ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ކުރިއަށް ގެންދާ ސިލްސިލާ ކޯޑިންގ ޕްރޮގްރާމް ކަމަށްވާ “ގަރލްސް ޓު ކޯޑް”ގެ ކުޅުދުއްފުށީ ޕްރޮގްރާމް ކާމިޔާބު ކަމާއި އެކީ ނިންމާލައިފިއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހާއި ހަމައަށެވެ.

ކުޅުދުއްފުށި އަފީފުއްދީން ސްކޫލުގައި ބޭއްވި ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރިމެހުމާނަކީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުޙައްމަދު އާތިފްއެވެ. މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ސެކަންޑްރީ ސްކޫލްތަކުގެ އިސްވެރިންނާއި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ބައިވެރިވިއެވެ.

ދިރާގުން ބުނީ، މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންއަށް މުޅިން އައު، ޖުމްލަ 18 ދަރިވަރުން ވަނީ ކާމިޔާބު ކަމާއި އެކީ ޕްރޮގްރާމް ނިންމައި ސެޓްފިކޭޓް ހޯދި ކަމަށެވެ.

އެ ކުދިންނަށް ވަނީ ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އަލްފާޟިލާ އާތިފާ ޢަލީ މަރުހަބާ ދަންނަވާފައެވެ.

އާތިފާ ވަނީ ޓެކްނޮލޮޖީ ދާއިރާއިގައި މަސައްކަތްކުރާ އަންހެނުން އިތުރުވަމުން އަންނަކަށް ފާހަގަކޮށް މިދާއިރާއަށް އަންހެންކުދިންނަށް ހުރި ފުރުސަތުތަކުގެ ވާހަކަ ހިއްސާ ކުރައްވާފައެވެ. އަދި އަންހެނުންނާއި އަންހެންކުދިންނަށް އިންޓަރނެޓްގެ ޒަރިއްޔާއިން ރަށުގައި ތިބެގެންވެސް ކެރިއަރއެއް ހޯދަން މަގުފަހިވެފައިވާކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި މޭޔަރު ވަނީ ކުޅުދުއްފުށީގެ ތަރައްގީ ޕްލޭންގައި މީހުން ބިނާ ކުރާ ދާއިރާތަކުގެ ތެރޭގައި ޓެކްނޮލޮޖީ ދާއިރާ ހިމެނޭކަމަށް ފާހަގަކޮށް ޕްރޮގްރާމްގެ ބައިވެރިންނާއި ހުނަރުތަކުގެ ބޭނުންކޮށް އިތުރަށް ތަރައްގީކޮށް ޓެކްނޮކޮޖީ ދާއިރާއަށް ނުކުތުމަށް އިލްތިމާސް ކުރައްވާފައެވެ.

ކުޅުދުއްފުށީގައި މިފަދަ ހަރަކާތެއް ކުރިއަށް ގެންގޮސްފައިވާތީ މޭޔަރު ވަނީ ދިރާގަށާއި ވިމެން އިން ޓެކް މޯލްޑިވްސް އަށް ޝުކުރުދަންނަވާފައެވެ. އަދި ވިމެން އިންޓެކް މޯލްޑިވްސް އިން ކުރަމުން އަންނަ މަސައްކަތަކީ ގައުމީ މަސައްކަތެއް ކަމަށް ވެސް ފާހަގަކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވިމެން އިންޓެކް މޯލްޑިވްސްގެ ރައީސާ އަލްފާޞިލާ ހިންދު އަލީ ވަނީ ޕްރޮގްރާމުން ދަސްވި މަޢުލޫމާތުގެ ބޭނުންކޮށްގެން މުޖުތަމަޢަށް ރަނގަޅު ބަދަލުތަކެއް ގެންނަން ފަށައިގަތުމަށް ހިތްވަރު ދެއްވާފައެވެ. އަދި ޕްރޮގްރާމްގައި ދަސްކުރި ހުނަރު ބޭނުންކުރުމަށް ރަށު ލެވެލްގައާއި ގައުމީ ލެވެލްގައި މިޕްރޮގްރާމްގެ ބައިވެރިންނަށް ފުރުސަތު ހޯއްދަވާ ދެއްވުމަށާއި އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާއަށް ނެރުމަށް ބާރު އަޅުއްވާދެއްވުމަށް މޭޔަރުގެ އަރިހުން އެދިފައެވެ.

މިހަފްލާގައި ޓެކްނޮލޮޖީ ދާއިރާގައި ދިރާގުގައި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ދިރާގުގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަލްފާޞިލާ ބިޝާރާ ހަމީދު ވެސް ވާހަކަ ދެއްކެވިއެވެ. އަދި މިއަހަރު އިންފޮމޭޝަން ޓެކްނޮލޮޖީއަށް ޚާއްޞަކޮށްގެން ގްރެޖުއޭޓް އެޕްރެންޓިސްޝިޕް ފުރުސަތުތައް ދިރާގުން ހުޅުވާލި ވާހަކަވެސް ފާހަގަ ކުރެއްވިއެވެ.

މި ހަރަކާތުގައި ބައިވެރިވި ދަރިވަރުންގެ ތެރެއިން މަރިޔަމް މައިޝާ މުޙައްމަދު ބުނީ، ކޯޑިން އަކީ އުނދަގޫ ދާއިރާއެއްކަމަށް ކުރިން ހީވިނަމަވެސް މި ޕްރޮގްރާމްގެ ސަބަބުން ވިސްނުން ބަދަލުވެ، ކޯޑިން އަކީ ހަގީގަތުގައި ވެސް ކެރިއަރެއްގެ ގޮތުގައި އަންހެނުން ކުދިންނަށް ކުރިއަށް ދިއުމަށް ވަރަށް ރަނގަޅު ދާއިރާއެއް ކަމަށެވެ.

މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި 2018 ވަނަ އަހަރުން ފެށިގެން ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމް ސީރީޒްއެކެވެ.