އައިޖީއެމްއެޗުގައި މެޑިސިން އިންޓާންޝިޕް ހަދަމުން އަންނަ ޑޮކްޓަރުންގެ އިންޓާންޝިޕްގެ މުއްދަތުގެ ތެރޭގައި އެއްވެސް އެލަވަންސެއް ވެސް ނުލިބި އުޅެން ޖެހުމުން ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅިތާ މަސް ދުވަސް ވެގެން ދިޔައިރު އަދިވެސް އެއްވެސް ޖަވާބެއް ނުލިބޭ ކަމަށް އިންޓާންޝިޕް ޑޮކްޓަރުން ބުނެފިއެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕް ހަދަމުންދާ 28 ޑޮކްޓަރަކު ސޮއިކޮށް އޮކްޓޯބަރ މަހުގެ 18 ވަނަ ދުވަހު ރައީސް ސޯލިހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކޮވިޑް-19 ގެ ސަބަބުން ކޯސް ނުނިމި ދިގުލައިގެން ދިއުމުން މާލީ ގޮތުން ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާތީ އެކަމަށް ލުއިގޮތްތަކެއް ހޯދައިދިނުމަށް އެދޭކަމަށެވެ.

މާޗް މަހު އިންޓާންޝިޕް ފެށި ޑޮކްޓަރުންގެ އިންޓާންޝިޕް ޝެޑިއުލާއި އެއްގޮތައް ކުރިއަށް ދިޔަ ނަމަވެސް ނިމޭނީ އަންނަ އަހަރުގެ މާޗް މަހުއެވެ.

ރައީސް އަށް ފޮނުވި ސިޓީގައި ޑޮކްޓަރުން ބުނީ އިންޓާންޝިޕް ފުރިހަމަ ކުރުމަށް ރާއްޖެ އިން ބޭރުން ފުރުސަތު ލިބުނަސް އަމިއްލަ ގައުމުގައި އިންޓާންޝިޕް ހެދުމަށް ނިންމީ ގިނަ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

"އޭގެ ތެރޭގައި ރާއްޖޭގައި އިންޓާންޝިޕް ޕްރޮގްރާމްގެ ފެންވަރު ރަނގަޅު ކަމުގެ މައުލޫމާތު ލިބިފައި ވުމާއި ކޮވިޑުގެ ސަބަބުން ކޯސް ދިގުލައިގެން ދިއުމުން ގިނަ ކުދިންތަކަކަށް މާލީ ގޮތުން ދަތިތަކާ ކުރިމަތިލާން ޖެހިފައި ވުމާއި މެޑިސިން ކޯހަކީ އަގު ބޮޑު ކޯހަކަށް ވެފައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ކުދިންނަކީ ލޯނު ނަގައިގެން ކިޔަވާފައިވާ ކުދިންނަށް ވުމުން މިހާރު ވެސް ލޯނުގެ ގޮތުގައި ބޮޑު ބައެއް ދަރާފައިވާތީ ބޭރުން އިންޓާންޝިޕް ހެދުމަކީ އަނެއްކާ އިތުރު ހަރަދުތަކެއް ހިނގާނެ ކަމެއް ކަމުގައި ވުމާއި ރާއްޖޭގައި ހުރެގެން އިންޓާންޝިޕް ފުރިހަމަކުރުމަކީ ހުރިހާ ގޮތަކުން ވެސް ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވުން ހިމެނެ އެވެ،" ސިޓީގައި ޑޮކްޓަރުން ބުނެފައިވެ އެވެ.

ވަރަށް ގިނަ ގައުމުތަކުގައި އިންޓާންޝިޕް ފުރިހަމަކުރާއިރު އެ ގައުމަކަށް ނިސްބަތްވާ ޑޮކްޓަރުންނަށް މުސާރަ ނުވަތަ އެލަވަންސެއް ދެ އެވެ. މި ސަރަހައްދުގައި ވެސް އަމަލުކުރަނީ އެ އުސޫލުން ކަމަށް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެއްވެސް މުސާރައެއް ނުވަތަ އެލަވަންސެއް ނުލިބި އަހަރެއްހާ ދުވަސް ވޭތުކުރަން ޖެހުމުން އެކަމުގެ ސަބަބުން ހީނުކުރާ ވަރުގެ ދަތިތަކާއި ވަނީ ކުރިމަތިލާން ޖެހިފައި ކަމަށް ޑޮކްޓަރުން ބުނެއެވެ.

އިންޓާންޝިޕުގައި ބައެއް ދުވަސްދުވަހު ހުއްޓުމެއް ނެތި 24 ގަޑިއިރުގެ ޑިއުޓީ އަދާކުރަންޖެހެ އެވެ. އެ ވަގުތުގައި އަމިއްލަ ޖީބުން ހަރަދު ކޮށްގެން ކެއުންބުއިމުގެ ކަންކަން ހަމަޖައްސާއިރު، އާމްދަނީ ހޯދޭނެ އިތުރު އެހެން ގޮތެއް ނެތުމުން ވަރަށް ބޮޑު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމުގެ ކަންބޮޑުވުންތައް ވެސް ޑޮކްޓަރުން ފާޅުކޮށްފައި ވެއެވެ.

އައިޖީއެމްއެޗްގައި އިންޓާންޝިޕް ޕްރޮގްރާމް ފުރަތަމަ ފެށީ 2018 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އޭރު އެލަވަންސެއް އިންޓާންޝިޕް ހަދާ ދަރިވަރުންނަށް ސަރުކާރުން ހަމަޖައްސައިދިނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖުއްބާ

    އެއީ އިބުރާހިމު މުހަންމާ ސޯލިހުގެ ވައްތަރަކީ. އަބަދުވެސް ތަންތާގާ ހޭކިފަ ބުރުއްސާލާނީ، ލައްވައެއް ނުލާނެ.

  2. މުހަންމަދު

    ހުރިހާ ޑޮކްޓަރުން، ތިކަން ހަދާން ނައްތާލާ،2023 މިނޫން ބަޔަކާއި ހަވާލުކުރޭ....