ފައިސާ ޗާޕް ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު ދެ ވަނަ ފަހަރަށް އިތުރު ކުރަން ސަރުކާރުން އެދިފައިވާ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ފޮނުވަން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އޭޕްރީލް 25، 2022 އާ ހަމައަށް މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯކޮށް އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށެވެ.

އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ހަމަ އެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެކެވެ.

މި މައްސަލައިގެ ބަހުސްގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިލްޔާސް ލަބީބް ވަނީ އެ މައްސަލަ މާލިއްޔަތު ކޮމިޓީއަށް ފޮނުވައި ދިރާސާ ކުރުމުގެ ގޮތުން ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ، އޮޑިޓަ ޖެނެރަލްގެ ލަފާ ހޯދުމަށް ފަހު މަޖިލީހުން ގޮތެއް ނިންމުމަށެވެ. އެ ހުށަހެޅުއްވުމަށް ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ތާއީދު ކުރެއްވިއެވެ.

މަޖިލިހަށް ހުށަހެޅުމެއް ލިބި އެ ހުށަހެޅުމަށް ތާއީދެއް ވެސް ލިބިފައިވާތީ މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުގެ މަތިން މި ހުށަހެޅުމަށް ވޯޓަށް އެހިއެވެ. އަދި އެ ހުށަހެޅުމާ އެއް ގޮތަށް މައްސަލަ ދިރާސާ ކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވަން ފާސްކުރީ 50 މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުން ފާސްކުރަން ނުފެންނަ ކަމަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯ ކުރުމަކީ ނުވަތަ ފައިސާ ޗާޕް ކުރުމަކީ 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ. ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަށް ފަހު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޗާޕް ކުރުން 2013 ގައި ހުއްޓާލިއެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާ ކުރާށެވެ.