ވޭތުވެދިޔަ ތިން އަހަރާއި އަޅާބަލާ އިރު، މިއަހަރުގެ މިހާތަނަށް ޑެންގޫ ޖެހުނު މީހުންގެ އަދަދު މަދުވެ، އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭ އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކަނީ މި މިދިޔަ މަހު 10 މީހަކަށް އަދި ސެޕްޓެމްބަރު މަހު އަށް މީހަކަށް ޑެންގޫ ޖެހިފައިވާ ކަމަށެވެ. އެޗްޕީއޭއިން ބުނީ ވޭތުވެދިޔަ ތިން އަހަރާ (2018-2020) އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު މަދު ކަމަށެވެ. ޑެންގޫ ހުން ޖެހިގެން ރިޕޯޓު ކޮށްފައިވާ އަދަދު މަދު ނަމަވެސް، ބަލި ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން އެދިފައިވެއެވެ.

ޑެންގޫއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް

  • މަދިރިން ރައްކާތެރިވުމަށް ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާނެ ގޮތަށް ފޭރާން ލުން
  • މަދިރި ލޯޝަން، ސްޕްރޭ އަދި މޮސްކިޓޯ ރެޕެލެންޓް ބޭނުންކުރުން
  • މަދިރި އެންމެ ހަރަކާތްތެރިވާ ވަގުތުތަކުގައި (ފަތިސް އަދި އިރުއޮއްސޭ ގަޑި) ގޭގެ ކުޑަދޮރާއި ދޮތުރަައް ލެއްޕުން

ނަމަވެސް، ވޭތުވެދިޔަ ތިން އަހަރާއި އަޅާ ބަލާއިރު އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ސެޕްޓެމްބަރު މަހު 18777 މީހަކަށް އަދި އޮކްޓޯބަރ މަހު 30483 މީހަކަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓު ކޮށްފައިވެއެވެ.

މީގެ އިތުރުން އެޗްޕީއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހާ އަޅާބަލާއިރު، އޮކްޓޯބަރު މަހު ބޭރަށް ހިންގުން ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދު އިތުރުވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. ބަލި ޖެހިގެން ރިޕޯޓު ކޮށްފައިވާ މީހުންގެ އަދަދުތަކަށް ބަލާއިރު، ސެޕްޓެމްބަރު މަހު 1408 މީހަކު އަދި އޮކްޓޯބަރު މަހު 1717 މީހަކަށް ބޭރަށް ހިންގުން ޖެހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެން ކަމުން ބޭރަށްހިންގުމުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން އެދެއެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައް

  • ކެއުމުގެ ކުރިން އަދި ކާބޯތަކެތި ތައްޔާރުކުރުމުގެ ކުރިން ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުން
  • ކާބޯތަކެތި ރަނގަޅަށް ކައްކައިގެން ބޭނުންކުރުން
  • ގޭގައި ކާބޯތަކެތި ރައްކާކުރާއިރު ރައްކާކުރާ ތަނަކީ ސާފު ތާހިރު ތަނެއްތޯ ބެލުން
  • ކާބޯތަކެތި ތައްޔާރުކުރާ ތަންތަނާއި ތަކެތި ރަނގަޅަށް ދޮވެ ސާފުކުރުން

ކިޔުންތެރިންގެ ހިޔާލު