ރަށްރަށުގެ ކައުންސިލްތަކުގައި މަސައްކަތް ކުރައްވާ ބައެއް އަންހެން ކައުންސިލަރުންނާ މެދު ވަރަށް ނިކަމެތި ގޮތަކަށް ހިތަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

އަންހެނުންނަށް ކުރާ ފުރައްސާރައާއި ޖިންސީ ތަފާތު ކުރުންތަކުގެ މައްޗަށް އެކުލަވާލާފައިވާ އިންކުއަރީގެ ރިޕޯޓްގެ ބަހުސްގައި ރޮޒެއިނާ ވިދާޅުވީ ކައުންސިލްތަކުގެ ނިސްބަތެއް އަންހެނުންނަށް ޚާއްސަ ކުރި ނަމަވެސް، އަންހެން ކައުންސިލަރުންނާ މެދު ތަފާތު ކުރުން ބައެއް ކައުންސިލްތަކުގައި އިންތިހާއަށް އެބަ އޮތް ކަމަށެވެ.

ދާދި ފަހަކުން އަންހެން ކައުންސިލަރަކާއި ރޮޒެއިނާއާ ދެކުނު ވާހަކައެއް މަޖިލީހަށް ޚިއްސާ ކުރައްވަމުން އޭނާ ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސްއަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދުގައި ތިބުމުގެ ފުރުސަތު ވެސް އަންހެނުން ކައުންސިލަރުންނަށް ނުދެއްވާ ކަމަށެވެ.

އެއީ ކޮން ރަށެއް ކަމެއް ރޮޒެއިނާ ވިދާޅެއް ނުވެއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅު އެ ރަށަށް އޮތް އިރު، އަންހެން ކައުންސިލަރުންނާ މި ހަވާލު ކުރީ ކެއްކުމާއި މި [ޒާތުގެ] ކަންކަން ބަލަން،" އަންހެން ކައުންސިލަރާ ހަވާލާދީ ރޮޒެއިނާ ވިދާޅުވިއެވެ.

ރޮޒެއިނާ ވިދާޅުވި ގޮތުގައި ވަކި ސަރަހައްދަކުން އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ބައުންޑަރީ ޖަހައިގެން ތިބިއިރު، އެ ސަރަހައްދުގެ ތެރެއަށް ވަންނަން ވެސް އަންހެން ކައުންސިލަރުންނަށް ފުރުސަތެއް ނުދިނެވެ.

"މި ތަފާތު ކުރުން ގެންގުޅޭކަށް ނޫން އަޅުގަނޑުމެން އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑި ދިނީއެއް، އަންހެން ކައުންސިލަރުންނަށް ޖާގަ ދިނީ ނަގާ ކޮންމެ ކަމެއްގައި އެ މީހުންގެ ޚިއްސާ އޮންނާނެ، އެ މީހުންގެ ޚިއްސާއަކީ ކައްކަން ތިބުމެއް ނޫން،" ރޮޒެއިނާ ވިދާޅުވިއެވެ.

އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑު އެއް އިސްލާހަކީ ރަށްރަށުގެ ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ 33 އިންސައްތަ އަންހެނުންނަށް ޚާއްސަ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބުރުސީ

    ކައްކަންވެސް އެނގޭ ނަމަ ދޯ. ދުނިޔޭގ މަޝްހޫރު ޝެފުންގެ ތެރޭގަ ކިތައް އަންހެނުން ހިމެނޭބާ؟

  2. އުގުރި

    މިސާލަކަށް އޮފީހުގައި އެއް ފާހާނަ ހުރުން.
    ބަލަގަ ދެޖިންސު ހަމަހަމަ ވީމަ ވާނެ ތިހެއް ވެސް.

  3. މޫސަ

    މީނާ މިހާރު ކުއްލިއަކަށް އަންހެންބޭފުޅުންގެ ޙައްޤުގެމަތިން ހަނދާންމިވީ ކިހިނެއްބާމިވަނީ މިސަރުކާރުގެ އިސްމީހުން އަހެންބޭފުޅުންނަށްކުރި އަނިޔާތަކާއި، އަދި ރޯޔަލް ކޭސެއްގެ ގޮތުގައި މަޝްހޫރުވި ޖިންސީ ފުރައްސާރައާއި، އަދި އިންޑިއާ ފިރިހެނުން ދިވެހި އަންހެން ބޭކަނބަލުންނަށް ޖިންސީ ފުރައްސާރަ ކުރިއިސުވެސް މީނާގެ އަނގަ ހުރީ ފަހާފައިތޯ؟ ވެސް ސުވާލު އުފެދޭ މިރޮޒޭނާއަކީ އަމިއްލަ އެދުމުން ފޯވެފައިހުރި ދިވެހިންނަށް ގައްދާރުވެފައިވާ ގައްދާރެއް، ހާއިނެއް ނުބައިނުލަފާ ޖާހިލެއް