އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރު ދުވަހަށް ޖަލަށްލުމަށް އިއްވި ހުކުމް އިސްތިއުނާފް ކުރި މައްސަލައިގައި އަންނަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ބޭއްވުމަށް ތާވަލްކޮށްފިއެވެ.

ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނީ އެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބާއްވަނީ ވަކީލުންގެ ފަރާތުން ހުށަހެޅި ކަމަކާ ގުޅިގެން ކަމެއް ސާފު ކުރަން ކަމަށެވެ. އެއީ ކޮން ކަމެއް ކަން ގާނޫނީ ވަކީލުންގެ ޓީމުން ބުނެފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ހުކުމް އިއްވީ ގއ. ވޮޑަމުއްލާ ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ކަމަށް ބުނާ އެއް މިލިއަން ޑޮލަރު ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައި އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައެވެ. އެ މައްސަލައިގައި ޔާމީން ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ވެސް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ޔާމީޏްގެ ގާނޫނީ ވަކީލުންގެ ފަރާތުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ. އޭގެ ފަހުން ޔާމީންގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ސުޕްރީމް ކޯޓުގައި އެ މައްސަލައާ ގުޅިގެން ބޭއްވި އަޑުއެހުންތައް ނިންމާލާފައި އޮންނަތާ ދުވަސްކޮޅެއްވެއްޖެއެވެ. އެ މައްސަލައިގައި ހުކުމް އިއްވުމަށްޓަކައި އަޑުއެހުމެއް ބާއްވަން ސުޕްރީމް ކޯޓުން އަދި ތާވަލްކޮށްފައެއް ނުވެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު ދެ ދައުވާއެއްގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ. އެއީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ.ފުއްގުރި ދޫކުރި މުއާމަލާތުގެ މައްސަލާގައި އުފުލާފައިވާ ރިޝްވަތު ނެގުމާއި މަނީ ލޯންޑާކުރުމުގެ ދައުވާއެވެ. މި ޝަރީއަތް މިހާރު އޮތީ ހެކި ބަސް ނެގުމުގެ މަރުހަލާގައެވެ.

ވ. އާރަށް ދޫކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ލޯންޑަ ކުރި ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވިއެވެ. ނަމަވެސް އިތުރަށް ތަހުގީގު ކުރަން ފުލުހަށް ފޮނުވުމުން ޔާމީން ހާޒިރުކޮށް ބަޔާން ވެސް ނަގަން މަސައްކަތް ކޮށްފައިވެއެވެ. އެކަމަކު ތަހުގީގު ނިމިފައިވާ މައްސަލައެއް ކަމަށް ވިދާޅުވެ ޔާމީން ވަނީ ބަޔާން ދެއްވަން ދެކޮޅު ހައްދަވައިފައެވެ.