ފަސް ދުވަސް ފަހުން އައިޖީއެމްއެޗްއިން ލޭގެ ޓެސްޓުތައް މިހާރު ހެދޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މީގެ ކުރިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުން ފެށިގެން ލޭގެ ޓެސްޓް ހެދުން މެދުކެނޑިފައިވަނީ އައުޓްޕޭޝަންޓް ލޭގެ ޓެސްޓް ހަދަން ބޭނުންކުރާ އެލިނިޓީ ސީއެލް މެޝިންތަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.

މެޝިންތަކަށް ދިމާވި މައްސަލަތައް ހައްލު ކުރުމަށް ހޮސްޕިޓަލުގެ ޓެކްނިކަލް ޓީމުން ކުރި މަސައްކަތް މިހާރު ކާމިޔާބުވެ ލޭގެ ޓެސްޓްތައް މައްސަލައެއް ދިމާނުވެ ހެދޭނެ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ލޭގެ ޓެސްޓްތައް ހެދުން ހުއްޓުމަކަށް އައިތާ ފަހު ދުވަހު އެ ހޮސްޕިޓަލުން ވަނީ ލިމިޓް ކޮށްގެން ނަންބަރު ދޫކޮށްފައެވެ. އެގޮތުން ދުވާލެއްގެ މައްޗަށް 300 މީހުންނަށް ނަންބަރު އެ ހޮސްޕިޓަލުން ވަނީ ދޫކޮށް ހިދުމަތް ދީފައެވެ.

އައިޖީއެމްއެޗްގެ ލެބޯޓަރީ އަކީ އެތަނަށް ދައްކާ ބަލި މީހުންގެ ޓެސްޓްތައް ހަދައިދިނުމުގެ އިތުުރުން ބައެއް ރަށްތަކުން ބައެއް ކަހަލަ ސާމްޕަލްތައް ފޮނުވުމުން ވެސް ޓެސްޓްތައް ހަދައިދޭ ލެބެކެވެ. މިފަދަ މައްސަލައެއް ދިމާވުމުން މާލޭގެ އެހެން ހޮސްޕިޓަލްތަކަށް ބާރު ވެސް ބޮޑުވިއެވެ.