ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ މައްސަލާގައި ހައްޔަރުކޮށްފައިވާ އއ. މާޅޮސް އަސަރީގޭ މުހައްމަދު ނާޒިމަށް ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދީފިއެވެ.

ނާޒިމްގެ މައްޗަށް ބޮމުގެ ހަމަލާގައި ބައިވެރިވި ކަމުގައި ދައުވާ އުފުލާފައެއް ނުވެއެވެ. އެކަމަކު ހަރުކަށި ފިކުރު ފެތުރުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޭނާގެ މައްޗަށް ނިރުބަވެރި ޖަމާއަތަކަށް ތާއީދު ކުރާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުނު ކަމުގެ ކުށުގެ ދައުވާ އުފުލައިފައެވެ.

މި މައްސަލާގައި އެންމެ ފުރަތަމަ ބޭއްވި އަޑުހުމުގައި ވެސް ވަކީލަކު ހަމަޖައްސަން އޭނާއަށް ފުރުސަތު ދިނެވެ. އެކަމަކު މިއަދުގެ އަޑުއެހުން ފަށަމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ މިހާތަނަށް ވެސް ވަކީލަކު އައްޔަން ކުރިކަން ކޯޓަށް ނާޒިމް އަންގާފައި ނުވާ ކަމަށެވެ.

ދެން ނާޒިމްއަށް ދިން ފުރުސަތުގައި އޭނާ ބުނީ ވަކީލަކު ހަމަޖައްސައި އޭނާއަށް ލިޔެކިއުން ވެސް ދިން ކަމުގައެވެ. އެކަމަކު ފަހުން ވަކީލުގެ ޚަބަރެއް ނުވާތީ، ވަކީލަށް ގުޅުމެއް ފުރުސަތެއް ދޭން އޭނާ އެދުނެވެ. އެ ފުރުސަތު ދިނުމުން، ކޯޓުގައި ހުރެގެން ގުޅަން ކުރި މަސައްކަތް ވެސް ކާމިޔާބެއް ނުވެއެވެ.

އެހެންވެ ގާޒީ ހަސަން ސައީދު ވަނީ އޭނާއަށް ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ދައުލަތުގެ ފަރާތުން ވެސް މި މައްސަލާގައި އޭނާއަށް ވަކީލަކު ހަމަޖެއްސިދާނެ ކަން ފާހަގަކޮށް މި މުއްދަތުގައި އެ ގޮތަށް ނަމަވެސް ވަކީލަކު ހޯދަން ވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ނާޒިމަކީ މީގެ ކުރިން ސީރިއާގެ ހަނގުރާމައިގައި ބައިވެރިވާން އެ ގައުމަށް ދާން އުޅެނިކޮށް ތުރުކީގެ ބޯޑަރު ކައިރިން ހައްޔަރުކޮށް އަނބުރާ ރާއްޖެ ފޮނުވާލި މީހެކެވެ. އޭނާއަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް އުޅޭ މީހެއް ކަމަށް ތުހުމަތު ކުރެއެވެ.

މިދިޔަ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ނުވަ މީހެއްގެ މައްޗަށް ދައުވާ އުފުލެނެވެ. އޭގެ ތެރެއިން ނާޒިމްއާއި، ހއ. މޮޅަދޫ ބަހާރުގެ އަބްދުﷲ އަލިމަނިކާއި، ހއ. ހޯރަފުށި އަލަނާސިގެ މުހައްމަދު ތަސްލީމްގެ މައްޗަށް ހަމަލާގައި ބައިވެރިވުމާ ގުޅޭ ގޮތުން އެއްވެސް ދައުވާއެއް އުފުލާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އުފުލާފައިވަނީ ނިރުބަވެރިކަމަށް ތާއީދު ކުރުމާ ގުޅޭ ދައުވާތަކެކެވެ.

ކިޔުންތެރިންގެ ހިޔާލު