ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ދައުވާ ސާބިތު ކުރަން ވެގެން ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކިވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހުން އެދިއްޖެއެވެ.

ޔާމީން އުޅުނު ގޭގެ ސިޑި ކައިރީގައި 2017 ވަނަ އަހަރުގެ އޭޕްރީލް މަހު، ތޫނު އެއްޗެހިން ހަމަލާދީ އަނިޔާވެރި ގޮތަކަށް އޭނާ މަރާލި މައްސަލާގައި ދައުލަތުން ހަ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފައެވެ. އެއީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި، މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދާއި، މ. ތާއިފް އިސްމާއީލް ރަޝީދާއި، މ. ކުދެހިގޭ ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ. އެ މީހުންގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.

ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމް ވިދާޅުވީ ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިވެރިންނަށް އިންޒާރުދޭ މައްސަލަ ބަލަން ޕީޖީން ފުލުހުންގެ މުއައްސަސާގައި އެދިފައިވާނެ ކަމަށެވެ. ޝަމީމް ވަނީ ސިއްރު ހެކިންގެ މައުލޫމާތު ލީކްވާ މައްސަލައިގައި ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.

ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ދައުވާ ކުރާ މީހުންނާ ދެކޮޅަށް ހެކި ބަސް ދިން މީހުންގެ ފޮޓޯތައް ވެސް މީގެކުރިން އާންމުވެފައިވެއެވެ.

ޝަމީމް ވިދާޅުވީ ސިއްރު ހެކިންގެ މައުލޫމާތު ލީކްވެފައި ހުރީ ހަމައެކަނި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ނޫން ކަމަށެވެ. އެހެން ބައެއް މައްސަލަތަކުގައި ވެސް ސިއްރު ހެކިންގެ މައުލޫމާތު އާންމުވެފައި ހުރި ކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންވެ މި މައްސަލަ ފުލުހުން ވަރަށް ގާތުން ބައްލަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން ބަލައި ފިޔަވަޅު އަޅައި ދިނުމަށް ވެސް ޝަމީމް ވަނީ އެދިވަޑައިގެންފައެވެ.

"މި މައްސަލައިގައި އަމުރެއް ކުރައްވާފައި ނޯންނާނެ. ހަމައެކަނި ފުލުހުންނަށް ދަންނަވާލީ.. އަމުރު ކުރުމަކީ ވަރަށް މަތިން ހިނގާ ކަމެއް،" ޔާމީންގެ ރަޝީދުގެ މަރުގެ މައްސަލައިގައި ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި ޝަމީމް ވިދާޅުވިއެވެ.

ޔާމީން ރަޝީދު މަރާލި މައްސަލައިގައި ޑިސެމްބަރު 18ގެ ކުރިން ހުކުމް ކުރަން ޖެހޭ ގޮތަށް ކްރިމިނަލް ކޯޓުން ވަނީ ތާވަލްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނީވް

    "ސިއްރު ހެކިންނަށް އިންޒާރުދޭ މައްސަލަ" މި ކިހިނެއްވާ ކަމެއްތޯ... ތި ވިދާޅުވަނީ ސިއްރު ހެކީން ކަމަށް. ދެން ކީއްވެގެންތޯ އެފަރާތްތަކަށް އިންޒާރު ދެވެންވީ... ސިއްރު ހެކީން ތަހުޤީޤު ޓީމްގެ މެންބަރުންނަށް ނޫން ފަރާތަކަށް ނޫނިއްޔާ އެނގި ނުލައްވާނެ ނޫންތޯ....

    11
  2. ިމުހައްމަދު

    ހަރުކަށި މީހުންނަކީ ހުރިހާ ކަމެއްގައިވެސް ހަރުކަށި ބައެއް. މީހަކާ ކޮންމެ މުޢާމަލާތެއް ކުރިޔަސް ހަކުރަށި މީހުން އެކަންކުރަނީ އެހާ ހަރުކަށިކަމާއެކު. އެއީ މީހުންނަށް އޯގާތެރިކަމެއް ރަޙްމެއް ހަމްދަރުދީއެއް އޮންނަ ބައެއް ނޫން.

    4
    3
  3. އީސާ މަންސޫރު

    ދައުލަތުގެ އިހުމާލުން ވާހާ ކަންކަން މި ފެންނަނީ. މީހުން ލައްވުވާ ހެކިބަސް ހޯދައިގެން ފަހުގަޑީ އެމީހުން ބޮޑު ފަލީހަތެއް މިވަނީ

  4. ރަން ރީނދޫ

    ވަޒީފާ އާއި ފައިސާ ދީގެން ސިއްރު ހެކިން މި ހޯދީ. މައްސަލަ އާއި އެއްވެސް ގުޅުމެއް ނެތް ބަޔަކު ސިއްރު ދޮގު ހެކިބަސް ދިނީމަ ފަޅާއެރީ. ސަރުކާރުގެ ވައުދު ފުއްދަން ބޮޑުވެގެން ވާ ބޭއިންސާފެއް ،ޖުޑިޝަރީ ބޭނުން ކޮށް ހިންގާ ބޮޑު ޖަރީމާ.

  5. އަހުމަދު

    ޔާމީން ޔާމީން ޔާމީން... ތި ނޫނީ ނެތީތަ މަރުވެފައި ވާ މީހަކު؟ ނިކަމެތި ކިތަށް އާއިލާގެ ދަރިންނަށް ރަހުމު ކުޑަ ގާތިލުންގެ ސަބަބުން މި ދުނިޔެ ދޫކޮށް އެދިޔައީ..؟ ލާދީނިއްޔަތަށް މަސައްކަތް ކުރާ ކޮންމެ މީހަކަށް ކަމެއް ވިޔަސް ލާދީނީ މި އެމްޑީޕީ އަށް ކެތްނުކުރެވިގެން ހަމަ ތެޅޭނީ..