އިންޑިއާއިން ދީފައިވާ ޑޯނިއާ މަތިންދާބޯޓުތަކާއި ހެލިކޮޕްޓަރުތައް ދުއްވާނެ ދިވެހި ޕައިލެޓުން ނަގައި މުސާރަ ދެވޭނެ ބަޖެޓެއް ނެތް ކަމަށް ސަރުކާރުން ބުނަނީ އިންޑިއާއަށް މި ސަރުކާރު އަޅުވެތިފައި އޮތް ވަރުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އިންޑިއާއާއެކު ގާއިމްކޮށްފައިވާ ރާއްޖެ-އިންޑިއާ ޑިފެންސް ކޯޕަރޭޝަން އެއްބަސްވުމުގެ ދަށުން ދިވެހި އަސްކަރިއްޔާގެ ބައެއް ވަސީލަތްތަކަކީ އިންޑިއާއިން ދީފައިވާ ވަސީލަތްތަކެވެ. އެކަމަކު ޑޯނިއާއާއި ދެ ހެލިކޮޕްޓަރު ބަލަހައްޓަން އިންޑިއާގެ 75 ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެއެވެ.

ދިވެހި ސިފައިން ބަލަހައްޓާ ގޮތަށް އަދި ދިވެހި ޕައިލެޓުން ދުއްވާ ގޮތަށް ހަމަނުޖައްސާތީ އަމާޒުވާ ސުވާލުތަކުގެ ޖަވާބުގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވަނީ އެއީ ދިވެހި ދައުލަތުގެ މާލިއްޔަތުގައި އެ ވަރުގެ ގާބިލް ކަމެއް ނެތުމުން އެ ކަން ކުރެވެން ނެތީ ކަމަށެވެ.

މާރިޔާގެ މި ވާހަކަތަކާ ގުޅިގެން، އުމަރު ނަސީރު "ވަގުތު" އަށް ވިދާޅުވީ މާރިޔާއާއި ސަރުކާރުގެ އިސް ބޭފުޅުން ދައްކަވަނީ ވަރަށް ތާކުން ތާކުނުޖެހޭ "ފޭކް" ވާހަކަތަކެއް ކަމަށެވެ. އެއީ ދިވެހި ދައުލަތަށް ވަންނަ ފައިސާއިން އެކަން ނުވާންވީ ސަބަބެއް ނެތް ކަމަށް އުމަރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެމްއެންޑީއެފްގައި ޕައިލެޓުންނާ އެއް ހަމައަށް އަދި އެެއަށް ވުރެ މާމަތީ ޕްރޮފެޝަންގެ މީހުން ވެސް އުޅޭނެ، ޑޮކްޓަރުން ވެސް އުޅޭނެ، މިހާރު ވެސް ޕައިލެޓުން އުޅޭނެ، އަމިއްލަ ކުންފުނިތަކުގައި ވެސް ޕައިލެޓުން އެބަ އުޅޭ،" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ އެކަން ނުކުރަން ވެގެން ސަރުކާރުން އުޅެނީ އިންޑިއާއަށް އަޅުވެތިވެފައި އޮތް ވަރުން އިންޑިއާއަށް ކޮންމެހެން އެ ބާރުތައް ދޫކޮށްލެވިފައި ބާއްވަން ވެގެން ކަމަށެވެ.

"މިކަން ކުރެވޭނެ ވަރުގެ ފަންވަރެއް މި ލީޑާޝިޕްތަަކަކު ނެތް، އިންޑިއާއަށް ކެރިގެން ކޮންފްރޮންޓް ކޮށްގެން ނުކުމެ އަމިއްލަ ބާރުގައި މި ކަންކަން ހަމަޖައްސަން ނުއެއް ކެރޭ މި ލީޑަރުންނަކަށް،" އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެ ކަން ވެސް އިއުލާން ކުރައްވާފައިވާ އުމަރު ވިދާޅުވިއެވެ.

މީގެ އިތުރުން ޑޯނިއާ މަތިންދާބޯޓުގެ އެއްބަސްވުމާއި ހައިޑްރޮގްރަފީ އެއްބަސްވުންތަކުން ސާފުވަނީ ދުނިޔޭގެ ޖިއޯޕޮލިޓިކްސްގައި ރާއްޖެއިން އިންޑިއާގެ ކޮޅު ނެގި ކަން ކަމަށް އުމަރު ވިދާޅުވިއެވެ. މި ގޮތަށް ވަކި ކޮޅެއް ނެގުމުގެ ސަބަބުން އެއިން ރާއްޖޭގެ ގައުމީ ސަލަމާތަށް ނުރައްކާ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ބައިނަލްއަގްވާމީ ސިޔާސީ މައްސަލަތަކުގައި ރާއްޖެ އަބަދުވެސް އޮންނަން ވާނީ ވަކި ފަޅިއެއް ނުނަގާ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި އެންމެ ގާތް ގުޅުމެއް ބާއްވަނީ އިންޑިއާއާއެވެ. މި ސަރުކާރުގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތައް ހިންގަނީ ވެސް އިންޑިއާގެ އެހީ އަދި ލޯނު މެދުވެރިކޮށެވެ. އެކަމަކު މިއިން ބައެއް އެއްބަސްވުންތައް ހާމަކޮށްފައިނުވާއިރު، އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާނެ ކަންކަން ހިމެނޭ ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެއެވެ. ނަމަވެސް މިކަން ދެ ގައުމުގެ ސަރުކާރުން ވެސް ދޮގު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ބޮކި

  އުމަރު ކަލޭ ވާހަކަ ނުދައްކާ ! ކަލޭ މާތާހިރެއްނޫން އަނގަހުޅުވާކަށް !

  5
  21
 2. އަލީ

  ކޮބައިތޯ ޑޯނިޔާ ފެންވަރުގެ ޕައިލެޓެއްގެ މުސާރައަކީ މި އިންޑަސްޓްރީގައި؟ އެނގޭ މީހަކު ހުރީވިއްޔަ ހާމަކޮށްދެއްވަބަލަ؟

  14
  1
 3. ވަރަށްފޫހި

  ޑޯނިއާ ޕައިލެޓުން ގެ މުސާރަ ކޮންމެ ދިވެހި އެއާރ ލައިނަކުން ކުރޫ ސެޓަކަށް ސްޕޮންސަރ ކޮށްފާނެ. ގާސިމްވެސް ކޮށްފާނެ. ޗަންޕާ ވެސް ކޮށްފާނެ. ޖެން ހޮޓަލަށް ލާރިދޭން ހުރޭ ދައުލަތުގެ ބަޖެޓް. ޢިންޑސްޓްރީ އެއްވަރަށް މުސާރަ ނުދެވޭވެ ގާބިލުކަން ދިބެހި ދައުލަތުގައި ނެތުމަކީ ދެރަކަމެއް. ޢިންޑަސްޓްރީ ގައި ކއްޕިއެއްގެ މުސާރަ އެވްރެޖް ކޮށް ހުންނާނީ 75ހާސް އާއި އެއްލައްކަ ދެމެދގައި. ކޯޕައިލެޓެއްގެ މުސާރަ ހުންނާނީ 15 ހާހުން ގޮސް 40ހާސް ރުފިއާ ގެ ރޭންޖްގައި. ޑޯނިއާގެ އެއްބޯޓު ދުއްވަން ބޭނުން ވާނީ 3 ކުރޫސެޓް ވަރު.

 4. ޙަަަހަ

  ތެދެއްކަމަަށް ވެދާނެ ، ކުރިން ތިމައްސަލައިގައި ސަރުކާރުންބުނީ ތި ދުއްވާން ދިވެހި ޕައިލެޓުންނެތޭ ، މިހާރު ކިޔަނީ އެމީހުންނަށްދޭނެ މުސާރަނެތޭ ، އަޖާބު ހީވޭ ، މިހާރު ތިބި ދިވެހިޕައިލެޓުންނަކީ ދިވެހި ސިފައިން ، ކުރީގައިވެސް ސިފައިން ލައްވާ އެހެނިހެން މަސައްކަތްކުރައްވާއިރު ސިފައިންނަށްދޭ މަޤާމުގެ މުސާރަނޫން އެއްޗެއް ނުދޭ ، މިހާރުދެން ކީކޭބާ މިކިޔަނީ

 5. އެދުރުބެ

  މީނަ ނެރުން އަސްލު އެގްރިމަންޓް އެންމެ ފަހުން ފޭކް އެއްޗަކަށް ދޯ ވީ! ލަދުން ބޯހަލާކު!

  1
  4
 6. މިސްމޭރީ

  ބަލަ ކޮންމެ މަތިންދާ ބޯޓަކަށް 300 ސިފައިނެގެ ރޭޓުން މީހުން ބައިތިއްބަން ފެންނަ ހިސާބަށް ދާނީ ކޮން ދުވަހަކުބާ.