މާލޭ އަތޮޅުން އެންމެ ހިދުމަތްތެރި އަދި އެންމެ ތަޖުރިބާ ކެޔޮޅަށްދޭ "ކެޔޮޅު" އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު ފިޝަރީޒް މިނިސްޓްރީން އިތުރުކޮށްފިއެވެ.

އެ އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ މަސްވެރިންގެ ދުވަހުއެވެ. އެންމެ ހިދުމަތްތެރި ކެޔޮޅަކަށް ހޮވަނީ 35 އަހަރުން ދަށުގެ ކެޔޮޅުންނެވެ. އަދި އެންމެ ތަޖުރިބާކާރު ކެޔޮޅު ކަމަށް ހޮވާނީ 35 އަހަރުން މަތީގެ ކެޔޮޅުންނެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި މިހާރުވެސް މަސްވެރިކަމުގައި އަމަލީގޮތުން އުޅޭ އަދި މަސްވެރިކަން ފިޔަވައި، އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް ވާން ޖެހޭނެއެވެ.

މިނިސްޓްރީން ނެރެފައިވާ އިއުލާނުގައި ވިދާޅުވީ 17 އޮކްޓޫބަރު ގައި ކުރި އިއުލާނުގެ މުއްދަތުގައި އެކަށީގެންވާ އަދަދަށް ކުރިމަތިލާފައި ނުވުމުގެ ސަބަބުން އެވޯޑަށް އެދި ހުށަހަޅާ ފުރުސަތު މި މަހުގެ 25އާ ހަމަޔަށް އިތުރުކޮށްފައިވާ ކަމަށެވެ.

އެ ދެ އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ. އެވޯޑަށް އެދި ހުށަހަޅާ ފޯމް ފޮނުވަން ޖެހެނީ މިނިސްޓްރީގެ މެއިލްއަށެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ މި ފަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރަން ހަމަޖެހިފައިވަނީ ކ. ގާފަރުގައެވެ. ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަސް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.