ނައިބް ރައީސް ފައިސަލް ނަސީމް، ރަސްމީ ދަތުރުފުޅެއްގައި ބަންގްލަދޭޝްއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހަތަރު ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު ބަންގްލަދޭޝްއަށް ފުރާވަޑައިގަންނަވާނީ މިއަދުގެ ވަގުތެއްގައެވެ. ދަތުރުފުޅުގައި ސަރުކާރުގެ ދެ ވަޒީރަކާ ފޮރިން ސެކެރެޓަރީ އަބްދުލްގަފޫރް މުހައްމަދުވެސް ނައިބް ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގައި މަސައްކަތްކުރާ އެ ގައުމުގެ ރައްޔިތުންގެ ވަޒީފާގެ ކަންތައްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އަދި ސިއްހީ ދާއިރާއާ ތައުލީމީ ދާއިރާގެ އިތުރުން އެހެނިގެން ދާއިރާތަކުން ބަންގްލަދޭޝްއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވަން ވަނީ ހަމަޖެހިފައެވެ.

ނައިބް ރައީސް ބަންގްލަދޭޝްއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާއިރު، މި އަހަރުގެ މާޗް މަހު ރައީސް އިބްރާހިމް ސޯލިހުއާ، އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ވަނީ އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ބަންގްލަދޭޝްގެ ބާނީކަމުގައިވާ ޝައިހް މުޖީބުއްރަހްމާން އުފަންވެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަކުރުމަށް ބާއްވާ ހާއްސަ އިހުތިފާލުތަކުގައި ބައިވެރިވެވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާބެހޭ ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ދެ ގައުމުގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ރާއްޖެއާ ބަންގްލަދޭޝްއާ ދޭތެރޭ ބިމާން އެއާލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިއުލާން ކުރެވިގެން ދިޔައީވެސް އެ ދަތުރުފުޅުގައެވެ.

އެއަށް ފަހު އދ.ގެ އާންމު މަޖިލީހުގެ ހަވާސާގައި، ރައީސް ސޯލިހު ވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝޭހް ހަސީނާއާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. ރާއްޖޭގައި ދިރިއުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށް ދިރިއުޅޭ ފަރާތްތައް ގަވާއިދުގެ ތެރެއަށް އަލުން ވެއްދުމަށް ކޯވިޑް ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއިން ކުރި މަސައްކަތްތަކަށްޓަކައި ދިވެހި ސަރުކާރަށް ޝޭހް ހަސީން ޝުކުރު އަދާކުރެއްވިއެވެ.

ރޮހިންޔާ މުސްލިމުންގެ ކަންކަންމުގައި ރާއްޖެއިން ބަންގްލަދޭޝައަށް ތާއީދުކުރާކަން ހާމަ ކުރައްވައި، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް މެދުވެރިކޮށް ރޮހިންޔާ މުސްލިމުންނަށް އިންސާފު ހޯދައިދިނުމަށް ބަންގްލަދޭޝް ސަރުކާރާއި އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންއާ ގުޅިގެން މަސައްކަތްކުރައްވާނެކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޫސާ

    އަދިވެސް ބަންގާޅީން ގެންނާން،

  2. ދަރަނި ދަންތުރަ

    މިވެރިން ހަމަ އުދުހެނީ ނިކަމެތި މީހާ ބޭސްފަރުވާނުކުރެވިފައި އާސަންދަ ހުސްވެފަ ބާސަންދަ ހުސްވެފަ މިއޮތީވާ އޯގާތެރި ވެރިކަމެއް