ވެލާނާ އިންޓަނޭޝަލް އެއާޕޯޓަށް ޖެއްސި އެއާއޭޝިއާގެ މަތިންދާ ބޯޓެއްގެ ފިޔަގަނޑު ގަތަރު އެއާވޭސްގެ ބޯޓެއްގައި ޖެހުނު މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގުކުރަން ފަށައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު ވަނީ އެފަދަ ހާދިސާއެއް ހިނގައި ދިޔަ ކަން "ވަގުތު" އަށް ކަށަވަރު ކޮށްދީފައެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އެހެން ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައި ނުވެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުގައި މިހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އެއާ އޭޝިއާގެ މަތިންދާ ބޯޓުގެ ފިޔަގަނޑުން ޕާކް ކޮށްފައި އޮތް ގަތަރު އެއާވޭސްގެ ބޯޓުގައި ޖެހިފައިވަނީ ބޯޓު ޓެކްސީ ކުރުމުގެ ތެރޭގަ އެވެ. މިހާދިސާގައި އެއްވެސް މަތިންދާބޯޓަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.

މި ހާދިސާ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގު ކުރަމުންދާ އިރު ދެ ފްލައިޓު ޖެހުމުގެ ހާދިސާތަކަކީ މަތިންދާބޯޓުތަކަށް ގެއްލުން ލިބި ނުރައްކާ ހާލަތެއް ކުރިމަތިވެދާނެ ކަމެކެވެ.