އިސްލާމިކް ސްޓޭޓް (އައިއެސް) އިން ރާއްޖޭގެ އަމީރުގެ މަގާމަށް ކަނޑައަޅާފައިވާ ކަމަށް ބުނާ ޏ. ފުވައްމުލައް މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ ހާޑް ޑިސްކެއް ތަހުލީލު ކުރަން އެމެރިކާގެ އެފްބީއައިއަށް ފޮނުވައިފިއެވެ.

މިއަދުގެ އަޑުއެހުމުގައި ކުރިއަށް ދިޔައީ ދައުލަތުގެ ފަރާތުން ހުށަހަޅާފައިވާ ދެ ހެކިވެރިއެއްގެ ހެކި ބަސް ނެގުމެވެ. އެ ދެ ހެކިވެރިންނަކީ އަމީންގެ ލެޕްޓޮޕްއާއި ފޯނުތައް އެނެލައިޒްކޮށް ރިޕޯޓްތައް ތައްޔާރު ކުރި ދެ ފުލުސް އޮފިސަރެކެވެ.

މި ގޮތުން ފުރަތަމަ ހެކިބަސް ނެގީ މައްސަލައިގައި ހިމެނޭ އިލެކްޓްރޯނިކް ޑިވައިސްތައް ތަހުލީލު ކުރި ފޮރެންސިކް ޑައިރެކްޓަރެއް ކަމަށްވާ ޖުމާން އަބްދުލްރަހީމްއެވެ. ދެން ހެކިބަސް ނެގީ އަމީންގެ ލެޕްޓޮޕްއާއި ހާޑް ޑިސްކެއް ތަހުލީލު ކުރި ސަބް އިންސެޕްޓަރު އިބްރާހީމް ޒުހައިރެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ވަކީލު އަހުމަދު ނައުޝާދު ވިދާޅުވި ގޮތުގައި، މި ހާޑް ޑިސްކް ތަހުލީލު ކުރަން އެފްބީއައިއަށް ފޮނުވީ އޭގައި ހުރި ބައެއް ފައިލްތައް ހޯދުމުގެ ގާބިލް ކަން ނެތުމުން ކަމަށެވެ.

ތަހުލީލުގެ ތެރެއިން އަމީންގެ ލެޕްޓޮޕްއިން ފެނުނު ކަމަށް ބުނާ ވީޑިއޯތައް ދައްކައިލިއެވެ. އަށް ވީޑިއޯއެއް ދައްކައިލިއިރު، މައިގަނޑު ގޮތެއްގައި ހިމެނެނީ އައިއެސް ޖަމާއަތުގެ ވިސްނުންތަކާއި އޭގެ ތަގުރީރުތަކާއި، ސީރިއާގައި ކުރަމުންދާ ހަނގުރާމައިގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެކެވެ.

އެއިން އެއް ވީޑިއޯއިން ދިވެހި ބަހުން އަޑު އަޅާފައިވެއެވެ. އަދި އެ ވީޑިއޯގައި ސީރިއާގައި ކުރަމުންދާ ހަނގުރާމައަށް ދިޔަ އަދި އެ ހަނގުރާމަ ތެރެއިން މަރުވި ދިވެހިންގެ ފޮޓޯތަކާއި ވީޑިއޯތައް ފެނެއެވެ.

އަމީންގެ ލެޕްޓޮޕްގައި ހުރި ވީޑިއޯތަކެއް ކަމަށް ބުނެ ވީޑިއޯތަކެއް ޝަރީއަތުގައި ދައްކައިލިއިރު، މީގެ ލިޔެކިއުންތަކާއި ހެކިތައް ދިފާއަށް ޚިއްސާ ނުކުރާތީ އެ ކަމާ ދިފާއީ ވަކީލު އިބްރާހީމް ވިޝާމް ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.

އޭގައި ހިމެނޭ ވީޑިއޯތަކުގައި ތަފާތު އެކި ބަހުރުވަ ހުރިއިރު އޭގެ ތަރުޖަމާއެއް ދޭން ވެސް ދިފާއުން އެދިވަޑައިގަތެވެ. އެ ކަން ވެސް ހަމަނުޖެހުމުން ދިފާއަށް ފުރުސަތު ހަނިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއީ ވަކީލުންގެ ވާހަތަކަށް ރައްދެއް ދެއްވަމުން ދައުލަތުގެ ވަކީލު އަހްމަދު ނައުޝާދު ވިދާޅުވީ މި ރިޕޯޓް ފައިލްއަކީ ކްރިމިނަލް ކޯޓުގެ ނިންމުންތައް ދިފާއުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައި އެ މަރުހަލާ ފެށުމުގެ ކުރިއަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި ކަންކަމުގެ ތެރޭ ހިމެނޭ ފައިލެއް ކަމަށެވެ.