އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުގެ މަގާމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ލެޕްޓޮޕްގައި ހުރި ކަމަށް ބުނާ ދިވެހި ބަހުން އަޑު އަޅާފައިވާ އައިއެސްގެ ވީޑިއޯއެއް ކްރިމިނަލް ކޯޓުގައި މިއަދު ދައްކާލައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކި ބަސް ނެގުމެވެ. އެ ދެ ހެކިވެރިންނަކީ އަމީންގެ ލެޕްޓޮޕްއާއި ފޯނުތައް އެނެލައިޒްކޮށް ރިޕޯޓްތައް ތައްޔާރު ކުރި ދެ ފުލުސް އޮފިސަރެކެވެ.

މި ގޮތުން ފުރަތަމަ ހެކިބަސް ނެގީ މައްސަލައިގައި ހިމެނޭ އިލެކްޓްރޯނިކް ޑިވައިސްތައް ތަހުލީލު ކުރި ފޮރެންސިކް ޑައިރެކްޓަރެއް ކަމަށްވާ ޖުމާން އަބްދުލްރަހީމްއެވެ. ދެން ހެކިބަސް ނެގީ އަމީންގެ ލެޕްޓޮޕް ތަހުލީލު ކުރި ސަބް އިންސެޕްޓަރު އިބްރާހީމް ޒުހައިރެވެ.

މި ގޮތުން ކުރި ތަހުލީލުގެ ތެރެއިން އަމީންގެ ލެޕްޓޮޕްއިން ފެނުނު ކަމަށް ބުނާ ވީޑިއޯތައް ދައްކައިލިއެވެ. އަށް ވީޑިއޯއެއް ދައްކައިލިއިރު، މައިގަނޑު ގޮތެއްގައި ހިމެނެނީ އައިއެސް ޖަމާއަތުގެ ވިސްނުންތަކާއި އޭގެ ތަގުރީރުތަކާއި، ސީރިއާގައި ކުރަމުންދާ ހަނގުރާމައިގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.

އެއިން އެއް ވީޑިއޯއިން ދިވެހި ބަހުން އަޅާފައިވެއެވެ. އަދި އެ ވީޑިއޯގައި ސީރިއާގައި ކުރަމުންދާ ހަނގުރާމައަށް ދިޔަ އަދި އެ ހަނގުރާމަ ތެރެއިން މަރުވި ދިވެހިންގެ ފޮޓޯތަކާއި ވީޑިއޯތައް ފެނެއެވެ.

ކުއްލިއަކަށް ވީޑިއޯ ރިޕޯޓެއް ގެނައި ކަމަށް ބުނެ ދިފާއުގެ ހޫނު ރައްދުތަކެއް

ހެކިވެރިޔާއާ ސުވާލު ކުރަން ދިފާއީ ވަކީލުންނަށް ދެއްވި ފުރުސަތުގައި ދިފާއީ ވަކީލު އިސްމާއީލް ވިޝާމްއާއި އަހްމަދު ޔާމީން ވެސް ފުރަތަމަ ކަންބޮޑުވުން ފާޅު ކުރެއްވި ކަމަކީ މީގެ ކުރިން މައްސަލަ ފުރަތަމަ ކްރިމިނަލް ކޯޓަށް ހުށަހެޅުނުއިރު ވެސް ވުޖޫދުގައި އޮތް ރިޕޯޓެއް ހުށަނާޅާ އޮތް އޮތުމެވެ.

ދިފާއީ ވަކީލު ވިޝާމް ވިދާޅުވީ، ސުޕްރީމް ކޯޓުން މި މައްސަލަ އަލުން ކްރިމިނަލް ކޯޓުގައި ބަލަން ފަށަން އެންގުމުގެ ކުރިން ކްރިމިނަލް ކޯޓަށް މި ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށެވެ. އެކަމަކު އޭރު ވެސް އެ ރިޕޯޓް ވުޖޫދުގައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި އަމީންގެ ލެޕްޓޮޕްގައި ހުރި ވީޑިއޯތަކެއް ކަމަށް ބުނެ ވީޑިއޯތަކެއް ޝަރީއަތުގައި ދައްކައިލިއިރު، މީގެ ލިޔެކިއުންތަކާއި ހެކިތައް ދިފާއަށް ޚިއްސާ ނުކުރާތީ އެ ކަމާ ވެސް ވަކީލު ވިޝާމް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އޭގައި ހިމެނޭ ވީޑިއޯތަކުގައި ތަފާތު އެކި ބަހުރުވަ ހުރިއިރު އޭގެ ތަރުޖަމާއެއް ދޭން ވެސް ދިފާއުން އެދިވަޑައިގަތެވެ. އެ ކަން ވެސް ހަމަނުޖެހުމުން ދިފާއަށް ފުރުސަތު ހަނިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއުގެ ސުވާލުތައް މައިގަނޑު ގޮތެއްގައި ދެން އަމާޒުކުރީ ވީޑިއޯތައް ތަހުލީލު ކުރުމުގެ ގޮތުން ކުރިއަށް ގެންދާ އިޖުރާއަތާ ގުޅޭ ގޮތުންނެވެ.

ސުވާލުތައް ދެން އުފެދުނު ކަމަކީ ވީޑިއޯ ފައިލްތައް އެންކްރިޕްޓް ކުރެވުނު ގޮތާ މެދުގައެވެ. މި ގޮތުން ހެކިތައް ހުރި ޑިވައިސްއަށް އެކްސެސް ނުވެވޭ ގޮތަށް ލޮކް ކުރި ގޮތަކާ މެދު ސުވާލު އުފެއްދިއެވެ.

މީގެ ޖަވާބުގައި ހެކިބަސް ދިން ފުލުސް އޮފިސަރު ވިދާޅުވި ގޮތުގައި، ލެޕްޓޮޕުން މައްސަލައާ ގުޅުން ހުރި ވީޑިއޯތަކެއް ހުރިތޯ ބެލުމަށް ފަހު، އެފަދަ ވީޑިއޯތައް ފާހަގަކޮށް އެ ތަކެތި ހިމެނީއެވެ. އެފަދަ ފައިލެއް ނުފެނިއްޖެނަމަ "ނޯ ފައުންޑް ފައިލް" ރިޕޯޓެއް ތައްޔާރު ކުރަނީ ކަމުގައެވެ.

ދިފާއުން ދެން އެންމެ ބޮޑު ކަމަކަށް ފާހަގަ ކުރެއްވީ އެންކްރިޕްޝަންތަކުގެ ތަހުލީލުގައި އެއް ތާރީޚެއްގައި ޕްރެލިމިނިރީ ރިޕޯޓްއާއި ފައިނަލް ރިޕޯޓް ތައްޔާރުކޮށް ނިންމައި ހުށަހެޅުމުންނެވެ. ޕްރެލިމިނަރީ ރިޕޯޓަކީ ފައިނަލް ރިޕޯޓްގެ ކުރިން ތައްޔާރުކުރާ ރިޕޯޓެކެވެ.

އޮފިސަރު ވިދާޅުވެފައިވަނީ އެންކްރިޕްޓް ކުރަން ބޭނުން ކުރީ އޭޑީ ލެބް ކިޔާ ސޮފްޓްވެއާއާއި އިންކޭސް ނަމަކަށް ކިޔާ ސޮފްޓްވެއާއެއް ކަމަށެވެ.

ދިފާއީ ވަކީލުންގެ ވާހަތަކަށް ރައްދެއް ދެއްވަމުން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ މި ރިޕޯޓް ފައިލްއަކީ ކްރިމިނަލް ކޯޓުގެ ނިންމުންތައް ދިފާއުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައި އެ މަރުހަލާ ފެށުމުގެ ކުރިއަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ކަންކަމުގެ ތެރޭ ހިމެނޭ ފައިލެއް ކަމަށެވެ.

ނިރުބަވެރި ކަމާ ގުޅުވައި އަމީނަށް ކުރާ ތުހުމަތުތައް

ފުލުހުން އަމީން ހައްޔަރުކުރީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އަމީންއާއެކު މި މަސައްކަތުގައި އިތުރު މީހުން ވެސް ބައިވެރިވެއެވެ. އެ މީހުން އަންނަނީ މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކަމަށްވެއެވެ. އަދި ކުށްވެރިންގެ ގޭންގުތަކަށް ނިސްބަތްވާ މީހުން ވެސް ރެކްރޫޓްކޮށް، ހަނގުރާމަ އަށް ފޮނުވަން އޭނާ މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެއެވެ.

އަމީނަށް ކުރާ ތުހުމަތާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ނިރުބަވެރި ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށުގެ ދައުވާއައި، ނިރުބަވެރި އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއެވެ. މި ދައުވާތަކަށް އަމީން އިންކާރު ކުރެއެވެ.

އަމީނަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޓްރެޝަރީގެ އޮފީސް އޮފް ފޮރިން އެސެޓްސް ކޮންޓްރޯލް (އޯއެފްއޭސީ) އިން އެކުލަވާލި ޓެރަރިސްޓުންގެ ލިސްޓުގައި ވެސް ހިމަނާފައިވާ މީހެކެވެ.

އެމެރިކާއިން ބުނާ ގޮތުގައި އަމީން ރެކްރޫޓް ކުރާ ނިރުބަވެރިން ކުރިން ފޮނުވަމުން ދިޔައީ ސީރިޔާ އަށް ކަމަށްވީ ނަމަވެސް، ފަހުން އޭނާ އަންނަނީ އަފްޣާނިސްތާނަށް އެފަދަ މީހުން ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ.

އައިއެސްގެ އީރާގު ގޮފި (އައިއެސް-ކޭ) އަށް ވެސް ހަނގުރާމަވެރިން ރެކްރޫޓް ކުރަން ދިވެހިރާއްޖޭގެ ނޫސްވެރިއަކަށް މަހަކު 700 ޑޮލަރުގެ މުސާރައެއް ހުށަހަޅައި، އައިސިސް-ކޭ އަށް ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެ ނޫސްވެރިޔާ އަފްޣާނިސްތާނަށް ގެންދަން ވެސް އަމީން މަސައްކަތް ކޮށްފައިވާ ކަމަށް އެމެރިކާއިން ތުހުމަތު ކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނަސީމާ

    އަމީނޫ ނިކަން ދިވެހިރާއްޖޭގެ ވެރިކަމާ ކުރިމަތިލާބަލަ، ސާވާޖޭމް ވެގެން މިހާރު ވެސް އެންމެން އެއުޅެނީ

  2. ސަދޫމު

    ޙަކުރުބޯ ޕާޓޭމެންގެ ރައީތުންނަށް ދުއްޕާން ކުރަމުންދުވާ ޕާޓޭމެންގެ ސަރީއަތް ބަލާނެ ކަމެތްނެތް އެމީހުން ކޯޓަޢް ގެންދާގިތަށް ދޫކޮށްލަންވާނެ އެހެންތާ މިހަރުވެސް ކަންކަންވަނީ