އދ. ދަނގެތީގެ ވިޔަފާރިވެރިޔާ މަހްމޫދު އަބޫބަކުރު މަރާލި މައްސަލައިގައި ހައްޔަރު ކުރި ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ވިޔަފާރިވެރިޔާ މަހްމޫދު 57، މަރާލި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ސާލިމް 29، ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރީ، އޭނާގެ ބަންދާ މެދުގައި ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ.

މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. އަދި ތަހުގީގު ފުރިހަމަ ކުރުމަށް ފަހު އަންނަ ހަފްތާގައި ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ޕީޖީ އަށް ފޮނުވުމަށް ފަހު މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ނޫސްވެރިންގެ ބައްދަލުވުމެއް މެދުވެރިކޮށް ހިއްސާ ކުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މަހްމޫދު ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައި ވަނީ އޭނާގެ އުފަންގޭގެ ވަޅެއްގެ ތެރެއިން މިދިޔަ މަހުގެ 14 ވަނަ ދުވަހުއެވެ. އެ ގެއަކީ މިހާރު ފަޅު ގޯއްޗެކެވެ. އެ ވަޅު ހުންނަނީ މަގުމަތިންދާ މީހަކަށް ވެސް ފެންނާނެ ގޮތަށް ހާމައަށެވެ. އެއީ ސާލިމް ދިރިއުޅޭ ނެދުން ގެއާ ފުދޭ ވަރަކަށް ކައިރި ސަރަހައްދެކެވެ.

ނެދުންގޭގައި ދިރިއުޅެމުން އައީ ސާލިމްގެ އިތުރުން އުމުރުން ދުވަސްވީ ދިވެހި ފިރިހެނެކެވެ. ސާލިމްއަކީ އުމުރުން ދުވަސްވީ މީހާ ބަލަހައްޓަމުން އައި މީހާއެވެ. މި މައްސަލައިގައި ހައްޔަރު ކުރި ސާލިމްގެ ބަންދަށް ދެ ފަހަރެއްގެ މަތިން 15 ދުވަސް ޖަހާފައިވެއެވެ.

ސާލިމް ހައްޔަރު ކުރީ މިދިޔަ މަހުގެ 16 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ތުހުމަތު ކުރެވުނީ ދަނގެތީގައި އުޅޭ ދެ ބީރައްޓެހިންނަށެވެ. ތޮއްޑޫ އަށް އުފަން އެ ދެ މީހުންނާ ދޭތެރޭގައި ދަނގެތި މީހުން ޝައްކު ކުރި ނަމަވެސް ސާލިމްއާ މެދު ތުހުމަތު ކުރެވުނީ އޭނާ ދިރިއުޅޭ ގެއިން މީހަކަށް ފެނުނު މަންޒަރުންނެވެ.

އެމީހާ ބުނި ގޮތުގައި ސާލިމް ދިރިއުޅޭ ގެއިން އެ ރޭ ނުވައެއް ޖަހާކަން ހާއިރު، މީހެއްގެ ހަޅޭކުގެ އަޑު އިވިގެން ބަލާލި އިރު، ގޭތެރެއިން އެއްޗެއް ދަމާފައި މީހަކު ގެންދާ މަންޒަރު ފެނުނެވެ. އެ މައުލޫމާތު އޭނާ އެންމެ ފުރަތަމަ ހިއްސާ ކުރީ އާއިލާގެ މީހަކާއެވެ. އެކަމަކު ފަހުން އެކަން ފުލުހުންނާ ހިއްސާ ކުރުމުން ފުލުހުން ވަނީ ސާލިމް ހައްޔަރުކޮށް އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައެވެ.

މަހުމޫދުގެ މަރާލި ރޭ ކަން ހިނގައިދިޔަ ގޮތް ސާލިމް ކިޔައި ދިން އިރު، އޭނާ ދިރިއުޅޭ ގޭގައި ވަޅުލާފައި ހުރި ގިނަ ތަކެތި ވެސް ވަނީ ހޯދައިފައެވެ.

ފުލުހުން ބުނެފައި ވަނީ ސާލިމް ފިޔަވައި އިތުރު އެއްވެސް މީހަކު މަހުމޫދު މަރާލުމުގައި ބައިވެރިވި ކަމުގެ ހެއްކެއް ލިބިފައި ނެތް ކަމަށެވެ. އެނގިފައިވާ ގޮތުގައި މަހްމޫދު މަރާލީ، ފައިސާ ދިނުމަށް އެދުމުން އެކަމަށް އިންކާރު ކުރުމުންނެވެ. މަހުމޫދުގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމް ދަނިކޮށް ކެމެރާއަކަށް ވެސް ވަނީ އަރައިފައެވެ.