މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ 12 އަތޮޅަކަށް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން އދ. އަތޮޅާއި ހަމައަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހަވީރު 16:00 އިން ފެށިގެން މިރޭގެ 19:00 އާއި ހަމައަށެވެ.

މެޓް އިން ނެރުނު ރީނދޫ ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ދެކުނާއި މެދުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފައިވާއިރު، ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާއި ހަމައަށް މިއަދުގެ 14:00 އިން ފެށިގެން މިރޭ 19:00 އާއި ހަމައަށް ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ވަނީ ހުދު ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެފައިވާ މި ދުވަސްކޮޅުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ.