އިސްލާމް ދީނާ ގުޅުވައިގެން ދޮގު މައުލޫމާތު ފެތުރުމަކީ ދީނަށް ފުރައްސާރަ ކުރުމުގެ ޖިނާއީ ކުށުގެ ބައިގައި ހިމެނޭ ކުށެއް ގޮތުގައި ކަނޑައަޅާ ގޮތަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލު ދިރާސާކޮށް ޖުޑިޝަރީ ކޮމިޓީން އެކުލަވާލި ރިޕޯޓް ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

ހިސާން ހުށަހެޅުއްވި ބިލުގައި ވަނީ މީސް މީޑިއާއާއާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިފައެވެ. ޖުޑިޝަރީ ކޮމިޓީން މި ބިލު ދިރާސާ ކުރުމަށް ފަހު ކުށް އިތުރަށް ތަފްސީލް ކޮށްފައިވެއެވެ.

މި ގޮތުން ފުރަތަމަ މާއްދާގައި ކުށުގެ ގޮތުގައި ލިޔެފައި ވަނީ "މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެނޫން ވެސް ގޮތަކަށް އާންމު ތަނެއްގައި، އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން މާތްﷲ އަށް ނުވަތަ ކީރިތި ގުރުއާނަށް ނުވަތަ ކީރިތި ރަސޫލާއަށް ނުވަތަ ކީރިތި ރަސޫލާގެ ސުންނަތަށް ނުވަތަ އިސްލާމްދީނަށް ފުރައްސާރަ ކުރުން،" މިހެނެވެ.

ދެވަނަ މާއްދާގައި ކުށުގެ ގޮތުގައި ލިޔެފައިވަނީ "މުވާސަލާތީ ވަސީލަތެއް ބޭނުން ކޮށްގެން ނުވަތަ އެ ނޫން ވެސް ގޮތަކަށް، އިސްލާމް ދީނަށް ތައުހީނު ކުރުމުގެ ނިޔަތުގައި ބަހުން ނުވަތަ އަމަލުން، މާތްﷲ އާ މެދު ނުވަތަ ކީރިތި ގުރުއާނާ މެދު ނުވަތަ ކީރިތި ރަސޫލާއާމެދު ނުވަތަ ކީރިތި ރަސޫލާގެ ސުންނަތާ މެދު ނުވަތަ އިސްލާމް ދީނާ މެދު ދޮގު މައުލޫމާތު ފެތުރުން ނުވަތަ އެފަދަ އަމަލެއް ކުރުމުގައި ބައިވެރިވުން،" މިހެނެވެ.

މި ބިލު ފާސްކޮށްފައިވަނީ ނަފުރަތުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅަން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުގެ ބިލާ ވެސް އެކުގައެވެ. މި ބިލު ވެސް މަޖިލީހަށް ހުށަހެޅުއްވީ ހިސާނެވެ. ދީނަށް ފުރައްސާ ކުރުމުގެ ކުށް ތަފްސީލް ކުރާ ބިލު މަޖިލީހަށް ހުށަހެޅީ ވެސް ފުރަތަމަ ބިލާ އެކު ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޚަލީލު

    ދީނުގެ ހުކުމްތައް ރަނގަޅަށް ނުދަންނަ ބަޔަކަށް ދީނާ ބެހޭގޮތުން މީހަކު ދެއްކީ ދޮގު ވާހަކައެއްކަން ކަނޑައަޅަން އެނގޭނެބާ؟ ދީނުގެ ބައެއް ހުކުމްތަކާ ގުޅިގެން ޚިޔާލު ތަފާތުވުންތައް ހުރިއިރު ވަކި މީހަކު ބުނާ އެއްޗެއް އެއީ ދޮގެއް ކަމަށް ކަނޑައެޅޭވަރުގެ މީހަކު މިހާރު ދުނިޔޭގައި އެބަހުރިބާ؟

    6
    1
  2. ޝަރަފުއްޒަމާން

    ދީން ، މިދެއަކުރުގައި ފިލިޖަހަން އެނގޭ ބަޔަކު ޤާނޫނު ހަދާމަޖިލިހަށް ހޮވާނީ ކޮންއިރަކުންތޯ؟ ރަށްޔިތުންނަށް ސުވާލު ދޫކޮށްލަން..

  3. Anonymous

    ތިޔަ މަޖިލީހަކީ ބޭކާރު ތަނެއް ކެނެރީ ނަޝީދުހެން.

  4. އެދުރުބެ

    މިގޮތްވެސް ވަގުތައް ކަމުނުދިޔައީ! ދެން ރަގަޅު ގޮތަކީ ކޮބާ؟