ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ)ގެ ބިދޭސީ މުވައްޒަފަކު ގެއްލިގެން ހޯދަން އިއުލާނުކޮށްފިއެވެ.

ރާއްޖޭގައި މަސައްކަތް ކުރަން ބޭރު މީހުން ގެނެސް، އެ މީހުން ރާއްޖެއަށް ހޭނޭ ފަހުން ފަހަރު ފިލައިގެން ދިއުމަކީ އާއްމު ކަމެކެވެ. މިގޮތަށް ބައެއް މީހުން ފިލައިގެން ދަނީ އިތުރު ރަނގަޅު މުސާރައެއް ލިބޭތީ ނޫނީ ކޮންމެވެސް މީހެއްގެ ދަލުގައި ޖެހިގެންނެވެ. އާއްމުކޮށް މިގޮތަށް ފިލާ ބިދޭސީން ހޯދަން ބައެއް މީހުން މާބޮޑު މަސައްކަތެއް ނުކުރެއެވެ.

މެންބަރު ޝަރީފް އެ މުވައްޒަފުގެ ފޮޓޯއެއް ހިއްސާ ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ވިދާުޅުވީ، އަލް އަމީން ނަމަކަށް ކިޔާ މި މީހާ ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އަދި ލަފާ ކުރެވެނީ އޭނާ ކަމާލް ހަސަން ކިޔާ ހިއުމަން ޓްރެފިކް ކުރާ މީހެއްގެ އަތް ދަށުވީ ކަމަށް އޭނާ ވިދާޅުވިއެވެ،

"މީނާއާ ބެހޭ އެއްވެސް މައުލޫމާތެއް ދެއްވި ފަރާތަކަށް 2000 ރުފިޔާގެ ފައިސާގެ އިނާޟެއް ދެވޭނެ".

ޝަރީފް ވަނީ މިގޮތަށް ލިޔުއްވުމަށްފަހު ފުލުހުންނާއި އިމިގްރޭޝަންގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައެވެ.

މިކަމާއި ގުޅޭގޮތުން ފުލުހުންނާއި އިމިގްރޭޝަނުން އަދި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.