މިދިޔަ މަހު ރާއްޖެ އަށް 3.8 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކަސްޓަމުން އާއްމުކޮށްފައިވާ އިމްޕޯޓް/އެކްސްޕޯޓްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޮކްޓޯބަރު މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާ އިރު 90 އިންސައްތަ ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް 2.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ އޮކްޓޯބަރު މަހު މި އަދަދު ވަނީ 3.8 ބިލިއަން ރުފިޔާ އަށް އިތުރުވެފައެވެ.

ކަސްޓަމުން ބުނީ މިއީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިމްޕޯޓަށް އައި ހީނަރުކަމަށްފަހު، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 3.7 ބިލިއަން ރުފިޔާގެ އިމްޕޯޓާ އަރާ ހަމަކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މިދިޔަ މަހު ދައުލަތަށް ލިބުނު އާމްދަނީގެ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހާ އަޅާބަލާއިރު 31 އިންސައްތަ ވަނީ ދަށްވެފައެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު 424 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު މިއަހަރު އޮކްޓޯބަރު މަހު މި އަދަދު ވަނީ 294 މިލިއަން ރުފިޔާ ދަށްވެފައެވެ.

ފާއިތުވި މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ގައުމުތަކަކީ އޮމާން، އިންޑިއާ، ޔޫއޭއީ، އަދި ޗައިނާއެވެ. އޮމާން އިން 512 މިލިއަން ރުފިޔާގެ މުދާ އަދި، އިންޑިއާއިން 490 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފަވާއިރު ޔޫއޭއީ އިން 438 މިލިއަން ރުފިޔާގެ މުދާ އަދި ޗައިނާ އިން 437 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއިން ބޭރު އައިސްފައިވާ އުޅަނދުފަހަރުގެ އަދަަދަކީ 111އެވެ. މި އަހަރުގެ އޮކްޓޫބަރު ގައި 118 އުޅަނދެއް ވަނީ ރާއްޖެ އައިސްފައެވެ. މިދިޔަ އަހަރުގެ އެ މަހު ފުރި އުޅަނދު ފަހަރުގެ އަދަދަކީ 117 އެވެ. މި އަހަރުގައި ފުރި އުޅަނދު ފަހަރުގެ އަދަދަކީ 127 އެވެ. ހުސްވި މަހު ރޯޔަލްޓީގެ ގޮތުގައި ލިބިފައިވަނީ 2،718،183.47 ދިވެހި ރުފިޔާއެވެ.