ތިން ގައުމަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުން، އެބޭފުޅުންގެ ސަފީރުކަމުގެ ފޮތްކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވައިފިއެވެ.

ރައީސް އަށް މިއަދު އަރުވާފައި ވަނީ، ސްވިޓްޒަރލޭންޑް، ސްނެގަލް، އަދި ތުރުކީން ރާއްޖެއަށް ކަނޑައެއްޅުއްވި ސަފީރުންގެ ފަތްކޮޅެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަަސްމިއްޔާތެއްގައި އެ ފަތްކޮޅާއި، ރައީސް ސޯލިހް ހަވާލުވެވަޑައިގެންނެވިިއިރު، ސްވިޓްޒަރލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ޑޮމިނިކް ފަރގްލަރ ވިދާޅުވީ، ސްވިޓްޒަރލޭންޑުގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިކުރުމުގެ ގޮތުން ރާއްޖެއާ ގުޅިގެން މަސައްކަތްކުމުގެ ޝައުގުވެރިކަން އެބަ އޮތް ކަމަށެވެ. އަދި ރާއްޖެއަކީ ސްވިޓްޒަލެންޑުގެ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްކަން ފާހަގަކުރައްވައި ރާއްޖެއާ އެ ޤައުމާ ދެމެދު ސިދާ ވައިގެ ދަތުރުތައް ވަރަށް އަވަހަށް އަލުން ފަށާނެކަމަށް ސަފީރު ވިދާޅުވިއެވެ. މީގެ އިތުރުން ވިލާތުގެ ޤައުމުތަކަށް ދަތުރުކުރާ ދިވެހިންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތަށް ހަމަޖެއްސުމާއި ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ދަރިވަރުންނަށް ވިލާތުގެ ގައުމުތަކުން މަތީ ތައުލީމުގެ ސްކޮލަރޝިޕް ފުރުސަތުތައް ހޯއްދަވައިދެއްވުމަށް ސަރުކާރުން ޝައުގުވެރިވާކަމުގައި ވިދާޅުވެފައެވެ.

އަދި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ސެނަގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު އަބްދުލް ވަހާބް ހައިދަރާ، ވިދާޅުވީ، ފަތުރުވެރިކަމާއި ސަގާފަތް ކުރިއެރުމުގެ ދާއިރާއިން ރާއްޖޭގެ ތަޖުރިބާ އެ ގައުމަށް މުހިންމު ކަމަށެވެ. މީގެ އިތުރުން ރައީސް އާއި ހައިދަރާ ވަނީ ކައުންޓަރ ޓެރަރިޒަމް އަދި އިންސާނީ ހައްގުތަކާ ގުޅޭ ދާއިރާއިން ދެ ޤައުމުން އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ރާއްޖެއިން އެންމެ އިސްކަންދޭ އެއްކަމަކީ އިގްތިސޯދީ އަދި ވިޔަފާރީގެ ގުޅުންތައް ރަނގަޅުކޮށް، ރާއްޖެއަށް އިތުރު އިންވެސްޓްމަންޓްތައް ގެނައުންކަމަށެވެ.

ތުރުކީވިލާތުގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ރަކީބޭ ޑެމެޓް ސާކަރޗިއޮގްލޫ ވިދާޅުވީ، ރާއްޖެއާ އެ ގައުމާއި ދެމެދު ގުޅުން ބަދަހި ކުރަން ބޭނުންފުޅުވާ ކަމަށެވެ.

މި ބައްދަލަވުމުގައި ރައީސް ވަނީ ރާއްޖެއާއި ތުރުކީގެ ދެމެދު ވިޔަފާރިއާއި އިންވެސްޓްމަންޓް އިތުރުކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، ތުރުކީގެ ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދައުވަތު ދެއްވާފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުންބަދަހިކުރުމާއި ގުޅޭގޮތުން ވެސް ރައީސް ވާހަކަފުޅު ދެއްކެވިއެވެ. މިބައްދަލުކުރެއްވުމުގައި ތުރުކީ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ޙަރަކާތްތެރިވާ ތުރުކީގެ ކުންފުނިތަކަށް ކުރިމަތިވާ ދަތިތައް ޙައްލުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް ވިދާޅުވީ، ހަރުކަށި ފިކުރާއި، ނިރުބަވެރިކަމުގެ އަމަލުތައް އިތުރުވަމުންދާ ދިއުމަކީ ކަންބޮޑުވާ މައްސަލައެއްކަން ފާހަގަކުރައްވައި މި މައްސަލަތައް ހައްލުކުރުމުގައި މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢު ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށެވެ.

މީގެ އިތުރުން ނިރުބަވެރިކަމާއި، ކަނޑުފޭރުމާއި، ރޭވިގެން ހިންގާ ޖަރީމާތައް ހުއްޓުވުމުގައި ތުރުކީއާއި އެކުވެރި އެހެން ޤައުމުތަކާއެކު ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ތުރުކީވިލާތުގެ ސަފީރުވެސް ވަނީ މި ދާއިރާއިން ގުޅިގެން މަސައްކަތްކުރަމުން ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ތުރުކީގެ ތައުލީމާގުޅޭ މުއައްސަސާތައް މެދުވެރިކޮށް ދިވެހިންނަށް ތަމްރީނާއި މަތީ ތައުލީމުގެ ފުރުސަތުތައް އިތުރުކުރުމާ ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން ރައީސް ވަނީ ދިވެހި ޑިޕްލޮމެޓުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތަމްރީނު ކުރެއްވުމުގައި ތުރުކީ ސަރުކާރުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި ތުރުކީވިލާތުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.