ސީ ލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) ގެ ކޮއްކޮއާއި ދައްތައެއް ޖާމިނުވާ ގޮތަށް، ކަފާލާތުގެ ދަށުން، ޝަރުތުތަކަކާއެކު އައްމަޓީ ދޫކޮށްލަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލްކޮށް، އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ހައިކޯޓުން އަމުރުކޮށްފިއެެވެ.
އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރިއިރު، ހައިކޯޓުން މިގޮތަށް އަމުރު ކޮށްފައި ވަނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރެއްގެ އައުލަބިއްޔަތުންނެވެ.
ހައިކޯޓުގެ އަމުރުގައި ބުނެފައި ވަނީ އައްމަޓީގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެެރެފައި ނެތުމުން ފިލުމުގެ ފުރުސަތު އޮތް ކަމަށް ބެެލެވޭތީ އޭނާ ބަންދުން ދޫކޮށްލަން ދަށު ކޯުން ކުރި އަމުރު ބާތިލްކޮށް އަލުން ބަންދު ކުރަން އަމުރު ކުރާ ކަމށެވެ.
އައްމަޓީގެ ކޮއްކޮ އަފީފާ މޫސާއާއި ދައްތަ މަރިޔަމް ނައީމާ ވެސް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް އައްމަޓީ ފިލައިގެން ނުދާނެ ކަމުގެ ޔަގީން ކަން ދިނެވެ. ގާޒީ ދެން ވަނީ އައްމަޓީ ފިލައިގެން ގޮސްފި ނަމަ، އެ ދެ މީހުންނަށް އަންނާނެ އަބަދުތައް ވެސް ކިޔައިދެއްވައިފައެވެ.
މި ގޮތުން، އެއް އަހަރަށް ދިގު ނޫން މުއްދަތަކަށް ޖަލަށް ލުމުގެ ހުކުމެއް ނުވަތަ ދެ އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭބަންދު ކުރުމުގެ ހުކުމެއް ނުވަތަ 15،000 ރުފިޔާ ޖޫރިމަނާގެ ހުކުމެއް އިއްވިދާނެ ކަން ގާޒީ ފާހަގަ ކުރެއްވިއެވެ.
އައްމަޓީ ދޫކޮށްލީ ބައެއް ޝަރުތުތައް ވެސް ކުރިމަތިކޮށްފައެވެ. އޭގެ ތެރޭގައި ހެކިބަސް ދިނުމަށް ހަމަޖެހިފައިވާ ފަރާތްތަކާ މުއާމަލާތް ނުކުރުމާއި، ކޮންމެ ދުވަހަކު ފުލުހަށް ހާޒިރުވެ ސޮއިކުރަން ޖެހުމާއި، މާލެއިން ބޭރަށް ނުފުރުން ހިމެނެއެވެ.
އަންމަޓީ ސްރީ ލަންކާގައި ހުއްޓައި ހައްޔަރުކޮށްގެން ރާއްޖެ ގެނެސް 42 ދައުވާއެއް ވަނީ އުފުލައިފައެވެ. އަދި އެންމެ ފުރަތަމަ އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކުރިއެވެ.
އައްމަޓީގެ މައްޗަށް މި ދައުވާތައް އުފުލަން ނިންމީ، ހުޅުމާލޭގައި ފްލެޓް އިމާރާތްކޮށްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލައިގައެވެ.
ޔާ ﷲ އައްމަޓީއަށް ހެޔުރަހުމަތް ލައްވައި އައްމަޓީ މިނިވަން ކޮށްދެއްވައި އަންމަޓީގެ ހިދުމަތްތެރިކަން ލިބޭނެ ގޮތް މިންވަރު ކުރައްވާށި !