އިންޑިއާ ސަރުކާރުން ދރާއްޖެއަށް ކަނޑައަޅުއްވާ އާ ސަފީރު، ހިޒް އެކްސަލަންސީ މުނު މަހާވަރް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ އައު ސަފީރާ ރައީސްއާ ބައްދަލުކުރައްވައި، ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަފުޅު ދައްްކަވާފައެވެ.

އެގޮތުން އޭނާގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާ އާއި ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވާނެ ކަމަށް ވިދާޅުވިއެވެ. ރާއްޖެއާއި އިންޑިއާ އާއި ދެގައުމުގެ ދެމެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއް ކަމަށް ސަފީރު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އިންޑިއާގެ އާ ސަފީރު މުނު މަހާވަރު ވަނީ، ވޭތުވެދިޔަ 3 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް ތަރުރީފު ކުރައްވާފައެވެ. ހާއްސަކޮށް ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާއި، ރާއްޖޭގެ އިގްތިސޯދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތައް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހާއި އިންޑިއާގެ ސަފީރު ވަނީ ދެ ޤައުމަށް ފައިދާހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންފުޅުވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމާއި، ދެޤައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް ވެސް ދެބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަ ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވިއެވެ.

2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވުމުން އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.