އައްޑޫ ސިޓީގައި މާބަނޑު އަންހެނަކު ވިހެއުމުގެ ތެރޭގައި ތުއްތު ދަރިފުޅު ނިޔާވި މައްސަލަ ފުލުހުން ތަހްގީގު ކުރަން ފަށައިފިއެވެ.

ނިޔާވި ކުއްޖާގެ އާއިލާ އިން މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ތަހްގީގު ކުރަމުންދާ ކަން ކަށަވަރު ކޮށްދިނުން ފިޔަވައި ފުލުހުން އަދި މިމައްސަލަ އާއި ގުޅިގެން އިތުރު މައުލޫމާތެއް ނުދެއެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގައި ވިހެއި ކުއްޖާ ނިޔާވެފައިވާ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެގެން ކަމަށް އެ ހޮސްޕިޓަލުން އިއްޔެ ވަނީ ބުނެފައިވެއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުއްޖާ ނިޔާވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑަރ ޑިސްޓޯޝިއާ) ދިމާވި މައްސަލަތަކާއި ގުޅިގެން ކަމަށެވެ.

ޝޯލްޑަރ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން އޭގެ ސަބަބުން މައިމީހާއާއި ކުއްޖާއަށް ނުރައްކާވާ ހާލަތެއް ކަމަށް އޭއީއެޗުން ވަނީ ބުނެފައެވެ. "މި ހާދިސާގައި ކުއްޖާ ވިއްސުމަށްފަހު ތުއްތު ދަރިފުޅު ރިސަސިޓޭޓް ކުރެވިފައިވެއެވެ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި" އޭއީއެޗުން ބުނެފައިވެއެވެ.

މިހިތާމަވެރި ހާލަތުގައި ކުއްޖާގެ މައިންބަފައިންގެ ހިތާމާގައި ބައިވެރިވެ އާއިލާއަށް ތައުޒިޔާ ފޮނުވައި ހޮސްޕިޓަލުން ބުނީ، މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅު ކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ފާހަގަކޮށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ރާއްޖޭގެ ހޮސްޕިޓަލްތަކުގައި ސިއްހީ ހިދުމަތްތެރިންގެ އިހުމާލުން ހިނގާ ހިތާމަވެރި ހާދިސާތައް ގިނަ ނަމަވެސް އެފަދަ މައްސަލަތަކުގައި ހިމެނޭ މީހުންނަށް ފިޔަވަޅު އަޅަމުން ނުގެންދިއުމަކީ ގިނަ މީހުންގެ މެދުގައި ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގައުމު

    ރާއްޖޭގައި ލޭބަރ ރޫމް ތަކުގައި ޑޮކްޓަރުން ނުތިބޭ.. ނަރުހުން މާބަނޑު މީހާ ވިއްސަނީ.. ޑޮކްޓަރު އަންނަނީ ހަމައެކަނި ފޯމުގައި ސޮއިކޮއްލަން. ރަނގަޅަށް ގޮއްސިއާ ޑޮކްޓަރަށް ކުރެޑިޓެއް.. ސްކޭން އަކުން 3.5 ކިލޯ ހުރި ކުއްޖެއް ވިއްސަން އުޅުމަކީ ބޮޑު މައްސަލައެއް. މީ 1980 އެއް ނޫން ހޭވާ ހޭވާ ކިޔައި ވިއްސަން .. މިއީ ޒަމާނީ ވަސީލަތްތަކާއި އެކު ސިޒޭރިއަން ހަދާ ޒަމާން.