ހަތިމަށްވެސް ކުޅު ޖެހި މައްސަލައިގައި ހައްޔަރު ކުރި ހަސަން ޒިޔާދުގެ ބަންދަށް އިތުރު ފަސް ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

އޭނާ މީގެ ކުރިން ވަނީ ރައީސް އޮފިސް ކުރިމައްޗަށާއި ހުކުރު މިސްކިތާއި އިސްލާމީ މަރުކަޒުގެ ކުޑަކަމުގޮސްފައެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުވެސް ކުރިއެވެ. އަދި އޭނާ ދައުވާކުރަން ފޮނުވައި ބަންދުން ދޫކޮށްލިއެވެ.

ނަމަވެސް އޭނާ ދޫކޮށްލިތާ މާގިނަ ދުވަސްތަކެއް ނުވަނީ މިސްކިތަކަށް ވަދެ ހަތިމަކަށް ކުޅު ޖެހުމުން ބަޔަކު އޭނާ ހިފަހައްޓައި ފުލުހުންނާއި ހަވާލުކުރީ މި މަހުގެ ކުރީކޮޅުއެވެ.

އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ފުރަތަމަ ޖެހީ 10 ދުވަހެެވެ. އިއްޔެ އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން އިތުރު ފަަސް ދުވަަހަށް ބަންދުގައި ބެހެއްޓުމަށް އެ ކޯޓުން އަމުރުކޮށްފައި ވެެއެވެ.

އެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އޭނާ އެ ކުށް ކުރިކަަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި އެބަހުރި ކަަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައި ބަހައްޓަންވީ މުޖުތަމައުގެ ސަލާމަތަށްޓަކައި ކަމަށް ބުނެފައި ވެއެވެ.

ހަސަން ޒިޔާދު މުޖުތަމައުގެ ތެރެއަށް ދޫކޮށްލާފައި ހުއްޓާ މީގެ ކުރިން ވެސް އޭނާ ވަނީ މިސްކިތެއްގެ ގޯތިތެރަށް ކުޑަކަމު ގޮސްފައެވެ. ނަމަވެސް އެފަހަރު އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ.

އޭނާއަކީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ނޫން ކަމަށް ޖެންޑާ މިިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ކުށުގެ ރެކޯޑްވެސް އޮންނަ މީހެކެވެ.