އެމްޑީޕީ އޮފީހުގެ ސެކުއިރިޓީ ވަރުގަދަ ކުރަން އެ ޕާޓީގެ ފަރާތުން ފުލުހުންގެ މުއައްސަސާގައި އެދިއްޖެއެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދަށް އެޑްރެސް ކުރައްވައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފްގެ ސޮޔާއެކު ފޮނުވާފައިވާ ސިޓީގައި ވަނީ އެ ޕާޓީގެ ބައެއް މުވައްޒަފުންނަށް، މީގެ ކުރިން ޕާޓީ އޮފީހުގައި މާރާމާރީ ހިންގި މީހަކު ބިރު ދައްކައި އިންޒާރު ދެމުންދާ ކަމަށެވެ.

އެހެންވެ އެ މައްސަލާގައި ޝަރީއަތުން ވަކި ގޮތަކަށް ނިމެން ދެން މުވައްޒަފުންގެ ސަލާމަތަށް މި ޕާޓީގެ މައި އިދާރާ، ހ. ޝަރާޝާގެ ސަލާމަތީ ކަންކަން ބަލަހައްޓަވައި ދެއްވުމުގެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ހަސަންގެ ސިޓީގައިވެއެވެ.

އެމްޑީޕީ އޮފީހުގައި މާރާމާރީއެއް ހިންގީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތިންވަނަ ދުވަހުގައެވެ. އެއީ އެމްޑީޕީ އޮފީހުގައި ޕިޔޯނަކަށް މަސައްކަތް ކުރާ އަހްމަދު ޖަޒީލް ނަމަކަށް ކިޔާ މީހަކު، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް ނަސީމްގެ މަންމަ މަރިޔަމް ޒުބައިރަށް ހަމަލާ ދީގެނެވެ.

މި މާރާމާރީގެ މައުލޫމާތު އެނގޭ މީހަކު ބުނި ގޮތުގައި، މަންދީއަށް ހަމަލާ ދިނީ ޗޭން ގަނޑަކުން، ބޮލުގެ ފުއްކިބައިގައި ޖަހައިގެންނެވެ. އެ މީހާ ވަނީ ވަނީ މަންދީއަށް ހަމަލާ ދިނުމަށްފަހު އެތަނުން ފިލައިފައެވެ. ހަމަލާ ދިނީ ހިނގި ދެބަސްވުމެއްގައި ކަމަށްވެއެވެ.

ޖަޒީލް މިހާރު ވަނީ ކޯޓުން ދޫކޮށްލައިފައެވެ.

މަންދީ ވިދާޅުވީ، ޖަޒީލަށް އަދަބެއް ދޭން ބޭނުން ނުވާ ކަމަށެވެ. ޖަޒީލް ގެންގޮސް ގޮޅިއަކަށްލައި އެތައް ދުވަހެއް ވަންދެން ބޭއްވުމަށްފަހު ހުކުމެއް ކުރާކަށް އޭނާ ނޭދޭ ކަމަށާއި ޖަޒީލަށް ބޭނުން ވަނީ ފަރުވާއެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.