ހއ. ދިއްދޫން އިތުރުން ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ބުނީ، މިއަދުގެ ހަވީރު 18:05 އާއި ހަމައަށް އިތުރު ހަތް މީހަކު ކޮވިޑް-19 އަށް ފައްސިވެ، މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދު އަށަކަށް އަރާފައިވާ ކަމަށެވެ.

ދިއްދޫގައި ހަލުވި ކަމާއި އެކީ އަނެއްކާ ވެސް ބަލި ފެތުރެމުން އަންނަ މި ދަނޑިވަޅުގައި މިހާތަނަށް 36 މީހެއްގެ ސުންކު ވަނީ ނަގާފައެވެ. އޭގެ ތެރެއިން ހަތަރު މީހެއްގެ ސުންކު އަދި ނުލިބޭ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ދިއްދޫން މި ބަލި ޖެހިގެން މިހާތަނަށް ދެ މީހަކު ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު މަދުވެފައި އޮންނަތާ ދުވަސްކޮޅެއް ފަހުން އަނެއްކާ ވެސް މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އިއްޔެ ވެސް މުޅި ރާއްޖެއިން މި ބައްޔަށް އިތުރު 184 މީހަކު ކޮވިޑް-19 އަށް ފައްސިވެ ޖުމްލަ ފައްސިވި މީހުންގެ އަދަދު ވަނީ 82،713 އަށް އަރާފައެވެ.