ފައިސާ ޗާޕް ކުރަން ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައި އޮތް ހުއްދައިގެ މުއްދަތު 2023 ވަނަ އަހަރުގެ އޭޕްރީމް މަހާ ހަމައަށް ދިގު ކުރަން ރައްޔިތުންގެ މަޖިިލީހުން މިއަދު ފާސްކޮށްފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ރައްޔިތުންގެ މަޖިލީހަށް ފޮނުވި ސިޓީއެއްގައި ވަނީ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން އެމްއެމްއޭއިން ފައިސާ އޯވަޑްރޯކޮށް އެ ފައިސާ ދެއްކުމުގެ މުއްދަތު އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދިނުމަށެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގައި އޯވަޑްރޯ ކުރެވޭ އަދަދާއި އެ އަދަދު އަނބުރާ އެމްއެމްއޭއަށް ދައްކަން ޖެހޭ މުއްދަތު ބަޔާން ކޮށްފައިވެއެވެ. އެ މާއްދާއަށް އަމަލު ކުރުން އިސްތިސްނާ ކޮށްދިނުމުގެ ބާރު އެ ގާނޫނުން މަޖިލީހަށް ދީފައިވެއެވެ.

އެ އިސްތިސްނާ އިތުރު އަހަރު ދުވަހަށް ދޭން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައި އެކުލަވާލާފައިވާ ރިޕޯޓް ތަޅުމުން ފާސްކުރީ 42 މެންބަރުންގެ ވޯޓުންނެވެ. އެ ފާސްކުރަން ނުފެންނަ ކަމަށް 2 މެންބަރަކު ވޯޓު ދެއްވިއެވެ.

މިއީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) ގައި ބަޔާން ކޮށްފައިވާ އުސޫލުތަކާއި ހަމަތަކުން އިސްތިސްނާ ކުރަން ހަމަ އެ ގާނޫނުން މަޖިލީހަށް ދީފައިވާ ބާރެކެވެ.

މި ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ ގޮތުން، އޯވަޑްރޯ ކުރެވޭނީ އެންމެ ފަހު ތިން އަހަރުގެ ދައުލަތުގެ އާމްދަނީގެ އެއް އިންސައްތައެވެ. އަދި އެ އަދަދު އެމްއެމްއޭއަށް 91 ދުވަހުގެ ތެރޭގައި ސަރުކާރުން އަނބުރާ ދައްކަން ޖެހޭނެއެވެ.

އެކަމަކު ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތު ކުރިމަތިވެ ދައުލަތުގެ އާމްދަނީ ދަށްވުމުން، އަހަރު ދުވަހަށް އެ މާއްދާ އިސްތިސްނާ ކޮށްދޭން ސަރުކާރުން އެދުނީއެވެ. ސަރުކާރުން އެދިގެން ދެވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިން އިރު، މިހާތަނަށް ހަތަރު ބިލިއަން ރުފިޔާ ޗާޕުކޮށްފައިވެއެވެ.

މާލިއްޔަތު ކޮމިޓީ ރިޕޯޓްގައިވާ މަޖިލީހުގެ ލަފާ

މަޖިލީހުން މިއަދު ފާސްކުރި މާލިއްޔަތު ކޮމިޓީގެ ރިޕޯޓްގައި ވަނީ ޑިސެމްބަރު 31، 2021 ގެ ނިޔަލަށް އެމްއެމްއޭގެ ޕަބްލިކް އެކައުންޓް އޯވަޑްރޯވެފައިވާ މިންވަރު ސެކިއުރިޓައިޒްކޮށް 50 އަހަރުގެ އޯމައިޓައިޒިން ބޮންޑަކަށް ބަދަލު ކޮށްދޭން ލަފާ އަރުވާފައިވެއެވެ. އޭގެ 2.5 ބިލިއަން ރުފިޔާ އެއީ އޭގެ ކޫޕަން ރޭޓް ކަމުގައި ލަފާ އަރުވަން ވެސް ކޮމިޓީ ރިޕޯޓްގައިވެއެވެ.

ޖެނުއަރީ 1، 2022 އިން ފެށިގެން ޑިސެމްބަރު 31، 2023 އަށް އޯވަޑްރޯ ކުރެވޭނެ އެންމެ މަތީ ލިމިޓަކީ 2.5 ބިލިއަން ރުފިޔާ ކަނޑައަޅަން މަޖިލީހުން ސަރުކާރަށާއި އެމްއެމްއޭއަށް ލަފާ ދޭން ވެސް ރިޕޯޓްގައިވެއެވެ. އަދި އޯވަޑްރޯ ކޮށްފައިވާ އަދަދުން 0.1 ބިލިއަން ރުފިޔާ އިންޓެރެސްޓް ރޭޓްގައި ދައްކަން ވެސް ލަފާ ދީފައިވެއެވެ.

އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީން ބަޔާން ކޮށްފައި އޮތީ އެ ކަންކަން މަޖިލީހުން އަންގާ ގޮތަށެވެ. އެކަމަކު މަޖިލީހަށް ދެވޭނީ ލަފައެއް ކަމަށާއި ކޮމިޓީ ރިޕޯޓް އޮތީ އެމްއެމްއޭގެ މިނިވަން ކަމަށް ވަދެވޭނެ ގޮތަކަށް ކަން ކައުންސިލަ ޖެނެރަލް ވަނީ ގާނޫނީ ލަފާ އަރުވައިފައެވެ. އެހެންވެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ކަން އެންގެވުމުން ކޮމިޓީގެ މުގައްރިރު އަދި ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް އެ ގޮތަށް އިސްލާހު ހުށަހެޅުއްވީއެވެ.

.މާލިއްޔަތު ކޮމިޓީގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި އިސްލާޙު ވެސް ހިމަނައިފައެވެ. އެ އިސްލާހު ވެސް ފާސްކުރީ 41 މެންބަރުންގެ ވޯޓުންނެވެ.

މާލިއްޔަތު ކޮމިޓީގެ މުގައްރިރު ނާޝިޒް މިއަދު ވިދާޅުވި ގޮތުގައި މަޖިލީހުން މި ކަންކަމަށް ލަފާ އެރުވީ، އޯވަޑްރޯ ކުރެވޭ މިންވަރުން ނުވަތަ ފައިސާ ޗާޕް ކުރެވޭ މިންވަރުން އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ ވަރަށް އަންނާނެ ބަދަލުތަކާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭއާ މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.

މީގެ ބޭނުމަކީ ތަކެތީގެ އަގު އުފުލޭ ވަރު ވީ އެންމެ ކުޑަކައަކަށް ބެހެއްޓުމާއި އެ ހިފެހެއްޓުން ކަމަށް ނާޝިޒް ވިދާޅުވިއެވެ. އޭނާ ވެސް ވިދާޅުވި ކަމަކީ ފައިސާ ޗާޕުނުކޮށްފިނަމަ އިގްތިސާދު ހިންގަން ދަތިވެ، އިގްތިސާދު ބަނގުރޫޓުވެދާނެ ކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަބްދޫ

    ފައިސާ ޗަޕްކުރާދަރަނި އެ ސަރުކާރެއް ގެވެރިކަން ނިމުމުގެ ކުރިން ދައްކާ ހަލާސް ކުރެވެން ޖެހޭނެ. އރެމްއެމްއޭ އިން ވެސް ކަންކުރަންޖެހޭނީ އެގޮތަށް 50 އަހަރުގެ ބޮންޑަކަށް ބަދަލު ކޮށްފިނަމަ ފަހުންއަންނަ ސަރުކާރުތަކަށް ޖެހެނީ މިދަރަނި އަދާކުރަން މިދަރަންނަކީ އިބްރާހީމް މުހަންމަދު ސާލިހް އައި އަމީރު ދަވްލަތުގެ ގާނޫނުއަސަސީގެ 115 ވަނަ މާއްދަގަ ބުނާގޮތާއި ހިލާފަށް ދަވްލަތގެ ފައިސާ ބޭނުންކޮށްގެން އެންޓިކަރެޕްސަނުގެ ގާނޫނުގަ ބުނާ ނާޖާއިޒްފައިދާ ހޯދުމާ ވަކިބަޔަކަށް ނާޖައިޒް ފައިދާ ހޯދާދިނުމަށް ދެމުންދާ ވަޒީފާތަކަށް ހަރަދުކުރާ ފައިސާއަށް ވުމުން މިފައިސާ 50 އަހަރަށް ދިގު ދެމިޔަ ދީގެންނުވާނެ. ފައިސާ ޗާޕްކުރަންފެށުމުން ގައުމު މިވަނީ ބަގުރޫޓް ވެފަ. ދުވަސްކޮޅަކުން ޑޮލަރެއްގެ އަގު /50 ރުފިޔާއަށް އަރާނެ.

  2. ދަރަނި ދަންތުރަ

    ހާސް ކަނޑާލާ ކެނެރީގޭ ބޭޗާރާގެ ބޭނުންތަށް ފުއްދޭތޯ ރީނދޫ ގުރޫޕު ބަލާ މުޅި ގައުމު ދަރާވިކުނަސް އެ ގުރޫޕަށް އޯކޭވާނެ ، އެމް ޑި ޕީ ގައުމުގެ ހަލާކު

  3. ހުސޭނުބޭ

    އަހަރެމެންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިނަށް ތި ދަރަނީގެ ވާރުތައަރާގޮތް ދޯ ތި ހަދާލީ

  4. ހުސެން

    ދަރަނި ވާނީ ދަރަނިއަށް.އޭގެ ސަބަބުން އަގު އުފުލޭނެ.ދެން ލާދަ މަތިވާނެ.ދެން ރައްޔިތުން ކެކި ސަރުކާރު ވައްޓާލާނެ އިން ޟާ ﷲ.އެހެންވެ ބޮންޑޭ ކިޔައި ރައްޔިތުންނަށް އޮޅުވާލަނީ.،ރައްޔިތުން އެބަ ކެކޭ،މައިތިރި ނުވާ ހިސާބަށް ދަނީ