އައްޑޫ ސިޓީގެ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ތަރައްޤީ ކުރާ 100 އެނދުގެ ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަން މަސައްކަތްތައް ނިމިއްޖެއެވެ.

ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޮސްޕިޓަލްގައި މައި އިމާރާތާއި އޮފީސް އިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު މެޑިކަލް އާއި އިލެކްޓްރޯނިކަލް މަސައްކަތްތަކާއި އެތެރޭގެ ފިނިޝިން މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހޮސްޕިޓަލަށް ބޭނުންވާ ސިއްހީ ދާއިރާގެ އެއްޗެއްސާއި އެހެނިހެން ތަކެތި ވެސް މިހާރު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން މިނިސްޓަރު ފާހަގަ ކުރެއްވެވިއެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ އަމާޒަކީ މިއަހަރުގެ ޖުލައި މަސް ނިމުމުގެ ކުރިން މިހޮސްޕިޓަލް ހުޅުވުމެވެ.

އީސީސީ ހޮސްޕިޓަލަކަށް ބަދަލު ކުރަން ސަރުކާރުން އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލު ކޮށްފައި ވަނީ 161.8 މިލިއަން ރުފިޔާ އަށެވެ. އެމަޝްރޫޢު ހަވާލު ކުރީ 14 ނޮވެމްބަރު 2016 ގައެވެ. މަސައްކަތް ފަށާތާ 18 މަސް ދުވަހުގެ ތެރޭގައި ނިންމައި ލަސްވެގެން 08 މެއި 2018 ގައި އިމާރާތް ސަރުކާރާއި ހަވާލު ކުރަން އެލިއާ އާއި އެކު ވަނީ އެއްބަސްވެފައެވެ.

އައްޑޫ އާ ހޮސްޕިޓަލަކީ ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާއި އޯޕެކް ފަންޑް ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިން ދީފައިނާ ލޯނުގެ އެހީގައި ހިންގާ މަޝްރޫއެކެވެ. މުޅި މިމަޝްރޫޢު އަށް 21 މިލިއަން ޑޮލަރު ޚަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތަކާއި ފަރުނީޗަރުތައް ހޯދަން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ބީލަމަށް ލައިފައެވެ.

ސަރުކާރުން ވިދާޅުވެފައިވާ ގޮތުގައި އައްޑޫ އާ ހޮސްޕިޓަލްވެގެން ދާނީ މާލޭން ވެސް ނުލިބޭ ސިއްހީ ގިނަ ހިދުމަތްތަކެއް ލިބިގެން ދާނެ ހޮސްޕިޓަލަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލޮލް

    ޝުކުރުވެރި ނުވާނެ ބަޔަކަށް ތި ކަން ކޮށްދިނުމުގެ ބޭނުމެތް ނެތް. އައްޑޫ މީހުން ތިކަމުގެ އަގު ވަޒަން ދުވަހަކުވެސް ނުކުރާނެ.

  2. ޜަސީދު

    ކޮންމެ ރަގަޅު ކަމަކައް މަރުޖަބާ ކިޔާކައް ލަދުގަންނާކައްނުޖެހާ

  3. ޯދިރާސާ

    އެމީހުން ދުވަހަކުވެސް މީހަކު ކޮށްދިންކަމެއްގެ އަގުވަޒަން ކުރިތަ؟؟ ނުކުރާނެ! އެއަށްވުރެ ނުބައި ހިތްނިޔަތް ހުރިބަޔަކު މިރާއްޖެއިން މަނުދެކެން! އެގިހުރެ ބުނާވާހަކައެއްމީ! ތިތަނުގެ ތެރޭގައިވެސް އުޅޭނެ ހެޔޮވިސްނޭ ބަޔަކުވެސް އެކަމަކު އައްޑުއަށް ނިސްބަތް ވީތީ އެމީހުންވެސް ދެރަވާނެ މިކަހަލަ ވާހަކަ މީހުންދައްކާތީވެ!!

  4. މަލީ

    އައްޑޫގެ ރައްޔިތުންވެސް ތަރައްޤީ ބޭނުންވާނެވެ. ކުރިން އެމީހުންވެސް ސަރުކާރު ބަދަލުކުރުމަށް މަސައްކަތް ކުރީ މައުމޫނުގެ ތަރައްޤީ ކަޑަވެ ކަޑަ ޖަހާ އުސޫލު ގެން ގުޅުނީމައެވެ. މިހާރުގެ ރައީސަކީ ކަޑަ ޖަހާ ރައީސެއް ނޫނެވެ. އެއީ ކަޑަ ޖަހާލާފައި ހަޤީގަތަކަށް ހަދާލަ ދޭ ބޭފުޅެކެވެ.
    .