ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ އާންމު ވޯޓަކަށް އަވަހަށް ދިޔުމަށް ގޮވާލައި ތައްޔާރުކޮށްފައިވާ ޕެޓިޝަނަށް އަތޮޅު ތެރޭ ރައްޔިތުންގެ މެދުގައި ވެސް ޑިމާންޑް ބޮޑު ކަމަށާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ހަވާލުކުރާނީ އަތޮޅުތެރެއިން އެދެމުންދާ މީހުންގެ ސޮއި ހަމަ ކުރުމަށް ފަހު ކަމަށް ބަރުލަމާނީ ޓީމުން ބުނެފިއެވެ.

ބަރުލަމާނީ ނިޒާމުގެ ޕެޓިޝަންގެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ގާނޫނީ ވަކީލް މުހައްމަދު ނިޝާން "ވަގުތު" އަށް ވިދާޅުވީ، ޓީމުން ކަނޑައަޅާފައިވާ އަމާޒަށް ވުރެ ގިނަ މީހުން މިހާރު ވެސް އެ ޕެޓިޝަންގައި ސޮއި ކޮށްފައިވާ ކަމަށެވެ. ޓީމުން އަމާޒު ކުރީ އެއް ލައްކަ ސޮއި ހަމަ ކުރުމަށެވެ.

ނިޝާން ވިދާޅުވީ، ޕެޓިޝަންގެ މަސައްކަތް ފެށިއިރު އެއް ލައްކަ ސޮޔަށް އަމާޒު ކުރި ނަމަވެސް އެ މަސައްކަތް ފެށި ފަހުން އެއަށް އޮތް ތަރުހީބު އެއަށް ވުރެ ބޮޑަށް އޮތް ކަން ފެނިގެން ދިޔަ ކަމަށެވެ. އަދިވެސް އަތޮޅު ތެރޭގައި އެ ޕެޓިޝަނަށް ސޮއި ކުރަން ބޭނުންވާ ގިނަ ބަޔަކު ތިބި ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އެއް ލައްކައަށް ދެވުނީ އެއަށް ތާއިދު އޮތުމުން. އަދިވެސް އެބަ ތިބި އަޅުގަނޑުމެން ކުރިމަތީ އެ ޕެޓިޝަންގައި ސޮއި ކުރަން ބޭނުންވާ މީހުން އަތޮޅު ތެރޭގައި،" ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ، ޕެޓިޝަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުއްވާނެ ދުވަހެއް އަދި ދަންނަވަން ދަތި ކަމަށެވެ. ޕެޓިޝަންގައި ސޮއި ކުރަން އަތޮޅު ތެރެއިން އެދިފައިވާ މީހުންގެ ސޮއިތައް ހޯދުމަށް ފަހު ނޫނީ ޕެޓިޝަން ހަވާލު ކުރުމުގެ ވިސްނުން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ނިޝާން މިއަދު ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، މިހާތަނަށް ޕެޓިޝަނަށް ލިބިފައިވާ ޖުމްލަ ސޮއި 109،825 އަށް އަރާ ކަމަށެވެ. އަދި ތަކުރާރުވެފައިވާ ސޮއިގެ އަދަދަކީ 83 ކަަމަށް ވިދާޅުވިއެވެ.

އެހެންކަމުން ޖުމްލަ އަދަދަކީ 109،742 ކަމަށް އޭނާ ވިދާޅުވިއެވެ.

މި ޕެޓިޝަނަކީ އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ނަޝީދުގެ އިރުޝާދުގެ ދަށުން ސޮއި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ޕެޓިޝަނެކެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް ނަޝީދު ދަނީ މަސައްކަތް ކުރައްވަމުންނެވެ.

އެހެންވިޔަސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މި ކަމުގައި ވަކި ފަޅިއެއް ނަންގަވައި ވާހަކައެއް ނުދައްކަވައެވެ. އެމަނިކުފާނަށް އެ ސުވާލު ނޫސްވެރިން ކުރުމުން ކޮންމެ ފަހަރަކު ވެސް ވިދާޅުވަނީ މި ވަގުތު ހުރިހާ ވެސް ސަމާލު ކަމެއް ދެއްވަނީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައް ފުއްދަވަން ކަމަށެވެ.

ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅަން 2007 ގައި ނެގި އިންތިހާބުގައި ގިނަ ރައްޔިތުން ވޯޓުދިނީ ރިޔާސީ ނިޒާމަށެވެ. އޭރު ބަރުލަމާނީއަށް ތާއީދު ކުރީ ނަޝީދުގެ އެމްޑީޕީއާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީއޭއެވެ.

އެކަމަކު އެމްޑީޕީގައި ވެސް މިހާރު ރިޔާސީ ނިޒާމަށް ތާއީދު ކުރާ މީހުން މަދެއް ނޫނެވެ. އަދި ޔާމީން ވެސް ހުންނެވީ ރައްޔިތުންގެ ތާއީދު އޮތް ރިޔާސީ ނިޒާމު ތަންފީޒު ކުރަން ކަމަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީގެ ލީޑާޝިޕުން ވިދާޅުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މިއީ ދޮގެއްތަ؟

    މީގެން ވެސް ރާއްޖެ ހަލާކުވާނެ. މިހާރު މި ބުނެލީ.

    26
  2. އައްނި

    ތިހާމީހުން ގިނައިރު ތިހާގިނަދުވަސް ތިނަގަނީ އޮޅުވާލައިގެން 65 އަހަރުމީހުން ހައްދައިގެން ވާއެއނުވާއެއް ނޭގި ސިއިކޮއްލަނީ އަނެއްވާވެސް ގައުމު އަނެއް އަދަވަޅައް ތިޔަ ވައްޓާލަނީ

    16
  3. ޢަދުރޭ

    އެހެންތާ ވާނީ .ޢާމްދަނީ ނުލިބޭ ވާހަކަ ބޯހިޔާވަހިކަން ނެތް ވާހަކަ .މަސްވެރިންނަށް މަސް ނުވިއްކޭ ވާހަކަ މިކަހަލަ ވާހަކަތައް ފަނޑުކުރެވޭނީ . ބަރުލަމާނީ ރިޔާސީ އޭ ކިޔައިގެން ގޭސް އެނބުރީމަތާ . އެ ހުރިހާ ކަމެއްވެސް ވާނީ ބަރުލަމާނީ ގެނެވިގެންނޭބުނެ ދައްކާނެ ބަހަނާއެއްވެސް ލިބިފަނު މިއޮތީ . އެޖެންޑާ 19 ވަރަށް ހިޔަޅު ވާނެ އިނގޭ

    12
  4. Anonymous

    މީ ރާއްޖޭގެ ބަޖެޓުން ސަރުކާރު ޖަހާ ސަކަރާތަކީ ބަރުލަމާނީ ނިކަން މިގައުމައް ގެނެބަލަ. ގައުމުން ބޭރުގަ ކެނެރީ ބަރުލަމާނީ ހިންގާ. މިހާރުވެސް ގިނައިން ގައުމުން ބޭރުގަ ރޯޔަލް ގޮތުގައެއްނު އެ ދިރިއުޅުއްވަނީ.

    13
  5. 🙈

    މިއީ ކިހާ ދެރަ ކަމެއް. ރައްޔިތުންނަށް އެއްވެސް ފައިދާ އެއް ނެތް ނިޒާމެއް ފަހަތުން ދުވަނީ. މި އެމްޑީޕީ ސަޕޯޓަރުންނަކާއި ހެދި މުޅި ގައުމު ހަލާކުވޭ އެބަ.

    14
  6. ޙެ ހެ

    ތީ ސީދާ ދޮގެއް

    12
    1
  7. އަޙްމަދް

    އެއް ލައްކައަށް ދެވުނީ އެއަށް ތާއިދު އޮތުމުން. އަދިވެސް އެބަ ތިބި އަޅުގަނޑުމެން ކުރިމަތީ އެ ޕެޓިޝަންގައި ސޮއި ކުރަން ބޭނުންވާ މީހުން އަތޮޅު ތެރޭގައި،" ނިޝާން ވިދާޅުވިއެވެ.
    ——————————
    ލައްކައިން ލައްކައިން ސޮއިކުރިއަސް ތީވެސް ހަމަ ރައްޔިތުން ގުނބޯ ހައްދައިގެން ބަނޑުއަލާ ނިޒާމެއް، ފަސާދަކުރާ ނިޒާމެއް، ފަނާކުރުވާ ނިޒާމެއް. ލާދީނީ ނިޒާމެއްކެވެ.

    13
    1
  8. ރަކިސް

    ކުޅިދައްކާލާނަން ވޯޓުން. ނިކަން ވޯޓަކަށް ދޭބަލަ.

  9. ހިޔާލު

    ކޮންމެ ނިޒާމެއް ގެނަޔަސް ރިޝްވަތާއ ހިޔާނާތު ކަށީގައި ހިފާފައިވާ ބައެއްގެ ކިބައިން ލިބޭނެ ހެވެއް ނެތް ، ދެރަ ނިކަމެތިން ތީގަވެސް ސޮއިކުރާނެ، ދެން ތިބޭނެ ރޮއެ ރޮއެ.

  10. އިސްޢާފް ސަލީމް

    ރައްޔިތުންގެ ވޯޓަކަށްގޮސްފިނަމަ ތިޔައަށް 30% ވެސް ނުލިބޭނެ!