ފައިސާ ޗާޕު ކުރުމަށް ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު ދެވަނަ ފަހަރަށް އިތުރު ކުރަން ސަރުކާރުން އެދިފައިވާ މައްސަލާގައި މާލިއްޔަތު ކޮމިޓީން އެކުލަވާލި ރިޕޯޓް އޮތީ މަރުކަޒީ ބޭންކް، އެމްއެމްއޭގެ މިނިވަން ކަމަށް ވަދެވޭ ގޮތަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން، ރިޔާސަތުން އަންގަވާ އެންގެވުމެއްގެ ގޮތުގައި، ނަޝީދު ވިދާޅުވީ މަޖިލީހަށް މި ކަމުގައި އޮންނަ އިމަކީ ދައުލަތުގެ ޚަރަދަށް ޒިންމާ ވުމުގެ ގާނޫނުގައި ހިމެނޭ އޯވަޑްރޯގެ މާއްދާތައް އިސްތިސްނާ ކުރުމާއި ކުރެވޭ މުއްދަތު ކަނޑައެޅުން ކަމަށެވެ. އޭގެ ތަފްސީލްތައް ނިންމުމަކީ އެމްއެމްއޭގެ މެންޑޭޓެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި ގޮތަށް މަޖިލީހުގެ ކައުންސިލަ ޖެނެރަލް ނަޝީދަށް ގާނޫނީ ލަފާ އަރުވާފައިވާއިރު، މާލިއްޔަތު ކޮމިޓީން މައްސަލަ ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައި އެމްއެމްއޭގެ މި މިނިވަން މަސްއޫލިއްޔަތު އަދާ ކުރަންވީ ގޮތުގެ ތަފްސީލްތައް ހިމެނިފައިވާ ކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ. ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒްއާ މަޝްވަރާ ކުރައްވައި އެ ކަން އިސްލާހު ކުރާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކޮމިޓީ ރިޕޯޓްގައިވޭ މި ދަރަންޏަކީ 50 އަހަރުން ދައްކާ ބޮންޑަކަށް ބަދަލު ކުރަން، އޭގެ އިންޓެރެސްޓް ރޭޓް ވެސް ކަނޑައަޅާފައި، އެކަމަކު މި ވާން ޖެހެނީ މަޖިލީހުން އަރުވާ ލަފައަކަށް، މަޖިލީހަށް އޮންނަނީ އިސްތިސްނާ ދިނުން، ދެން އެ ކަން ހިނގާނެ ގޮތް ނިންމާނީ އެމްއެމްއޭއިން، އުނދަގޫ ކަމެއް އައިސް މި އުޅެނީ އެމްއެމްއޭގެ އެ މިނިވަން ކަމަށް ވަދެވޭނެ ތަފްސީލްތައް މިއަށް ލައިގެން،" ނަޝީދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ އޭޕްރީލް 25، 2022 އާ ހަމައަށް މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯކޮށް އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރުގެ ދުވަހުގެ މުއްދަތަށް އިތުރުކޮށްދެއްވުމަށެވެ.

އެއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ)، އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރުމަށް ހަމަ އެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިވާ ބާރެކެވެ.

2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެން ސަރުކާރުން ޗާޕް ކޮށްފައިވާ ފައިސާގެ އަދަދު މިހާރު ވެސް ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާއަށް އަރައެވެ. ފައިސާ ޗާޕް ކުރުމަކީ ޑޮލަރުގެ އަގު ވެއްޓި ތަކެތީގެ އަގު ބޮޑުވެގެން ދާނެ ކަމެއް ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.