މިއަދު ވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު (ވައިޓް އެލާޓް) ވަގުތު އިތުކޮށްފިއެވެ.

މިހާރު ހުދު ސަމާލު ނެރެފައި ވަނީ ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާއި ދެމެދުގެ ސަރަހައްދުތަކަށެވެ. ހުދު ސަމާލު ނެރެފައިވާ ސަރަހައްދުތަކަށް އާއްމުގޮތެއްގައި ގަޑިއަކު 22 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވެއެވެ. އަދި ވިލާގަނޑުގައި 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު މެންދުރުފަހު 15:00 އާއި ހަމައަށެވެ.

ރާއްޖޭގެ އުތުރަށް މިހާރު މޫސުން ގޯސްވެފައި ވަނީ އަވައްޓެރި އިންޑިއާ ކައިރިން އުފެދިފައިވާ ކޮޅުގަނޑަކާއި އަރަބި ކަނޑުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު އެދެކޮޅިގަނޑުގެ ވެސް ބާރު ވަނީ ދެރަވެފައެވެ. އެހެންކަމުން ބެލެވޭ ގޮތުގައި ކުރިއަށް އޮތް ދެެދުވަސް ތެރޭގައި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވެސް މޫސުން ރަނގަޅު ވާނެއެވެ.

މިމަހުގެ 01 ވަނަ ދުވަހުން ފެށިގެން އެންމެ ދުވަހަކު ފިޔަވައި އެހެން ހުރިހާ ދުވަހަކު މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ މޫސުމާއި ގުޅޭ ސަމާލުތައް ނެރެފައެވެ.