އއ. މަތިވެރި ސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން މަދުވެގެން ބެލެނިވެރިން އިހުތިޖާޖް ކޮށްފިއެވެ.

"ވަގުތު" ވާހަކަ ދެއްކި މަތިވެރި ސްކޫލްގެ ބެލެނިވެރިއަކު މިއަދު ބުނީ ފައުންޑޭޝަން ސްޓޭޖްގެ އެއްވެސް ދަރިވަރަކު ސްކޫލަށް ނުފޮނުވަނީ ކިޔަވައިދޭނެ ޓީޗަރުން ނެތީމަ ކަމަށެވެ. ބައެއް ޓީޗަރުން ސްކޫލަށް ނުދާތާ ދެ ހަފްތާވެފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެލްކޭޖީ އަދި ޔޫކޭޖީ އަށް އެ ސްކޫލްގައި ތިބެނީ އެންމެ ދެ ޓީޗަރުން ކަމަށް ވުމުން އެންމެ ޓީޗަރެއް ބަލިވިޔަސް އެ ދުވަހެއްގެ ކުލާހެއް ދަރިވަރުންނަށް ނުލިބި ގެއްލޭ" ބެލެނިވެރިއަކު ކިޔައިދިނެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ގަވާއިދު އޮންނަ ގޮތުން ނަމަ ފައުންޑޭޝަން ސްޓޭޖްގެ ކޮންމެ 25 ކުއްޖަކަށް ހުންނަނީ އެންމެ ޓީޗަރެކެވެ. މަތިވެރި ސްކޫލްގައި ފައުންޑޭޝަން ސްޓޭޖްގެ ދެ ކުލާސް އޮންނައިރު އެލްކޭޖީގައި 24 ދަރިވަރުން އަދި ޔޫކޭޖީގައި 19 ދަރިވަރުން ތިބެއެވެ.

"އެ ކުލާސްތަކުގައި ހާއްސަ އެހީ އަށް ބެނުންވާ ކުދިން ތިބޭއިރު ކިހިނެތޯ އެންމެ ޓީޗަރަކަށް ކްލާސް މެނޭޖް ކުރެވޭނީ. މިއިން އެއްވެސް ކަމަކަށް މިނިސްޓްރީންވެސް އަދި ސްކޫލުންވެސް އެއްވެސް ސަމާލުކަމެއް ނުދޭ. ވޭތުވެދިޔަ އަހަރުގައިވެސް މި މައްސަލަ ދިމާވި. އެ ސްކޫލްގައި ޕްރިންސިޕަލެއް ނެތި ގިނަ ދުވަސް ތަކަކަށްފަހު މިހާރު ޕްރިންސިޕަލެއްވެސް ވަނީ އައްޔަން ކޮށްފައި. ބެލެނިވެރިން ބޭނުންވަނީ ފައުންޑޭޝަން ސްޓޭޖަށް ތިން ޓީޗަރުން ހަމަޖައްސާ ދިނުމަށް" ބެލެނިވެރިއަކު ބުންޏެވެ.

ސްކޫލަށް ޓީޗަރުން މަދުވެގެން ޓީޗަރުން ހޯދުމަށް ކުރާ މަސައްކަތުގައި އެޑިޔުކޭޝަން މިނިސްޓްރީގެ އެއްބާރުލުން ނުލިބުމަކީ އިހްތިޖާޖް ކުރި ބެލެނިވެރިންގެ ކަންބޮޑުވުމެއް ކަމަށް ބެލެނިވެރިން ބުނެއެވެ.

މަތިވެރި ކައުންސިލުން ބުނީ މި މައްސަލައަށް ހައްލެއް ހޯދައި ދިނުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ތިކަމަކީ އާކަމެއްނޫން. މިނިސްޓްރީން ޕްރިންސިޕަލުންނަށް އަންގަނީ ކަލޭމެން މުވައްޒަފުން އިނދަޖައްސައިގެން ވިޔަފާރިވެރިންނަށް ސަލާންޖަހައިގެން ސްކޫލުތައް ހިންގާށޭ. ސްކޫލް ހިންގުމަކީ ޕްރިންސިޕަލުންގެ ޒިންމާއެކޫ. ކަލޭމުންނަށް ހިންގުނު ގޮތަކަށް ހިންގައިގެންވެސް ބެލެނިވެރިން މައިތިރި ކުރެވޭތޯ ބަލާށޭ. ހުކުރެއް ހޮނިހިރެއް ރަސްމީ ބަންދުދުވަހެއް ބަލާނެކަމެއް ނެތޭ.

  2. ސަންޕާ

    އައްޗީޑަ ތީ އަހަރެމެން ރަށު މީހުން ކޮށް ބާވެފައޮތް ކަމެއް.. އެންމެ ފަހުން އަހަރެމެންގެ ބެލެނިވެރިން ވީ ކާޅުތަކަކަށް.

    2
    1