ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖެއްގެ ލިޔުން ނުވަތަ "ގަރާޖް ސިޓީ" ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ގެނައުމުގެ ބިލް ފާސްކުރަން ނުފެންނަ ކަމަށް ނިންމާ އެ ބިލު މަޖިލީހުން ބޭރުކޮށްލައިފިއެވެ.

އެ އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އެވެ. އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ބުނެފައިވަނީ ގިނަ ފުރޮޅުލީ އުޅަނދު ގަރާޖެއްގައި ރަޖިސްޓަރީކުރާގޮތަށް މިހާރު އޮންނާތީ، އެކަމުގެ ސަބަބުން، އެކަމުގެ ނާޖައިޒް ފައިދާ ނަގައި ބޮޑެތި އަދަދުތައް ގަރާޖުފީގެ ގޮތުގައި ނުވަތަ ގަރާޖު ކުލީގެ ގޮތުގައި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ނަގަމުން ގެންދާާތީ ކަމަށެވެ.

އަދި ގަރާޖުގައި އޮންނަ ޖާގައަށްވުރެ ގިނަ އުޅަނދުފަހަރު ގަރާޖުގައި ރަޖިސްޓަރީކޮށްދީ އެފަދަ އަމަލުތައް ބައެއް ފަރާތްތަކުން ހިންގަމުން ގެންދާތީ، އަދި މިކަން ރަނގަޅަށް މޮނިޓަކުރެވޭތަން ނުފެންނާތީ، އެކަމަށް ހުއްޓުމެއް ގެނައުމަށްޓަކައެވެ.

އެ ބިލް އިތުރަށް ދިރާސާ ކުރަން އަނބުރާ ބިލު ދިރާސާ ކުރި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ އޭޕްރީލް މަހުއެވެ. ގަރާޖު ސިޓީ އުވާލަން ކޮމިޓީއިން ވެސް ފާސްކޮށް ތަޅުމަށް ބިލު ގެނައުމުން އެމްޑީޕީގެ ބައެއް މެންބަރުން ވަނީ އެ ބިލް ފާސްކުރަން ތާއީދު ނުކުރައްވާ ކަން ހާމަކުރައްވާފައެވެ.

ބިލުގެ ބަހުސްގައި މަޖިލީހުގެ ނައބް ރައީސް އީވާ އަބްދުﷲ ވިދާޅުވެފައިވަނީ ގަރާޖް ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނު އިސްލާހު ކޮށްފިނަމަ މާލެ އިތުރަށް ތޮއްޖެހިގެން ދާނެ ކަމަށެވެ. ގަރާޖު ސިޓީގެ ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވަން ގަވާއިދު އުވާލައިގެން ހައްލުވާނެ އުސޫލެއް ވިސްނިވަޑައިނުގަންނަވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ބިލު އަނބުރާ ކޮމިޓިއަށް ފޮނުވާލުމުން ކޮމިޓީންވެސް ނިންމީ ގަރާޖު ސިޓީ އުވާލާ ގޮތަށް ބިލް ފާސްނުކުރުމަށެވެ. ބިލްފާސް ކުރުމާއި ގުޅޭ ގޮތުން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި 43 މެމްބަރުންގެ އަގުލަބިއްޔަތުން ނިންމީ ބިލް ފާސްނުކުރަން ފެންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ހަގީގަތާ ހިލާފު ސިޓީއެއް ގަރާޖްނަމުގަ ބާއްވަންތޯ ފާސްކުރީ މިހާތަނަށް ހިގާފަ އޮތްގޮތް

  2. ބަދޫރާ

    ކުރިންވެސް އެނގޭ.... ގަރާޖު ސިޓި ގެންގޮސް ގެން ރަޖިސްޓްރީ ކޮށްފަ ވެހިކަލް ބާއްވަނީ މަގުމަތީގަ ކޮންކަހަލަ ހަމަނުޖެހޭ އެއްޗެއް.. ފައިސާ ގެ ދަހިވެތިކަމުގައި ކުރާ ނުބެލެހެއްޓޭ ކަންކަން...ގަރާޖުގެ ވެރިންގެ ޖީބު ބޮޑުކޮށް ބައިއަޅަން ކުރާ ކަމެއް ހުސް ކޮރަޕްޝަން

  3. ޢާނަ

    ގަވާއިދާ ހިލާފަށް ކުރާ ކަންކަން ހުއްޓުވަން ގަވާއިދު އުވާލައިގެން ހައްލުވާނެ އުސޫލެއް ވިސްނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވާއިރު ވެހިކަލް ތޮއްނުޖެހޭނެ ގަވާއިދެއް އެކުލަވާލާކަށް ތިބޭފުޅުންނަކަށް ވިސްނި ވަޑައިނުގެންނެވިތޯ ހައިރާން ވެއްޖެ.

  4. ޢަބްދުﷲ

    ތިޔަ ގަރާޖު ސިޓީއެއް ލައިގެން މާލޭގެ ތޮއްޖެހުން އެންމެ ތަންފުކެއްވެސް ކުޑަވިތަނެއް ނުފެނެ/ އޭގެ ބަދަލުގަ ޕާކިން ޒޯންތަކެއް ހަދާބަލަ. ކާރު ފަދަ އެއްޗިހި މަހުން މަހަށް ކުޑަ އަގެއް ދައްކައިގެން ހިޔަލުގައި، ސެކިއުރިޓީ ރަނގަޅު ތަނެއްގައި ޕާކު ކުރެވޭނެ އިންތިޒާމްތައް ހަމަ ޖައްސަބަލަ. އޭރުން ސަރުކާރަށްވެސް އެއްޗެއް ލިބޭނެ. އާއްމު ރައްޔިތުންވެސް އޭގެ ބޭނުން ކުރާނެ.