ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައި ފޮނުވި ޗިޓްގައިވާ ވަގުތަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުން ހާޒިރުނުވުމުން އެއޮފީސް -/250 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

ޕީޖީ އޮފީހުގެ ވަކީލުން މިއަދު ގަޑިޖެހުނީ ކުނިތަކެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މަރިޔަމް ޝީރީންގެ މަރުގެ މައްސަލާގައި ލޯބިވެރިޔާ މުހައްމަދު ނަޖާހު 12 އަހަރަށް ޖަލަށްލާން ހުކުމްކުރި މައްސަލަ ނަޖާހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ކުރިއަށް ގެންދާ ޝަރީއަތަށެވެ.

މިއަދުގެ އަޑުއެހުން ފައްޓަވަމުން މައްސަލަ ބައްލަވާ ބެންޗްގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ "ވަގުތަކީ ރަނަށް ވުރެ ވެސް އަގުބޮޑު އެއްޗެއް." ކަމަށެވެ.

ކޯޓަށް ހާޒިރު ވުމަށް އަންގާ ކޯޓުން ފޮނުވާ ޗިޓަކީ ވެސް ކޯޓު އަމުރެއް ކަމަށާއި އެއަމުރަށް ކޮންމެ ފަރުދަކު ވެސް އަދި މުއައްސަސާތަކުން ވެސް ތަބާވާން ޖެހޭނެ ކަމަށް ފަނޑިޔާރު ވިދާޅުވިއެވެ.

މިއަދު ހެނދުނު 9:00 އަށް ތާވަލުކޮށްފައި އޮތެވެ. ނަމަވެސް, އޮންލައިންކޮށް ހާޒިރުވެގެން ކުރިއަށް ގެންދާ އެ އަޑުއެހުން ފެށީ 09:20 ގައެވެ.

ޖޫރިމަނާގެ ފައިސާ ހަތް ދުވަސް ތެރޭ ދައްކަން ޖެހޭނެ ކަމާއި ނުދައްކައިފިނަމަ ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ވަކީލުންނަށް ސުޕްރީމް ކޯޓުގައި ކުރިއަށްދާ ޝަރީޢަތްތަކަށް ނުވަދެވޭނެ ކަމަށް ވެސް ފަނޑިޔާރު ސުއޫދު މިއަދު ވިދާޅުވިއެވެ.

ނަމަވެސް މިއަދުގެ އަޑުއެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ 10 އަހަރު ކުރިން ނަޖާހުއާ އެކު މާލޭގައި ދިރިއުޅެމުންދިޔަ ޝީރީން ގެއްލިގެން ހޯދަމުން ދަނިކޮށް ޖެނުއަރީ، 2010 ގައި އޭނާގެ ހަށިގަނޑު ފެނުނީ ހަދަމުންދާ އިމާރާތެއްގައި ހުރި ކުނިތަކެއްގެ ތެރޭ، ކުނިވެފައި އޮއްވަ އެވެ. ނަޖާހުގެ މައްޗަށް ކުރީ ޝީރީން މަރާލުމަށް ފަހު ފޮއްޓަކަށް ލައިިގެން ގޮސް ހަށިގަނޑު އެއްލާލި ކަމުގެ ތުހުމަތެވެ.

ދަށު ކޯޓުން ނަޖާހު ސަލާމަތްވެފައި ވަނިކޮށް ހައި ކޯޓުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ނިންމީ ގަސްދުގައި ޝީރީން މެރިކަން ނަޖާހުގެ މައްޗަށް ސާބިތު ނުވިޔަސް، ގަސްދަކާ ނުލައި މީހަކު މެރިކަން އޭނާގެ މައްޗަށް ސާބިތުވާތީ، 12 އަހަރަށް އޭނާ ޖަލަށްލުމަށެވެ. ގަސްދުގައި މީހަކު މެރިކަން ސާބިތުނުވީ ޝީރީންގެ ޕޯސްޓްމޯޓަމެއް ނެތުމާއި އެ ދެ މީހުން އެކުގައި އުޅެމުންދިޔަ ކޮޓަރީގައި ޝީރީން މަރާލި ގޮތެއް އަދި ބޭނުންކުރި ހަތިޔާރެއް ދައުލަތަށް ނުދެއްކޭތީ އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހުސޭނުބޭ

    ހާދަ ބައިވަރަކުން ތި ޖޫރިމަނާކުރީ. އެކަމަކު ނިކަމެތި މީހާގެ ޖޫރިމަނާ ބޮޑުކަމުން އެމީހާއަށް އެކަން ކުޅަދާނަވެސް ނުވާނެ. އިންސާފު ހުރި ވަރަކީ ތިއީ!