އިތުރަށް ފައިސާ ޗާޕް ނުކޮށްފިނަމަ، ބަޖެޓް ކުޑަވެ އިގްތިސާދު ހުއްޓޭނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އިގްތިސޯދީ ތަދުމަޑުކަން ދިމާވުމާއެކު ސަރުކާރުން އެދިގެން މަޖިލީހުން ވަނީ ދެ ފަހަރެއް މަތިން އަހަރު ދުވަހަށް ފައިސާ ޗާޕުގެ ހުއްދަ ދީފައެވެ. ތިންވަނަ ފަހަރަށް ވެސް އަހަރު ދުވަހަށް މުއްދަތު އިތުރުކޮށްދޭން ސަރުކާރުން އެދުނީއެވެ.

އެ ސިޓީ އާއި ގުޅިގެން މާލިއްޔަތު ކޮމިޓީ ބައްދަލުވުމުގައި އަމީރު ވިދާޅުވީ ކޮވިޑް-19 ހާލަތާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ ރިސްކްތައް އަދިވެސް ކުޑަ ނުވާ ކަމަށެވެ.

"އޯވާ ޑްރޯ މެކްސިމަމް ލިމިޓް 3.5 ބިލިއަނަށް ދަށްކުރުމުން މިހާރަށް ވުރެ ރިސްކުތައް ކުޑަވާނެ. މީގެ އިތުރުން މިހާތަނަށް ވެސް އަޅުގަނޑުމެންނަށް ފިސްކަލް ޕޮލިސީ، މަނިޓަރީ ޕޮލިސީގެ ހާމަނައިޒޭޝަން ކޯޑިނޭޝަންއާ އެއްކޮށް އަޅުގަނޑުމެންނަށް އިންފްލޭޝަން ރިސްކްތައް ވެސް މިވަނީ މިޓިގޭޓު ކޮށްފައި،" އަމީރު ވިދާޅުވިއެވެ.

މީގެ އިތުރުން އަމީރު ވިދާޅުވީ އިތުރަށް ފައިސާ ޗާޕްކުރަން ހުއްދަ ނުލިބިއްޖެ ނަމަ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓް 27 ބިލިއަނަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

އިގްތިސާދީ ކުރިއެރުންތައް ކުރިޔަށް ގެންދެވޭނީ މިހާރު ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންގޮސްގެން ކަމަށް އަމީރު ވިދާޅުވިއެވެ.

"ކޭޝްފްލޯ މެނޭޖްކުރުމަށްޓަކައި 3.5 ބިލިއަން ކުޑަކޮށްފައި، 4 ބިލިއަން ރުފިޔާ ސެކްރެޓައިޒް ކޮށްފައި، 36.9 ބިލިއަން ރުފިޔާގައި ކޭޝްފްލޯ ހަމަ ބަރާބަރަށް މެނޭޖް ކުރެވޭތީ ހުށަހަޅާފައިވާނީ" އަމީރު ވިދާޅުވިއެވެ.

އަދި ސެކްރެޓައިޒް ވެސް ނުކުރާނަމަ ބަޖެޓް ޖެހޭނީ 25 ބިލިއަނަށް ކުޑަކުރަންކަން އަމީރު ފާހަގަ ކުރެއްވިއެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ހަމަ އެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެކެވެ.

ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ހައްދެއް ނެތި އޯވާޑްރޯ ކުރުމަކީ ނުވަތަ ފައިސާ ޗާޕް ކުރުމަކީ 2013 ގެ ކުރިން ސަރުކާރުތަކުގެ އާންމު އަމަލެކެވެ.

ނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް އައުމަށް ފަހު ސަރުކާރު ހިންގަން ބޭނުންވާ ފައިސާ ޗާޕް ކުރުން 2013 ގައި ހުއްޓާލިއެވެ. އޭގެ ބަދަލުގައި ޕީބީއޭ ބޭނުންކުރީ ހަމައެކަނި ސަރުކާރުގެ ދަރަނި އަދާ ކުރާށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖީޒާ އަމީން

    ރުފިޔާ ޗާޕްކޮށްގެރން ގައުމު ހިންގަންތަ ތިވިސްނަނީ؟ނުވަންޏާ އިސްތިއުފާ ދޭންވީނުން.ފައިސާ ޗާޕް ނުކޮށްވެދާނެ ތިކުރާ ބޭކާރު ޚަރަދުތައް ހުއްޓާލީމަ.ސީޔާސީ ބޭނުމުގަ ތަންތަނުގަ ތިބި މީހުން ވަޒީފާއިން ވަކިކުރީމަ ވީނުން.

    22
  2. ކޮއްޔާ

    ފެންވަރު ނެތް ތިކަހަލަ މީހުން ވެރިންނަށް ތިބިމަވާނީ އެހެން //

    19
  3. އަހްމަދު

    ފައިސާ ޗާޕްކުރަންޖެހޭނީ ރާއްޖެއަށް ޑޮލަރުގެ އާއްމުދަނީ ލިބޭމިންވަރަ ބަލާފަ.އަޅުގަނޑުގަބޫލްކުރާ ގޮތުގައި ސަރުކާރަށް ޑޮލަރުގެ ރިޒާވުރަގަޅު ކުރުމަށްޓަކައި 2 ރިއްސޯޓެއް ސަރުކާރުން ތަރަޢްގީ ކުރުން މުހިންމު. މިދެރިސޯޓް ލިބޭޑޮލަރު ބޭނުންކޮށްގެ އިންފުލޭސަން އަދި ރުފިޔާގެ އަގު ހިފެހެއްޓޭނެ.

    10
  4. ޖާމުނަގަރު

    ފިޓް ޖެހޭ ސަރުކާރު އިސްތިއުފާ // އަމީރު އިސްތިއުފާ // އެލްޑީޕީގެ ކޮންމެ. ވެރިކަމައްގާ ވަނީ ތިހެން / ގޮތްގޮތަށް ފައިސާއުކާފަ ސިވިލް ސާވަންޓުންނަށް މުސާރަ ދެވޭނެ ފަދަވެސް ނޯވޭ // ސަރުކާރު ހުއްޓޭ // އިސްތިއުފާ ނުކުޅެދޭ ސަރުކާރު //

    23
  5. ށސޭކު

    ކަލޭ ދެފަހަރު ދޭއްޗެއް ތިކިޔަނީ

    10
  6. ޖ

    މިއެމްޑީޕީ ސަރުކާރުއާއި ކޮންމެފަހަރަކު ރާއްޖޭގެ އިގުތިސާދު ފުޑޭނެ

  7. ބަކުރު

    އަމީރު ޖަލަށް ލާންޖެހޭ.