް ލަވަ ހައްދަވައިދެއްވައިފައިވެއެވެ. އަދި އަމިއްލަ 50 ލަވަ ހިމެނޭ އޯޑިއޯ ސީޑީއަކާއި، "އަބާރަނަ" ނަމުގައި މަދަޙަ އަލްބަމެއް ނެރުއްވައިފައިވެއެވެ.

ކޮޕީ މުޙައްމަދު ރަޝީދު ނެރުއްވައިފައިވާ ޅެން ފޮތްތަކުގެ ތެރޭގައި، "5 ބަޠަލުން"، "ކުޑަކުދިންގެ ޅެންފޮތްބައި" 1 ން 9 އަށް، އަދި "ޅެން މަޢުލޫމާތު ފޮތްބައި"، ޅެންބަހުން 1ން 12 އަށް، "އެނަމާ ކާރިޘާ" 4، އަލްއަމީރުލްމަރުޙޫމް އިބްރާހީމް ނާޞިރުގެ ހަނދާނުގައި "ނާޞިރު 222"، "100 ޖަވާހިރު 1" އަދި "100 ޖަވާހިރު 2"ގެ ނަމުގައި ނެރުއްވި ޅެންފޮތް ހިމެނެއެވެ. މި ދެ ޅެންފޮތުގެ އޯޑިއޯ ސީޑީވެސް ވަނީ ނެރުއްވައިފައެވެ.

ޅެންބަހުން ބައެއް ތަމްސީލުތަކާއި ޑްރާމާތައްވެސް މުޙައްމަދު ރަޝީދު ވަނީ ލިޔުއްވައިފައެވެ. އޭގެތެރޭގައި، "ކޯޅުން"، "އަސްލު ނަމުގެ ވަބާ"، "ހަނދާނުގެ ފަތްފުށުން"، "މިހާރު މަރުދީދާށޭ ޤައުމާއިގެން ދީނާ"، "ރ ނުކިޔޭ މައްސަލަ" މި ޑްރާމާތައް ހިމެނެއެވެ. ސިލްސިލާކޮށް ނެރުއްވި ބައެއް ދިގު ޅެން ލަވަތަކުގެ ތެރޭގައި، "ވެރިން"، "މުޅި ކެޔޮޅުގެ ވާހަކަ"، "ޙަޤީޤީ ޞަފްޙާތަކުން ޖިންސުލަޠީފުންނަށް ޚާއްޞަ" އަދި "އޮނަސައްތަ މުތުގެ ގިލަފަތި" ހިމެނެއެވެ.

ދިވެހި ކުރު ވާހަކައާއި ދިގު ވާހަކަ ލިޔުމުގެ ރޮނގުގައިވެސް މުޙައްމަދު ރަޝީދަކީ، އަޅުގަނޑުމެންގެ ތެރޭގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. ލިޔުއްވި ވާހަކަތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކޮށްލެވޭ އެއް ވާހަކައަކީ "ނުބީހެންޏާ ކަނޑާހަމަ" މި ވާހަކައެވެ. ކުރީގެ ދުވަހު ނޫސް "މޫންލައިޓް"ގައި ކޮންމެ ދުވަހަކު މި ވާހަކަ ޝާއިޢު ކުރަމުން ގެންދިޔައިރު، އެދުވަހެއްގެ ނޫހުގައި ޝާއިޢުކުރާ ވާހަކައިގެ ބައި ކިޔައިލުމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުންދިޔަކަން އެއީ، އެ ވާހަކައިގެ އަސަރުގަދަކަމުން ނޭވާ ހިފަހައްޓައިލަންޖެހޭ ކިތަންމެ ވަގުތެއްގެ އިންތިޒާރުގައި ގިނަ ބަޔަކު ތިބިކަމުގެ ހެތްކެކެވެ. ކޮޕީ ރަޝީދު ލިޔުއްވި އިތުރު ބައެއް ވާހަކަތަކުގެ ތެރޭގައި، "ގަބުޅިބާދަލާ ރޯގާ"، "އަލަގަހަކުން ކެޔޮނިރެއް ނުފަޅާނެ"، "ކުޅިފަސް"، "ލޯބިހޭލީ މާފަހުން"، "އާނގަވަޅު ފުރޭތަ" ފަދަ ވާހަކަތައް ހިމެނެއެވެ. އަދި ބީރުބޮލުގެ ވާހަކަތަކުގެ މައްޗަށް 13 އެޕިސޯޑުގެ ޓީ.ވީ ސިލްސިލާއެއްވެސް ލިޔުއްވައި ޑައިރެކްޓް ކުރައްވައިފައި ވެއެވެ. "އާބާރު" މަޖައްލާއިން ބޭއްވި ވާހަކަލިޔުމުގެ މުބާރާތްތަކުން މުޙައްމަދު ރަޝީދު ވިދިވިދިގެން ދެ އަހަރު އެއްވަނަ ހޯއްދެވިއެވެ.

މުޙައްމަދު ރަޝީދު ލިޔުއްވި ވާހަކަފޮތްތަކާއި، ޅެން ފޮތްތަކުގެ އަދަދު 100 އަށްވުރެ ގިނައެވެ. ކޮޕީ ރަޝީދަކީ، ކުޑަކުދިންނަށް ޚާއްޞަ މަޖައްލާއެއްގެ ގޮތުގައި ނެރުއްވި "ހިޔާ" މަޖައްލާގެ މަސްއޫލުވެރިކަމާއި އެޑިޓަރުކަންވެސް ގިނަ ދުވަސްތަކެއް ވަންދެން ކުރެއްވި ބޭފުޅެކެވެ.

މުޙައްމަދު ރަޝީދު، ތަޢުލީމީ ދާއިރާއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީވެސް ފާހަގަކޮށްލެވޭ ޚިދުމަތްތަކެކެވެ. މިގޮތުން، މާލޭގެ ވަރަށްގިނަ ސްކޫލް މަދަރުސާތަކުގައި މުދައްރިސެއްގެ ގޮތުން ޚިދުމަތް ކުރެއްވިއިރު، މާއްދާއެއްގެ ގޮތުގައި ދިވެހިބަސް ކިޔަވައިދެއްވައިފައި ވެއެވެ. ރާއްޖެތެރޭގެ ވެރިން ތަމްރީނު ކުރެއްވުމަށް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނުން ހިންގެވި ކޯސްތަކުގައިވެސް ދިވެހިބަސް ކިޔަވައިދެއްވިއެވެ. މުޙައްމަދު ރަޝީދު ވަނީ މަދްރަސަތުލް އަޙްމަދިއްޔާއާއި، ގަލޮޅު މަދަރުސާގެ ޕްރިންސިޕަލްކަންވެސް ކުރައްވައިފައެވެ. އަދި ކުރީގެ މަދްރަސަތުލް އަޙްރާރާއި، އެމް.އެލް. ސްކޫލާއި، މަދްރަސަތުއްޞަބާޙުގެ ނާޒިރުގެ ނައިބުކަމާއި، ނާޒިރުކަންވެސް ކުރައްވައިފައެވެ.

މުޙައްމަދު ރަޝީދަކީ، ތާނަ ޢަރަބި ލިޔުމުގެ ރޮނގުންވެސް ވަރަށް މަޝްހޫރު ބޭފުޅެކެވެ. ޚާއްޞަކޮށް، ބޮޑުއަކުރު ލިޔުއްވުމަކީ، މުޙައްމަދު ރަޝީދުގެ ޚާއްޞަ ފަންނެކެވެ. ދިވެހި ބޮޑު އަކުރު ލިޔަން ދަސްކޮށްދޭ ގިނަ ކޯސްތަކެއް ރަޝީދުވަނީ ހިންގަވައިދެއްވައިފައެވެ. ތާނަ ޢަރަބި ލިޔުމުގެ ރޮނގުން 1988 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ތަމްސީލު ކުޅުއްވުމަކީވެސް، މުޙައްމަދު ރަޝީދުގެ ޚާއްޞަ ފަންނެކެވެ. އެ ފަންނުގައި ކޮޕީ މުޙައްމަދު ރަޝީދު އެންމެ މަޝްހޫރުވެގެންދިޔައީ، މަޖީދިއްޔާ ސްކޫލްގެ ގޯލްޑަން ޖުބިލީއާ ގުޅިގެން 1977 ވަނަ އަހަރު ބޭއްވުނު ތަމްސީލު ޝޯތަކުންނެވެ. ސްޓޭޖްމަތިން ކޮޕީ ރަޝީދު ފުރަތަމަ ފެނިގެންދިޔަ ތަމްސީލަކީ "ތިން އުނދަގޫ" މި ތަމްސީލެވެ. އުކުނޑި ކޮއްޓުމާއި، ތުނބުން ފުމުމާއި، ކަރުތެރެއިން ލައްވާ އާދަޔާޚިލާފު އަޑެއް ލެއްވުމުގެ އުނދަގޫ ހުންނަ މީހެއްގެ ރޯލު އަދާކުރައްވައި، ގިނަ ބަޔަކު ހެއްވައިލި މަޖާ ތަމްސީލަކަށް އެ ތަމްސީލު ވެގެންދިޔައީ، އެ ތަމްސީލު ގެނެސްދެއްވިލެއް ފުރިހަމަކަމުންނެވެ. މުޙައްމަދު ރަޝީދުގެ މަސްއޫލުވެރިކަމުގެ ދަށުގައި ތަމްސީލު ކުޅުމަށްޓަކައި "ސީ.ޑީ.އެސް."ގެ ނަމުގައި ޚާއްޞަ ސޮސައިޓީއެއް އުފެއްދެވިއެވެ. ތަމްސީލު ކުޅުމުގެ ރޮނގުންވެސް 1984 ވަނަ އަހަރު މުޙައްމަދު ރަޝީދަށް ވަނީ ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

މުޙައްމަދު ރަޝީދަކީ، 32 އަހަރަށްވުރެ ދިގު މުއްދަތެއްގައި ސަރުކާރަށްވެސް ޚިދުމަތް ކުރައްވައިފައިވާ އަދި ތަފާތު މަގާމުތައް ފުރުއްވައިފައިވާ ބޭފުޅެކެވެ. ފުރުއްވައިފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، ބ.އަތޮޅު އަތޮޅުވެރިކަމާއި، ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ އެސިސްޓެންޓް ޓު ދަ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރުކަން ހިމެނެއެވެ. އަދި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފޮތް ޗާޕްކުރާ ބައިގެ ޑެޕިއުޓީ ޑިރެކްޓަރުކަމާއި، ޑިރެކްޓަރުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރުކަމާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްކަމުގެ މަގާމުވެސް ވަނީ ފުރުއްވައިފައެވެ.

މުހައްމަދު ރަޝީދު އަވަހާރަވުމާއި ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ހެޔޮ ދުއާކޮށް މީސް މީޑިއާގައި ތަފާތު މެސެޖްތައް އާއްމު ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އުގުރި

    إنا لله وإنا إليه راجعون

    30
  2. ސަކޫން

    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. ޢާމީން !

    28
  3. ގުޑް ބޯއި

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

    25
  4. މޮރިލް

    إنا لله وإنا إليه راجعون

    23
  5. ل م

    انا لله وانا اليه راجعون
    اللهم اغفر له وارحمه و جميع المسلمين

  6. ޙުސައިން ރމ

    މަރުހޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. ޢާމީން !

  7. ަިަިަަަަަްްްްްްަަަްއަހަރެން

    نا لله وإنا إليه راجعون

    5
    1