މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން ގޭބަންދަށް ދޫކޮށްފައިވާ މީހުންގެ ތެރެއިން ކޮށްފައިވާ ޝަރުތުތަކާ ހިލާފުވެގެން، ހުކުމް އިއްވާފައިވާ ގިނަ ބައެއް ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު އިވާ އަބްދުﷲ، ލިޔުމުން ޖަވާބު ހޯދަން ހުށަހެޅުއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.

މަޖިލީހުގެ ނައިބް ރައީސް، އީވާގެ ސުވާލު އެގޮތަށް އައީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ގޭބަންދަށް ދޫކޮށް، ވަކި މުއްދަތެއްގައި ގޭބަންދުގައި ހުރުމަށްފަހު ރަށު ބަންދަށް ނުވަތަ ޖަލުން ރަށު ބަންދަށް ދޫކޮށްފައިވާ މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ނުވަތަ ރަށު ބަންދަށް ދޫކުރުމަށްފަހު އިތުރު މުއާމަލާތެއް ނުހިންގާ 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުން ހިމެނޭތީއެވެ.

ވަކި ގޮތެއް ނާންގައި ރަށު ބަންދެއްގައި ބޭތިއްބުމަކީ ބައެއްގެ ހައްގުތަކެއް ގެއްލިގެންދާ ކަމަކަށްވާއިރު، އެކަމަށް ހައްލެއް ނުލިބި ލަސްވެގެންދަނީ ކީއްވެގެންތޯ އިވާ ސުވާލު ކުރެއްވުމުން އިމްރާން ވިދާޅުވީ ޝަރުތުތައް ފުރިހަމަކޮށްފައިވާ މީހުންގެ ތެރެއިން އެއްވެސް ޕާސްޕޯޓެއް ހިފެހެއްޓިފައިނުވާ ކަމަށެވެ. ޕާސްޕޯޓް ހިފެހެއްޓިފައިވަނީ ޑްރަގްގެ ފަރުވާ ފުރިހަމަ ނުކުރުން ނުވަތަ ދަރަނި އަދާކުރުމުގެ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވާ މީހުން ކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ނައިބު ރައީސް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ-- ފޮޓޯ: މަޖިލީސް

"އެމީހުންގެ ޕާސްޕޯޓް ހިފެހެއްޓިފައިވަނީ ތަންފީޒުކުރަން ޖެހޭ ހުކުމްތައް ހުރުމުން، މި ލިސްޓުގަިއ ގިނަ ބަޔަކު ހިމެނޭ" މިނިސްޓަރު ވިދާޅުވިެއެވެ.

އޭނާ ވިދާޅުވީ އިތުރު ކުށަކަށް އަރައިނުގަނެ ގިނަ ދުވަސްވެފައިވާ މީހުން ހިމެނޭއިރު އެފަދަ މީހުންގެ މައްޗަށް އިއްވާފައިވާ ހުކުމްތައް މިހާރު ތަންފީޒުކުރަން ފެށުމަކީ އެންމެ މަސްލަހަތު ހުރި ގޮތްކަމަށް ނުފެންނާތީ އެފަދަ ހާލަތްތައް މެދުވެރިވެފައިވާ ހުރިހާ މީހުންނަށް ވެސް އަދުލުވެރި ހައްލެއް ހޯދައި ދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

އިތުރު ކުށެއް ނުކޮށް ވަޒީފާއަށް ގޮސް އާއިލާއާއެކު ހަރުދަނާ ދިރިއުޅެމުންދާ މީހުންގެ މައްޗަށް އަހަރުތަކުގެ ކުރިން ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް ޖަލަށް ގެނައުމަކީ މީހުން ރިހެބިލިޓޭޓްކޮށް މުޖުތަމައަށް ނެރުމަށް ބާރު އެޅުމަށް ހޯމް މިނިސްޓްރީން ގެންގުޅޭ ރުޖޫއީ އިންސާފުގެ ފަލްސަފާއާ ހިލާފު އަދި އެކަމުގެ ސަބަބުން ދައުލަތަށް އެފަދަ ފަރާތްތަކުގެ އާއިލާތަކުންވެސް ތަކުލީފްތައް އުފުލަން ޖެހޭނެ ކަމެއް ކަމަށްވާތީ އެ މީހުންނަށް ކޮށްފައިވާ ހުކުމްތަކާއި މެދު ގާނޫނީ ގޮތުން އަމަލުކުރެވިދާނެ ގޮތްތަކެއް ބެލުމަށް ކަމާއި ގުޅުންހުރި ގިނަ މަޝްވަރާތަކެއް ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

އިމްރާން ވިދާޅުވި ގޮތުގައި، މަޝްވަރާތަކުގެ ތެރެއިން އެކަށީގެންވާ ގާނޫނީ ހައްލެއް ނުހޯދުނު ނަމަވެސް މާފު ދިނުމާއި އަދަބު ލުއިކޮށް ދިނުމަށް އެކަށައަޅާފައިވާ ގާނޫނީ އޮނިގަނޑުގެ ތެރެއިން މިހާރުވެސް ހައްލެއް ހޯދިދާނެ މީހުން ދެނެގަތުމުގެ މަސައްކަތް އެބަ ކުރެވެއެވެ.