ހުޅުމާލޭގެ ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ.

މިއީ އިންޑިއަން ކަލްޗަރަލް ސެންޓަރާއި އިންޑިއާ ހައި ކޮމިޝަނާއި ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ އެންޑް މޯލްޑިވްސް އަދި ބައިކް މޯލްޑިވްސް ގުޅިގެން ހުޅުމާލޭގައި ބޭއްވި ގޮނޑުދޮށް ސާފު ކުރުމުގެ ހަރަކާތެކެވެ.

ހުޅުމާލެ އަކީ ރާއްޖޭގައި އާބާދީ އެންމެ ބޮޑު އެއް ސަރަހައްދު ކަމަށްވާ އިރު މި އަވަށުގައި ދިވެހިންގެ އިތުރުން ރާއްޖެއިން ބޭރުގެ އެތައް ގައުމެއްގެ ބަޔަކުވެސް ދިރިއުޅެމުން ދެއެވެ.

ހުޅުމާލޭގައި ރީތި ގޮނޑުދޮށްތަކާއި މޫދަށް އެރޭނެ ތަފާތު، ހިތްގައިމު ތަންތަން ހުޅުމާލޭގައި އެބަހުއްޓެވެ. އަދި ހަފްތާ ބަންދާ އެކިއެކި ޗުއްޓީތަކުގައި ހުޅުމާލެ އަށް ގޮސް އުޅޭ އާއިލާތައް މަދެއް ނޫނެވެ. އެކަމަކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާއަކަށް ވެފައި އޮންނަނީ ގޮނޑުދޮށް ހަޑި ކުރާ މައްސަލައެވެ.

އެހެންވެ، ދޭތެރެ ދޭތެރެ އިން އެކި ފަރާތްތަކުން ހުޅުމާލެ ސާފު ކުރުމުގެ މަސައްކަތް ކުރެއެވެ.

އަވަށްޓެރި އިންޑިއާއަކީ ދިވެހިންގެ މިފަދަ އެކި ކަންކަމުގައި އަބަދުވެސް ބައިވެރިވާ ދިވެހިންނާ ގުޅޭ ގާތް ގައުމެއްކަން ފާހަގަ ކުރެވެއެވެ.