ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ސަފީރުކަމުގެ ފަތްކޮޅު އަރުވަައިފިއެވެ.

ނިއުޒިލޭންޑް، ނައިޖީރިއާ އަދި ފިލިޕީންސްއިން ރާއްޖެއަށް ކަނޑައެޅުއްވީ ސަފީރުންނަށް، ސަފީރުކަމުގެ ފަތްކޮޅު އަރުވާފައި ވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެގޮތުން ނިއުޒިލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރަކީ ހިޒް އެކްސަލަންސީ މައިކަލް އެޑްވަރޑް އެޕަލްޓަންއެވެ. އޭނާ ވަނީ ރާއްޖެއާއި ނިއުޒިލެންޑާއި ދެޤައުމުގެ ސިޔާސީ ގުޅުން ޤާއިމުކުރިތާ 47 އަހަރު ފުރުން ފާހަގަކުރީ މިދިޔަ އަހަރު ކަމުގައި ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެއިން ނިއުޒިލެންޑަކީ ރަނގަޅު އެކުވެރިއެއްގެ އިތުރުން ރަނގަޅު ބައިވެރިއެއްކަމުގައިކަންދެކޭކަމަށް ފާހަގަކުރެެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ރާއްޖެއާއި ނިއުޒިލެންޑާ ދެޤައުމުގެ ދެމެދުގައި އޮންނަނީ އެއްގައުމުން އަނެއް ގައުމަށް ހާއްސަ އަދި ދެގައުމުގެވެސް ޝައުގުވެރިކަން އޮންނަ އުސޫލުތަކެއްގެ މައްޗަށް ބިނާވެފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި، ދެ ގައުމުންވެސް އެންމެ ކަންބޮޑުވާ އެއް ދާއިރާއަކީ ނިރުބަވެރިކަމާއި ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ކުރާ ހަނގުރާމަކަމުގައި އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުން، މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާއި، ދެ ގައުމުގެ މިހާރުގެ ކޯވިޑް-19 ގެ ހާލަތާއި، ނިރުބަވެރިކަމާއި ހައްދުފަހަނައަޅައި ދިއުމާއި، ސުލްހައާއި ސަލާމަތާއި ރައްކާތެރިކަމާއި، އަދި ދެ ގައުމުގެ މަތީ ފަންތީގެ ފަރާތްތަކުގެ މެދުގައި ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

ނިއުޒިލޭންޑުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު - ފޮޓޯ: ރައީސް އޮފީސް

ނައިޖީރިއާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރަކީ ހިޒް އެކްސަލަންސީ އަބިއޮޔޭ މުޙައްމަދު ބެއްލޯއެވެ.

އެ ސަފީރާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ސަފީރު ވަނީ އޭނާގެ ސަފީރުކަމުގެ ދައުރުގައި، ރާއްޖެއާއި ނައިޖީރިއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރާއްޖެއާއި ނައިޖީރިއާ އާއި ދެމެދު އޮތް 40 އަހަރު ވެފައިވާ ތާރީހީ ގާތް ގުޅުން ފާހަގަކުރައްވާ ރައީސް ސޯލިގް ވިދާޅުވީ، ދިވެހި ސަރުކާރުން މި ގުޅުން ބަދަހިކުރެއްވުމަށް ޢަޒުމް ކަނޑައަޅާފައިވަނީ، ދެ ޤައުމުން ޤަބޫލުކުރާ އެއްބައިވަންތަކަމުގެ އުޞޫލުތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.

ނައިޖީރިއާއިން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު - ފޮޓޯ: ރައީސް އޮފީސް

ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރަކީ ހިޒް އެކްސަލަންސީ އެލަން އެލް ޑެނިއެގާއެވެ.

އެ ސަފީރާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހާއި ސަފީރު ވަނީ ދެ ގައުމުގައި ހުރި ހިޔާލު އެއްގޮތް ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެދެބޭފުޅުން ވަނީ ދެ ގައުމުގެ މިހާރުގެ ކޮވިޑް-19ގެ ހާލަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި، އޭގެ ނާޒުކުކަމާއި، ދެގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ފިލިޕީންސްގެ އާ ސަފީރު ދެއްކެވި ވިދާޅުވީ، ރާއްޖޭގައި ދިރިއުޅޭ ފިލިޕީންސްގެ ރައްޔިތުންނަށް ދިވެހި ސަރުކާރުން ދެއްވާ މެހްމާންދާރީއާއި، ވެދެއްވާ އެހީއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގައި ހުންނަވާ ނޮން-ރެޒިޑެންޓް ސަފީރުގެ ގޮތުގައި މަސައްކަތްކުރެއްވުމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒަމާނީތަރައްގީ

    މީގެ ކުރިން، ބޭރު ގައުމުތަކުން ރާއްޖެއަށް އައްޔަންކުރާ ސަފީރުން ރައީސަށް ފަތްކޮޅުއަރުވަނީ. މިހާރު ރައީސް، ބޭރުގެ ސަފީރުންނަށް ފަތްކޮޅުއަރުވަނީ. މިދާވަރުން ދަންޏާ ކުރީޒަމާނެއްގައި އަމަލުކުރަމުން ގެންދިޔަ ގޮތަށް ރާއްޖެއިން ވަކި ގައުމަކަށް އަހަރުންއަހަރަށް "ވެދުން" ފޮނުވަންޖެހޭ ހިސާބަށް ދާކަށް ގިނަދުވަހެއްނުވާނެ.