ސިވިލް ސާވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް އުސޫލަށް ގެނައި ބަދަލު އުވާލައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ކުރި އިއުލާނެއްގައި ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރ 10 ވަނަ ދުވަހު ނެރުނު މާލިއްޔަތާބެހޭ ސަރކިއުލަރ އިން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި މިހާރު އަމަލުކުރަމުންދާ އުޞޫލު ބަދަލުކޮށް، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހޯދުމުގެ ބަދަލުގައި، ބަނޑޭރި ޕޯޓަލްގެ ތެރެއިން އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައާއެކު މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރިޔަށްގެންދިއުމަށް މިހާރު އަންގާފައިވާ ކަމަށެވެ.

1 ޖަނަވަރީ 2020 ގެ ފަހުން، ސިވިލް ސަރވިސްގެ އިދާރާތަކުން ހުސްވެފައިވާ ނުވަތަ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގައި، މިނިސްޓްރީ އޮފް ފިނޭންސްގެ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް، އެ ސަރކިއުލަރގައިވާ ގޮތަށް އަމަލުކޮށް، ވަޒީފާ ހަމަޖެއްސުމަށް ސީއެސްވިއުގަ މެދުވެރިކޮށް ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހެޅުމުގައި، ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ފައިނޭންސް އެގްޒެކެޓިވް ދެއްވާފައިވާ ހުއްދައިގެ ސްކްރީން ޝޮޓެއް ހިމެނުއްވުމަށް އިއުލާނުގައި ވަނީ އެދިފައެވެ.

އިއްޔެ އިން ފެށިގެން ހަވާލާދީފައިވާ މާލިއްޔަތާބެހޭ ސަރކިއުލަރގައިވާ މިންގަނޑަށް ފެތޭ މަގާމުތަކަށް މީހުން ހަމަޖެއްސުމަށް ކޮމިޝަނަށް ހުށަހެޅުމުގައި މިނިސްޓްރީ އޮފް ފިނޭންސްގެ ހުއްދަ ހުށަހަޅަންނުޖެހޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

ދައުލަތުގެ ބަޖެޓުން މިހާރު ވެސް އެންމެ ބޮޑު ހަރަދެއް ކުރަނީ ސަރުކާރު މުވައްޒަފުންނަށް މުސާރަ ދިނުމަށާއި އެހެނިހެން ރިކަރެންޓް ހަރަދުތަކަށެވެ.

ވަޒީފާ އިތުރުކުރުމަށްޓަކައި އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 622.6 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓްގައި ހިމަނާފައިވާ ގޮތުގައި އޮފީސްތަކުން މިހާރު ހުސްވެފައި ހުރި މަގާމުތަކާއި އަލަށް އުފައްދާ މަގާމުތަކާއެކު ޖުމުލަ 3،244 މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް ހިމަނާފައި ވެއެވެ.